ލައިފްސްޓައިލް

ބޮލުގައި ރިހުމާއި މައިގްރޭން، އޮޅުވާނުލާތި!

Feb 1, 2017

މިއީ ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. ބޮލުގައި ކިތަންމެ ގިނައިން ރިއްސިއަސް އެކަމާ މާބޮޑަށް އަޅައެއް ނުލެވެ އެވެ. ޕެނެޑޯލް ގުޅައެއް ކާލައިގެން ނިދާލަނިކޮށް ފަރުވާ ކުރެވުނީ ކަމަށް ބަލަ އެވެ. އެކަމުން ބޮލުގައި ރިހުން ކެނޑުނަސް ނުވަތަ ނުކެނޑުނަސް އެވެ. ބޮލުގައި ރިއްސުމަކީ ކުޑަ ކަމެއް ކަމުގައި ދެކެވެނީ އެވެ. އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެވެ އެވެ. ނަމަވެސް ބޮލުގައި ރިހުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ފަހަރުގައި އެއީ އާދައިގެ ބޮލުގެ ރިހުމަކަށް ނުވެދާނެ އެވެ. އެއީ މައިގްރޭން އަށް ވެސް ވެދާނެ އެވެ.

ބޮލުގައި ރިއްސާ ގޮތަކުން އެއީ އާދައިގެ ބޮލުގެ ރިހުމެއްތޯ ނުވަތަ މައިގްރޭންތޯ ދެނެގަނެވޭނެ އެވެ. ބޮލުގައި ރިއްސަނީ ހަމަ ނިދި ނުލިބިގެންތޯ، ނުވަތަ މާ ބުރަކޮށް މަސައްކަތް ކުރާނަމަ ނުވަތަ މާ އަޑުގަދަ ވުމުގެ ސަބަބުން ކަމަށްވާނަމަ ތިއީ އާދައިގެ ބޮލުގެ ރިހުމެވެ. އެއާ ހިލާފަށް މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސާނީ އާންމުކޮށް މާ ގިނައިން ކެފެއިން ބޭނުން ކުރާނަމަ އެވެ. ނުވަތަ ގަދަ ވަސް ދުވާ ގޭސް، ދަވާދު ފަދަ ތަަކެތީގެ ވަސް ޖެހުމުންނެވެ. ނުވަތަ މާބޮޑަށް އަލި ގަދަވުމުން ބޮލުގައި ރިއްސާ ނަމަ ތިއީ މައިގްރޭން އެވެ.

މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސާނަމަ ދޭތެރެ ދޭތެރެއިން ވަރަށް ގަދައަށް ރިއްސައިގަންނާނެ އެވެ. އަދި ބޮލުގެ ތެރެއިން ވިންދު ޖަހާ ކަހަލަ އިހުސާސެއް ވެސް ކުރެވޭނެ އެވެ. އަދި ބައެއް ފަހަރު ލޯ ނުވަތަ ކަންފަތް ކައިރީގައި ވެސް ގަދަ ރިހުމެއް އުފެދެ އެވެ. މީގެ އިތުރުން ކަރުގައި ރިއްސާ، ޑިޕްރެސްވެ އަވަސް އަވަހަށް މޫޑު ބަދަލުވާނަމަ އެއީ މައިގްރޭންގެ ސަބަބުން ދިމާވާ ސައިޑް އިފެކްޓް އަކަށް ނޫނީ ނުވާނެ އެވެ. އައްސިވުމާއި ބޯ އަނބުރާ ހޮޑުލެވެން ވެސް މެދުވެރިވެ އެވެ. އަދި ބައެއް ފަހަރު ލޮލުގެ ފެނުމަށް ވެސް ބަދަލުތަކެއް އާދެ އެވެ.

މައިގްރޭންގެ މައްސަލަ އާއި ކުރިމަތިވަނީ އޯރާ އޭ ކިޔާ ސްޓޭޖަކަށް ފަހު އެވެ. މި ސްޓޭޖަކީ މައިގްރޭން ޖެހެން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފަށާ ސްޓޭޖެކެވެ. އޭގެ ތެރޭގައި އަޑު، އަލި އަދި ވަސްތަކަށް މީހާ ސެންސިޓިވް ވެ އެވެ. އަދި ވަކި ކަހަލަ ކާނާތައް ކާހިތްވާން ވެސް ފަށަ އެވެ. މި އަލާމާތްތައް ފެންނަނަމަ ވީ އެންމެ އަވަހަކަށް ފަރުވާ ފަށަން ވާނެ އެވެ. ނޫނީ ބޮޑުވަރުވެ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު މަގުފަހިވެދާނެ އެވެ.

އެހެންކަމުން މައިގްރޭން އާއި ބޮލުގެ ރިހުމުގެ ތަފާތު ދެނެގަންނަންވާނެ އެވެ. މައިގްރޭން އަކީ އަވަހަށް ފަރުވާ ކުރެވިއްޖެނަަމަ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެެކެވެ.