ދުނިޔެ އަށް އެންމެ މަޝްހޫރު އެއް ފްރެންޗައިޒްޑް ޝޯ، "ޕޮޕް އައިޑޮލް" މި ރާއްޖެ އަށް އެތެރެކޮށް "މޯލްޑިވިއަން އައިޑޮލް" ގެ ނަމުގައި މިދިޔަ އަހަރު އިއުލާނުކުރުމުން ވަރަށް ގިނަ ބަޔަކު ބުނީ "ތިޔައީ ނުކުރެވޭނެ ކަމެކޭ" އެވެ. އެއަށް ފަހު ފާޑުކީ ބަޔަކު ބުނީ "ތިޔޭގެ ސީޒަނެއް ފުރެން ދެން ލަވަކިޔާނެ ބަޔަކު މި ރާއްޖެއަކު" ނެތް ކަމަށެވެ.
ނަމަވެސް މީގެ އެއް އަހަރު ދުވަސް ކުރިން ޕީއެސްއެމްގެ ޓީވީއެމް އިން ޕްރިމިއާކުރި "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ އެޕިސޯޑާއެކު މީހުން ދެއްކި އެ ހުރިހާ ވާހަކައެއް ތާރީޚަށް ބަދަލުވެ މި ޝޯގެ ނޫ ކުލަ އާއި ހުދު ކުލައިން ދިވެހިންގެ މުނިފޫހިފިލުވުމުގެ ތާރީޚު ލިޔަން ފެށީ އެވެ.
އެކަމަކު މި ކާމިޔާބީއެއްގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޕީއެސްއެމް އިން މި ޝޯއެއް ހަގީގަތަށް ހެދުމަށް އެކުލަވައިލި އައިޑޮލް ޓީމުން ހޯދި ކުރިއެރުންތަކެވެ. ފުރަތަމަ ސީޒަނުގައި އެތައް ސަތޭކަ ލަވަކިޔުންތެރިންގެ އޮޑިޝަން ޕްލެޓްފޯމެއް މި ޓީމުން ކޮޅަށް ޖަހައިދިންއިރު ހަގީގަތަކީ މި ޓީމު ވެސް ދިޔައީ ބޭއިހްތިރާޔުގައި މި އޮޑިޝަނެއްގައި ބައިވެރިވަމުން ކަމެވެ. -- ފުރަތަމަ ސީޒަނަކީ ޕީއެސްއެމްގެ އައިޑޮލް ޓީމަށް ވެސް އޮޑިޝަނެކެވެ. އަދި ދެ ވަނަ ސީޒަނެއް މިދިޔަ ހަފުތާ ބަންދުގައި ޕްރިމިއާކޮށްފައި މި ވަނީ އަހަރަކަށް ދިގު ދެމިގެން ދިޔަ އެ ވަރުގަދަ އޮޑިޝަނުން ގޯލްޑެން ޓިކެޓް ކާމިޔާބުކޮށްގެންނެވެ.
އެހެންވީމަ ޕީއެސްއެމްގެ ފަންސާހެއްހާ މުވައްޒަފުންގެ މި ޓީމަށް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު ހިތަކަށް ލިބޭނީ އަދި މި ސީޒަނުގަ އެވެ.
ދިވެހިންގެ ހިޔާލާއި ދިވެހިންގެ ޑްރާމާ!
މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގެ ކްރިއޭޓިވް ޑައިރެކްޓަރު އައިޝަތު އަޒްމާ (އަޒޫ) ވިދާޅުވީ މިފަހަރުގެ ޝޯ އަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭނެ ޝޯއަކަށް ވެގެންދާނެ ކަމަށާއި މިއީ ފުރަތަމަ ސީޒަނުގެ ތަޖުރިބާއިން އެތައް ފިލާވަޅެއް ލިބިގަތުމަށް ފަހު ޓީވީއެމްގެ މުވައްޒަފުންގެ ހަގީގީ މަސައްކަތް ފެނިގެންދާނެ ސީޒަނަކަށްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރުގެ އެންމެ ބޮޑު ތަފާތަކަށްވާނީ ޝޯގެ ރިއާލިޓީ ކޮންޓެންޓެވެ.
"މިފަހަރު (ރިއާލިޓީ) ކޮންޓެންޓް ތައްޔާރުކުރީ ސީދާ ޓީވީއެމްގެ އައިޑޮލް ޓީމުން. ކުރިން ކޮންމެ އެޕިސޯޑަކަށް ވެސް (ފްރިމެންޓަލް މީޑިއާގެ) ފަރާތުން މީހަކު އައިސްގެން މަސައްކަތްކުރީ،" މިފަހަރުގެ އައިޑޮލް ޑްރާމާގެ ރިހަގަނޑު ތައްޔާރުކުރި ގޮތް ކިޔައިދެމުން އަޒޫ ވިދާޅުވި އެވެ.
އަޒޫ ވިދާޅުވީ މިދިޔަ ސީޒަނުގައި ނެތް ކޮންޓްރޯލް އޭނާގެ ޓީމަށް މި ސީޒަނުގައި ލިބިފައިވާ ކަމަށެވެ. އެގޮތުން ޝޯގެ އެޕިސޯޑްތައް ލިޔުމާ ހަމައިން ފެށިގެން ޝޫޓްކޮށް އެޑިޓްކުރުމުގައި ވެސް ކުރިން ނުލިބޭ ބާރާއި ހިޔާލާއި ނުފޫޒު މިފަހަރު ފެންނާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޓެކްނިކަލީ ގޮތުން މި ސީޒަން މައްޗަށް ޖެހިލާފައިވާ މިންވަރު އޭނާ ފާހަގަކުރެއްވި އެވެ.
