ކުޅިވަރު

ލިވަޕޫލް ސަލާމަތް ކުރީ މިނިއޯލޭ، އާސެނަލްވީ ބަލި!

Feb 1, 2017

ޗެލްސީ ޖެހި ޕެނަލްޓީ، ދިފާއު ކޮށް، އަމިއްލަ ދަނޑުގައި ޖެހިޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބަލިވިޔަ ނުދީ، ގޯލްކީޕަރު ސިމޯން މިނިއޯލޭ ލިވަޕޫލް ސަލާމަތް ކޮށް ދީފި އެވެ.

އޭނާ ލިވަޕޫލް ސަލާމަތް ކުރުމުން، 1923 ވަނަ އަހަރުގެ ފަހުން، އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބަލި ނުވެ ރެކޯޑް އެޓީމުން ވަނީ ދަމަހައްޓާފަ އެވެ.

މެޗްގެ 24 ވަނަ މިނެޓްގައި މެޗްގެ ފުރަތަމަ ލަނޑު ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ، ޑެވިޑް ލުއިޒް ޖެހި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދާނެ ކަމަށް ބަލަން ތިއްބައި، ގޯލްތެރެއަށް ބޯޅަ ވަނީ ދަނޑިގައި ޖެހިފަ އެވެ.

އެ ހިލޭ ޖެހުން ޖެހީ، މިނިއޮލޭ ރަނގަޅަށް ތައްޔާރު ނުވަނީ ހެވެ. އެހެންވެ ލިވަޕޫލްގެ ބެންޗުން ވަނީ އެކަމަށް އެޕީލް ވެސް ކޮށްފަ އެވެ.

ވޭތުވެދިޔަ 11 ދުވަސް ތެރޭ، އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ބަލިވެ، ލޯކަލް ދެ މުބާރާތުން ކެޓުމުގެ ހިތްދަތި ތަޖުރިބާއާއެކު، މެޗަށް ނިކުތް ލިވަޕޫލަށް ހަމަޖެހުމެއް ގެނެސްދިނީ 57 ވަނަ މިނެޓްގައި ޖޯޖީނޯ ވައިނަލްޑަން ބޮލުން ކާމިޔާބު ކުރި ލަނޑުން ނަތީޖާ ހަމަހަމަ ވުމުން ނެވެ.

ފުރަތަމަ ހާފުގައި، މިނިއޯލޭގެ ސޭވްތައް ފަނޑުކޮށް ދިޔަ ނަމަވެސް އޭނާ މެޗްގެ ހީރޯ އަކަށް ހެދީ، ލިވަޕޫލްގެ ޑިފެންޑަރު ޖޯލް މާޓިޕް، ޑިއެގޯ ކޮސްޓާއަށް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ ދިފާއު ކުރުމުން ނެވެ. ޕެނަލްޓީ ޖެހީ ކޯސްޓާ އެވެ.

ރޭ އަމިއްލަ ދަނޑުގައި ވަޓަފޯޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާ އިން ނެވެ. މެޗްގެ 10 ވަނަ މިނެޓްގައި ވަޓަފޯޑަށް ލީޑް ނަގައިދިނީ، ޔޫނުސް ގަބޫލް އެވެ. ދެ ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކުރީ ޓޮރައި ޑީނީ އެވެ. އާސެނަލް އަށް ސުން ކަނޑުވާލައި ދިން ލަނޑު ކާމިޔާބު ކުރީ އެލެކްސް އިވޯބީ އެވެ.

އާސެނަލް ބަލިވުމުން، ރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު ޓޮޓަންހަމްހޮސްޕާ އެއްވަރުވެ، ވަނީ ޕޮއިންޓްގެ ގޮތުން އާސެނަލްއާ އަރާ ހަމަކޮށްފަ އެވެ. ލަނޑުގެ ތަފާތުން ކުރި ލިބުމުން ޓޮޓަންހަމް އޮތީ ދެ ވަނަ އަށް ޖެހިލާފަ އެވެ.