ވެރައިޓީ ޝޯތައް މި ރާއްޖޭގައި ގިނަވެގެން ގޮސް ބަލައިފައި ނުބަލާނެ ޝޯއެއް ކަނޑައަޅަން ގޭގެ ސިޓިންރޫމުގައި އުނދަގޫވެފައިވިޔަސް ދިވެހި ސިނަމާގެ މައި މަރުކަޒު ކަމުގައިވީ އޮލިމްޕަހުގެ ރިހި އިސްކިރީނަށް ބޯ ދިއްކޮށްލުމުން މި ވެރައިޓީއެއް ނުވަތަ ތަފާތެއް ކުރިމަތިވެގެން ހާސްވާކަށް ނުޖެހޭނެ އެވެ. އެކަމަކު ފަހަރުގައި އަބަދު އެކައްޗެއް ކެވޭ ކަމުގެ އިހްސާސުކުރެވި ފޫހިކަމެއް ވެރިވެދާނެ އެވެ.
ސަބަބަކީ މިވީހާ ތަނަށް "އޮލިމްޕަހުގެ ހޫނު ރެސްޓޯރަންޓުގައި" ބެލުންތެރިންނަށް ސާވްކޮށްދިނީ ސެޓު މެނޫއަކުން ކަމަށްވީތީ އެވެ. ނަމަވެސް އިންޑަސްޓްރީއަކަށް ކުފޫ ހަމަވުމަށް ފޫގަޅާލާފައިވާ ފިލްމީ ދާއިރާގެ މިއަދުގެ ބޮޑު މަންޒަރަށް ބަލައިލުމުން ލިބޭ ޚަބަރާއި ކުރެވޭ އުއްމީދާއި ފެންނަ މަންޒަރު ވެސް މި ވަނީ "ސެޓު މެނޫއެއްގެ އަގުހެޔޮ ކެއުން" ފަހަނަޅައި ގޮސްފަ އެވެ.
ބައެއް މީހުން ބުނަނީ ދިވެހި ސިނަމާގެ ސެޓު މެނޫ އަށް ޓާޓާކިޔަން ޖެހޭ ވަގުތަކީ މިއީ ކަމަށެވެ. އަދި 2017 ވެގެންދާނީ އާންމުކޮށް ދިވެހިން އުފެއްދި ނުވަތަ ދިވެހިން ބެލި ފިލްމުތަކަށް ވުރެން ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި، ފެންވަރު ރަނގަޅު ފިލްމުތަކެއް ބަލައިލުމަށް ފަހިވާނޭ އަހަރެއް ކަމަށެވެ.
އެކަމަކު އެ އުއްމީދަކަށް ދުރުމި ނާޅައި، ދިވެހި ސިނަމާގައި އެންމެ ފަސޭހަ ތައްޔާރީ ކާނާ އާއި ރަހައަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. އެ ރަހަތަކުން އަރައިގަނެވޭތޯ އާއި އިތުރު ރަހަތަކެއް ދޭ ވަރުގެ މަސައްކަތްތަކެއް ފެނޭތޯ ބަލާނީ އެއަށް ފަހު އެވެ.
އޮލިމްޕަސް ރެސްޓޯރަންޓުގެ ސެޓު މެނޫ!
މި ތަނުން ލިބެންހުރި ފިލްމުތަކަށް ބަލާއިރު ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލީ "ނަހޫ އިސްޓައިލްގެ މަސާލާ" ފިލްމުތަކެވެ. މި ވައްތަރުގެ ދިވެހި ފިލްމަކީ އޭގައި އާންމުކޮށް ދިރިއުޅުމާއި ހަޔާތުގެ ހުރިހާ އިހްސާސަކާއި ކުލައެއްގައި ފިލިޖަހަން ނުޖެހޭ މިންވަރަށް ފިލިޖަހައިގެން ގެނެސްދީފައި ހުންނަ ފިލްމުތަކެވެ. މިއީ ގިނަ ދިވެހިންނަށް އެންމެ ކަމުދާ ބޮލީވުޑްގެ މަސާލާ ފިލްމުތަކާ ފުދޭވަރަކަށް ވުރެން ބޮޑަށް ތިމާގެ ކަމަށް ދައްކާ ފިލްމު ޖޮންރާއެކެވެ.
ނަހޫ އިސްޓައިލްގެ މަސާލާ އަށް ފަހު އޮލިމްޕަހުގައި އެންމެ ގަދަ އަށް ކެއްކޭ އަނެއް ވައްތަރުގެ ފިލްމަކީ ޖިންނި އަވަލާ މަސާލާގެ ފިލްމުތަކެވެ. މި ފެންވަރުގެ ބިރުވެރި ފިލްމުތަކެއް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި އުފައްދާ ކަމުގެ މައުލޫމާތު އަޅުގަނޑަކަށް ލިބިފައެއް ނުވެ އެވެ. ސަބަބަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި މީހުން ބިރުވެރި ފިލްމު ބަލައިގެން ފިތްކަނޑައިގެންގޮސް އަނެއް ބަޔަކަށް ސިނަމާ އަށް ހޭނެތިގެން ވެއްޓޭއިރު މި ރާއްޖޭގައި އިހަކާ ޖެހެން ދެން އުފެއްދި ބިރުވެރި ފިލްމުތައް ބަލަން ވަރަށް ގިނަ ބަޔަކު ދިޔައީ ހުނުމުގެ ތެރަޕީއެއް ލިބިގަތުމަށެވެ. -- އެހެންވީމަ ކޮމެޑީ ދިވެހި ފިލްމުތަކުގެ ފޯރިގަދަކޮށްލީ ޑާކު ރެއިންގެ ފިލްމަކާއި އިހަށް ދުވަހު ދެއްކި "ބައިވެރިޔާ" އާ ހަމައަކުންނޭ ބުނެވޭކަށް ވެސް ނެތެވެ.
ހަގީގަތަކީ މިއީ އެވެ. ދިވެހިންގެ ފިލްމީ ދާއިރާ އިއްޔެއާ ހަމައަށް އޮތް ގޮތަކީ މިއީ އެވެ. އެތަނުން އުފެއްދި ދެ ވައްތަރުގެ ފިލްމަކީ މިއީ އެވެ. އެއީ ނަހޫ އިސްޓައިލްގެ މަސާލާ އާއި އަމްޖޭ އިސްޓައިލްގެ ބިރުވެރި މަސާލާގެ ފިލްމުތަކެވެ.
އެކަމަކު ފާއިތުވެގެން މިދިޔަ ދެ ތިން އަހަރާއި މި އަހަރުގެ ފިލްމު ކަލަންޑަރަށް ބަލައިލުމުން އިތުރު އެތައް އެހެން މަސާލާއެއްގެ ވަސްގަނޑު ވެސް އަރައިގެން އެބަ އާދެ އެވެ.
އަމިއްލަ އަށް ކައްކަން ދަސްކުރަން ފެށުން!
ނިމިގެން ދިޔަ ދެ ތިން އަހަރު ހަވާސާއަށް ޖައްސާލާފައި ދިވެހި ސިނަމާގެ ތާރީޚު ހާވައި ބަލައިފި ނަމަ ފެންނާނީ ބޮލީވުޑްގެ ފިލްމުތަކުގެ މަންޒަރުތަކެވެ. ގިނައިން އިވޭނީ ބޮލީވުޑްގެ ފިލްމުތަކުން އިވޭ މަޝްހޫރު ލަވަތަކުގެ ދިވެހި ވާޝަންތަކެވެ. ބޮލީވުޑުން އޮލިމްޕަހަށް ވާރުތަނުކުރި ހަމައެކަނި އުފެއްދުމަކީ "އައިޓެމް ލަވަ" އެވެ. އެ ހިސާބަށް މި މައްސަލައެއް ނުގޮސް ދިވެހިންގެ ފިލްމު އުފެއްދުމުގެ ވައްޓަފާޅި ބަދަލަކަށް މިސްރާބު ޖަހާލިކަން އެއީ ނަސީބެކެވެ.
