ބޮލީވުޑް

ސޯނަމް ކަޕޫރު އެނބުރި ޝޫޓިންއަށް

Mar 18, 2015

ސްވައިން ފްލޫ ޖެހިގެން ފަރުވާހޯދުމަށްފަހު މުޅިން ރަނގަޅުވެ، ބޮލީވުޑްގެ ފިލްމީތަރި ސޯނަމް ކަޕޫރް ފިލްމު ''ޕްރޭމް ރަތަން ދަން ޕާޔޯ'' ގެ ޝޫޓިންއަށް ނިކުމެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ސޯނަމް މިއަދު މުމްބާއީގެ އެއާޕޯޓަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ. ބެލެވޭގޮތުގައި ސޯނަމް މިހާރުވަނީ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ޝޫޓިންއަށް ރާޖްކޮޓްއަށް ގޮސްފަ އެވެ.

ސޯނަމް އަށް ސްވައިން ފްލޫ ޖެހިފައިވާކަން އެނގިފައިވަނީ ސަލްމާން ޚާން ލީޑް ރޯލު ކުޅޭ ''ޕްރޭމް ރަތަން ދަން ޕާޔޯ'' ގެ ޝޫޓިންގެ ތެރޭގަ ގުޖަރާތްގެ ރާޖްކޮޓް ގައެވެ. ނަމަވެސް ފެބްރުއަރީ 28ވަނަ ދުވަހު ސޯނަމް ވަނީ ޗާޓަރު ފްލައިޓެއްގައި މުމްބާއީ އަށް ގެނެސް ފަސް ވަރަކަށް ދުވަހު އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ފަރުވާދިނުމަށްފަހު ސޯނަމް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ.

މިއަދު ސޯނަމް އެއާޕޯޓުން ފެނިފައިވާއިރު، ބަލިން މުޅިން ރަނގަޅުވީ ނަމަވެސް އަދިވެސް މޫނުމަތިން ވަރަށް ވަރުބަލިކަމަށް ދައްކާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މީގެ ދެދުވަސްކުރިން ސުޕަސްޓާ އާމިރް ޚާންވެސް ވަނީ ސޯނަމްއާ ބައްދަލުކޮށްފަ އެވެ. ހަމަ އެދުވަހު ސޯނަމްވަނީ އޭނާގެ ގެއިން ކާރެއްގައި ނިކުންނަނިކޮށްވެސް ފެނިފަ އެވެ.

ސޯނަމްގެ ގާތްމީހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ސޯނަމްއާއެކު އޭނާގެ ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރު ވެސް ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ސޯނަމް ސްވައިން ފްލޫއަށް ޕްޒިޓިވް ވުމާ ގުޅުގެން ސަލްމާން ޚާންވެސް ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ތޯ ބަލަން ޓެސްޓްހަދާފަ އެވެ.

މިއަހަރު ދިވާލީގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޝޫޓިންފެށުނު ދުވަސްކޮޅުވެސް ސޯނަމްވަނީ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފަ އެވެ.

މިއީ ސަލްމާނާ އެކު ސޯނަމް ކުޅޭ ދެ ވަނަ ފިލްމެވެ. ސޯނަމްގެ ފުރަތަމަ ފިލްމު "ސާވަރިޔާ"ގައި ސަލްމާންވަނީ މުހިއްމު ރޯލަކުން ފެނިފަ އެވެ.