ވިޔަފާރި

ދަތުރުފަތުރަށް ދޭ ސަބްސިޑީ ކަޑާލުމުން އެމްޓީސީސީގެ ފައިދާ ދަށަށް

Jan 31, 2017
3

އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އަށް ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ 2015 އަހަރަށް ވުރެ، 32 ޕަސެންޓް ދަށަށް ގޮސް، އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އިން އާންމު ކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހު ލިބުނު، 31.2 މިލިއަން ރުފިޔާގެ ފައިދާއާ އެކު އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ޖުމްލަ 104.8 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ 2015 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު، 156.4 މިލިއަން ރުފިޔާއާ އަޅާބަލާ އިރު، 51.6 މިލިއަން ރުފިޔާ މަދު 32 ޕަސެންޓްގެ ދަށްވުމެކެވެ.

ރިޕޯޓްގައިވާ ގޮތުގައި، 2015 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރުގެ ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، އާންމު ދަތުރުފަތުރުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އެ ކުންފުންޏަށް ދެމުން އައި ސަބްސިޑީ މިދިޔަ އަހަރު ކަނޑާލުމެވެ. ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެ ކުންފުނިން، ދެމުން އަންނަ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތްތުގެ ވިޔަފާރިން 32 މިލިއަން ރުފިޔާގެ ގެއްލުމެއް މިދިޔަ އަހަރު ލިބިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ފައިދާ ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް އެ ކުންފުންނީގެ އާމްދަނީ ވަނީ 2015 ވަނަ އަހަރާ އަޅާބަލާ އިރު 35 ޕަސެންޓް އިތުރުވެފަ އެވެ. އެ ކުންފުންޏަަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، ވިޔަފާރި ހިންގުމުގެ ހަރަދުު، ނޫނީ ކޮސްޓް އޮފް ސޭލްސް ވަނީ ދަށްކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް އިދާރީ ހަރަދުތަކާއި ވިޔަފާރި މާކެޓް ކުރުމުގެ ހަރަދުތައް އަދި ބޭންކްތަކުގެ ފެސިލިޓީތައް އިތުރު ކުރުމަށް ހިނގި ހަރަދު ވަނީ މައްޗަށް ގޮސްފަ އެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު ނިންމާލި އިރު ކުންފުނީގެ ދަރަނިތައް ކުޑަކޮށް ލިކިއުޑިޓީ ރޭޝިއޯ ވަނީ 1.40 އަށް ރަނގަޅުކޮށްފަ އެވެ.

އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ކެޕިޓަލްގެ ގޮތުގައި 34 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ. އަދި ނުދައްކާ ހުރި ލޯނުތަކުގެ ތެރެއިން 12.5 މިލިއަން ރުފިޔާ އަހަރުގެ ފަހު ތިން މަސްދުވަހު އެ ކުންފުނިން ދައްކާ ވަނީ ހަލާސްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން 65 މަޝްރޫއެއް ހިންގި އިރު، ހަ ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ. ދެން ބާކީ ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ކުންފުނިން ވަނީ ވިޔަފާރި ފައިދާގެ ޓެކްސްގެ މިދިޔަ އަހަރު ދައުލަތަށް 18.5 މިލިއަން ރުފިޔާ ދައްކައިފަ އެވެ.