ނަމަވެސް އަދިވެސް ބަޔަކު މީހުން "އިންސްޕިރޭޝަންސް" ގެ މާނަ އޮޅުވާލައިގެން ހިންދީ ފިލްމާއި ހޮލީވުޑްގެ ފިލްމުތައް ކޮޕީނުކުރެއެކޭ ނޫނެވެ. އެހެން ނަމަވެސް އަމިއްލަ ނުވަތަ އޮރިޖިނަލް މަސައްކަތްތަކަށް ހަގީގީ ހިތްވަރެއް ލުމުގެ ރޫހެއް ފިލްމީ ދާއިރާގައި މި ވަނީ މިހާރު އުފެދިފަ އެވެ. ފިލްމު އުފެއްދުމުގައި ވިޔަފާރިއަށް ވުރެ ބޮޑު ޝަރަފުވެރިކަމެއް އޮތް ކަމާއި އެ ޝަރަފުވެރިކަމަށް ކިޔަނީ "އާޓް" ކަން އެނގި މިއަށް އިހްތިރާމްކޮށް ޝަރަފާއި ފަހުރަށް ފިލްމު އުފެއްދުމުގެ ފޯރި ވެސް މި ވަނީ ގަދަވެފަ އެވެ.
މިއީ ފިލްމު އިންޑަސްޓްރީއަކަށް ނުވެ އޮތް ދިވެހި ސިނަމާ ބައިނަލްއަގުވާމީ ފެންވަރަށް އުފުލުމަށް ފަށާ ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށް ވެދާނެ އެވެ.
ކުރިން ހިންދީ ފިލްމުތައް ސީދާ ޝޮޓުން ޝޮޓަށް ކޮޕީކޮށްގެން ގެނެސްދިން ޕްރޮޑިއުސަރުން އޮރިޖިނަލް މަސައްކަތްތަކަށް ހޭދަކުރަމުން އަންނައިރު ސަރަހައްދުގެ ފިލްމު ފެސްޓިވަލްތަކުގައި ވާދަކޮށް، އަހަރެމެން މި އޮތްހާ ދުވަހު ކޮޕީކުރި ބޮލީވުޑަށް ގޮންޖަހާލެވޭ ފެންވަރުގެ ފިލްމުތަކެއް ވެސް މިފަހުން އުފައްދާފައި އެބަހުއްޓެވެ. މިސާލަކަށް ނަގަނީ ނަމަ، ހޭލާ އާއި ލޫދިފާ އަދި އިނގިލި އާއި އިންސާނާ އަދި މިކޮއެ ބައްޕަ ބައެ ބައެ ފަދަ ފިލްމުތަކަކީ ދިވެހިންގެ ޒަމާންވީ ފީކަޅާ އިސްޓައިލްތައް ދޫކޮށް ހަގީގީ ފިލްމު މޭކިންގެ ސިފަ ޖެހިގެން ނެރެފައިވާ ފެންވަރު ރަނގަޅު ފިލްމުތަކެވެ.
ހަމަ މިއާއެކު ކޮމާޝަލް އެލެމެންޓްތައް ވެސް ހިމަނައިގެން ފިލްމުތަކުގެ ފެންވަރު މިފަހުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. މިސާލަކަށް ނަގަނީ ނަމަ ކޮމާޝަލް ސުޕަސްޓާ އަލީ ސީޒަން ވަރަށް ފަހުން ގެނެސްދިން "އަހުޝަމް" އާއި ޔޫސުފް ޝަފީއުގެ "އިންސާފު" އަދި ޑާކް ރެއިންގެ "ދިން ވޭނުގެ ހިތާމާގައި" ފަދަ ފިލްމުތަކަކީ ޒަމާނުއްސުރެން ވެސް ދިވެހި ސިނަމާގައި ހިމެނޭ މެލޯޑްރާމާގައި އެހެން ކުލަތަކެއް ޖައްސުވައިދިން ފިލްމުތަކެކެވެ.
ފާތިމަތު ނަހުލާ އާއި ޝިނާން ޑައިރެކްޓްކޮށްފައިވާ "ފޯ ފޯ ޓޫ ސިކްސް" އަކީ ރަތް ލިބާސްލީ ޖިންނި ފައްސާލައި ގޮޅިޖެހި ގަމީހުގެ ފެޝަން ދިވެހި ސިނަމާ އަށް ގެނެސްދިން ޖިންނި، ޖިނާ އަށް ފަހު ދިވެހި ބިރުވެރި ފިލްމުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައި ފިލްމެވެ.