"އެގޮތުން އަޅުގަނޑުމެން ޓެކްނިކަލީ ވެސް ކުރީ ފަހަރު ވެސް ބޭނުންނުކުރާ ވަރަށް ބޮޑެތި ފަސޭހަތަކާއި ކުރިއެރުން ހުންނާނެ މިފަހަރު ބޭނުންކޮށްފައި. ވަކިން ހާއްސަކޮށް ޝޮޓްތައް ރީތިކުރުމަށް އޮޑިޝަންތަކަށް އިސްކަންދީގެން ކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކޮށްލެވޭނެ،" އަޒޫ ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް ޓީވީއެމްގެ ކްރޫ އަށް އޮޑިޝަނަކަށްވީ މީގެ ކުރިން މި ފެންވަރުގެ މަސައްކަތެއް އެމީހުން ތަޖުރިބާކޮށްފައި ނެތުމުންނެވެ. ނަމަވެސް އާޚިރުގައި ހުރިހާ ވެސް ތައުރީފެއް އޮހުނީ ޕީއެސްއެމްގެ ޓީމަށެވެ. ބައިނަލްއަގުވާމީ މި ފެންވަރުގެ ޝޯއެއްގައި ތަޖުރިބާ މަދު ނަމަވެސް މަސައްކަތަށް ގާބިލު އަދި ކުޅަދާނަ ބައެއްކަން އެމީހުން ވަނީ ފުރަތަމަ ސީޒަނުން ސާބިތުކޮށްދީފަ އެވެ.
އެންމެން ކުރިއަށް ދަނީ ދާން ޖެހޭ ގޮތް އެނގިގެން!
ސީޒަން ދޭއްގެ ޑައިރެކްޓަރު ސޭމް ބުނަނީ މިހެންނެވެ. ސީޒަން އެކެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސޭމް ބުނީ މިދިޔަ ފަހަރަކީ ޝޯގެ ހުރިހާ ކަމެއް ދަސްކުރުމަށް އެންމެނަށް ލިބުނު ފުރުސަތެކެވެ. އެއަށް ފަހު އައިޑޮލްގެ ޓީމާއި ޝޯގައި ބައިވެރިވާ ފަރާތްތަކަށް ވެސް ކުރިއަށް ދާން އިތުރު ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ.
"އެހެންވީމަ މިފަހަރު ފެށިއިރު އެނގޭ ކުރިއަށް ދާން ޖެހޭ ގޮތް، މަސައްކަތްކުރަން ޖެހޭ ގޮތް އެނގޭ. (ހުރިހާ މަރުހަލާއެއްގައި) މަސައްކަތްކުރަން ޖެހޭ ގޮތް އެނގޭ. މުޅި ޕްރޮސީޗާ ކުރިއަށް ގެންދަން ޖެހޭ ގޮތް ވަނީ އެނގިފައި،" ސޭމް ބުންޏެވެ.
"މިދިޔަ އަހަރު ބައިވެރިންނަށް ވެސް ނޭނގޭ ވާނުވާއެއް. ބައިވެރިން ވެސް އަންނަނީ ތައްޔާރުވެގެން މި ފަހަރު. މިއީ ރިއާލިޓީ ޓީވީ ޝޯއެއްކަން މީހުންނަށް ވެސް އެނގޭ މިފަހަރު."
މީގެ އިތުރުން އޭނާ ބުނީ ސީޒަން ދޭއް ބެލުންތެރިންނާ ހަމަ އަށް އައުމަކީ އޭގައި އެޑްވާންޓޭޖުތަކެއް އަދި ޑިސްއެޑްވާންޓޭޖުތަކެއް ވެސް ހުންނާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިދިޔަ ފަހަރު އަލަށް ފެނިގެން ދިިއުމުން ކޮމްޕެއާ ކުރާނެ މަސައްކަތެއް ނެތް. އެކަމަކު މިފަހަރު ސީޒަން ދޭއް ކޮމްޕެއާ ކުރާނެ މީހުން ސީޒަން އެކަކާ. އެއީ އެޑްވާންޓޭޖާއި ޑިސްއެޑްވާންޓޭޖު ވެސް ހުންނާނެ ކަމެއް. ޝޯ ކުރިއަށް ދާ ގޮތާއި ވާނޭ ގޮތް އެނގޭނެ ބެލުންތެރިންނަށް.
އެހެންވީމަ އެކަމަށް ސަމާލުކަން ދީގެން ވެސް ހުންނާނެ ބަދަލުތަކެއް އިތުރުކޮށްފައި ޝޯއަށް،" ޒުވާން ޑައިރެކްޓަރު ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގެ މިހައި ހިސާބުން ވެސް ބަދަލުތަކެއް ފާހަގަކުރެވޭނެ ކަމަށާއި އަދި ކުރިއަށް ހުރި އެޕިސޯޑްތަކުން މާ ގިނަ ކަންކަން ފާހަގަކުރެވެން ފަށާނެ ކަމަށެވެ. މިފަހަރުގެ ސީޒަނުގެ ބޮޑެތި ބަދަލުތަކުގެ ތެރެއިން ޖަޖު އައްމަޑޭ ގެއްލި، ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން އަށް އެ މަގާމު ލިބުމާއި ސީޒަން އެކެއްގެ އަންހެން ހޯސްޓް މައުރީނާގެ ބަދަލުގައި ލަވަކިޔުންތެރިޔާ ލަމް ފެނިގެންދިއުން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން އޭފޯ ސައިޒުގެ ގޯލްޑެން ޓިކެޓެއްގެ ބަދަލުގައި ލޮލަށާއި އަތަށައި ބޮލަށް ފަސޭހަ ރަނުގެ ޓިކެޓެއް އަދި ދެ ކުލައެއްގެ ސެޓު ވެސް ފާހަގަކޮށްލެވެ އެވެ.