ރާއްޖެ ޓީވީ

ވިސާމްގެ ދެވަނަ މައްސަލައިގެ ހުކުމް އަންނަ މާޗް މަހު

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާގެ ހުކުމް އިއްވުން އަންނަ މާޗް މަހުގެ ނުވަވަނަ ދުވަހަށް ތާވަލުކޮށްފި އެވެ. މީގެ ކުރިން ވިސާމްގެ މައްޗަށް ވަނީ 28،800 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އައިސްފަ އެވެ.

ދެވަނަ މައްސަލާގައި ވިސާމްގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދައުވާ އެވެ. ވިސާމަށް ކުރާ މި ދައުވާގައި ބުނަނީ މާޗް 25، 2015 ވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބަލަން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ. -- އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.

މިއަދު ބޭއްވި މި މައްސަލާގައި އަޑުއެހުމުގައި ދައުލަތުން ވިސާމާ ދެކޮޅަށް ހުށަހެޅި ވީޑިއޯ ފްޓޭޖެއް ދައްކައި އެއާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، އެ ވީޑިއޯ ބެލުމުން ވިސާމްގެ ދިފާއީ ވަކީލުން ހަދަނީ ދޮގުކަން އެނގޭ ކަމަށެވެ. ވިސާމްގެ ދިފާއީ ހެކިން ބުނެފައިވަނީ އޭނާ ހައްޔަރުކުރި ސަރަހައްދުގައި ބެރިކޭޑް ޖަހާފައިނުވާ ކަމަށެވެ.

އެ ވީޑިއޯއިން ވިސާމް ހައްޔަރުކުރާ މަންޒަރު ނުފެންނައިރު އެ ވީޑިއޯއަކީ ވިސާމް ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެކަން ވިސާމްގެ ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.

ވިސާމްގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ގޮތުން ވިސާމް ކުރި ކަމެއް ވީޑިއޯއިން ވެސް އަދި ދައުލަތުގެ ހެކިންގެ ހެކި ބަހުން ވެސް ނޭނގޭ ކަމަށެވެ.

ވިސާމްގެ މައްޗަށް ފުރަތަމަ އުފުލި ދައުވާގައި އިއްވި ހުކުމުގައި އޭނާ ޖޫރިމަނާކުރަން ނިންމީ، އެއީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތވި ފުރަތަމަ ފަހަރު ކަމަށްވާތީ އެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ ވިސާމްގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އައުން ގާތެވެ.