މި ބަދަލަކަށް މިގޮތަށް ތައުރީފު އޮއްސާއިރު ކޮމާޝަލް ފިލްމާއި އާޓް ފިލްމު އަދި ކޮމާޝަލް އާއި އާޓް އެލެމަންޓްތައް ވެސް ހިމެނޭ ގޮތަށް ފިލްމުތައް އުފައްދަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމަންޓުން މި ދާއިރާގައި ގާއިމުކޮށްފައިވާ ބެންޗު މާޗުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ކުރިން ދިވެހި ސިނަމާގެ ބެންޗު މާކަކީ އެއް ފިލްމުގެ ކާމިޔާބީއާ އެކު ތާރީޚުގެ ތެރެއަށް ވަދެގެން ދިޔަ ޓެޑްރީ މުހައްމަދު ނިޔާޒެވެ. ނަމަވެސް "ޓެޑްރީ ކޮލިޓީ" އަށް ވުރެން ވެސް ދިވެހި ސިނަމާ މިއަދު ކުރިއަށް ޖެހިލައިފި އެވެ.
އެކްޓަރުންނެއް ނޫން ނެތީ!
ދިވެހި ސިނަމާގެ ކުރިއެރުމުގެ ވާހަކަ ދެކެވޭއިރު ވަރަށް ގިނަ ފަހަރަށް ކުށްވެރިކުރެވެނީ އަބަދުހެން އެއް ފިލްމުތަކުން ނުވަތަ އެއް ރޯލަކުން ކަހަލަ ގޮތަކަށް ފެންނަ އެކްޓަރުންނެވެ. ހައެއްކަ އެކްޓަރުން ތިބޭތީ އަހަރަކު ހަ ފިލްމު ނެރުނަސް މި ހަ ފިލްމުން ވެސް ފެންނަނީ ހަމަ އެއް މޫނުތަކަކާއި އެއްވަރެއްގެ ހުނަރުވެރިކަމެކެވެ.
މިހެން މި ސިލްސިލާއެއް ކުރިއަށްދާތީ އަބަދުވެސް ބެލުންތެރިންގެ ރުޅިގަނޑު ބޭލެވެނީ މި ތަރިންނަށެވެ. ނަމަވެސް ހަގީގަތަކީ އެ ތަރިންނަށް ވުރެން ހުނަރުވެރި ނުވަތަ ހިތްވަރުގަދަ ބަޔަކު ފިލްމީ ދާއިރާގައި ނެތް ކަމެވެ. ވަރުބަލިކަމެއް ނެތި، ފޫހިވުމެއް ނެތި ކޮންމެ ފިލްމެއްގައި ދާދި އެއް ރޯލެއް ކުޅެމުން ގެންދާތާ ވިއްސަކަށް އަހަރުވަނީ އެވެ.
އެހެންވީމަ އެކްޓަރުން ނެތެކޭ ނުބުނެވޭނެ އެވެ. އެކްޓަރުން އެބަތިއްބެވެ. ފިލްމީ ދާއިރާގައި އިއްޔެއާ ހަމަ އަށް މަދުވެފައި ވީ އިންގްރިޑިއަންޓަކީ އޮރިޖިނަލް ހިޔާލެވެ. ނުވަތަ ސްމާޓް ޕްލޮޓްތަކެވެ. މި ހިޔާލުތަކާއި ޕްލޮޓްތަކަށް އެންމެފަހުން ހިތްވަރެއް ލެވުމާ އެކު އާ އެކްޓަރުންގެ ޝައުގުވެރިކަން ވެސް ފިލްމީ ދާއިރާގައި ކުއްލިއަކަށް ބޮޑުވެއްޖެ އެވެ. އާ މޫނުތަކެއް ފިލްމީ ދާއިރާގައި ކުއްލިއަކަށް ގިނަވެގެން އުޅެނީ ކުރިން ފިލްމު ކުޅުނު މަޝްހޫރު މޫނުތައް ފިލްމު ކުޅުން ހުއްޓަލުމަކުންނެއް ނޫނެވެ. އާ ހިޔާލާއި ކުރިއެރުމާއި ފެންވަރު ދައްކަން ފެށީމަ މީހުންގެ ޝައުގުވެރިކަމާއި އުއްމީދުތައް ވެސް ދިވެހި ފިލްމީ ދާއިރާއާ މެދު ބޮޑުވާން ފެށީ އެވެ. އެހެންވީމަ ކުރިން ފިލްމުކުޅުން އެއީ ހަޑި ކަމަކަށްވިޔަސް މިއަދު އެ ގަބޫލުކުރުން މި ދަނީ ބަދަލުވަމުންނެވެ.