އަޑު އިވޭނީ ކާމިޔާބު މީހުންގެ ވާހަކަ އެވެ. ކާމިޔާބު މީހަކަށްވާން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ޝަރުތު ތަކުގެ ވާހަކަ އެވެ. މިފަހަރު މިއޮތީ ނާކާމިޔާބު މީހުންގެ ވާހަކަ އެވެ. އެފަދަ މީހަކު ލިބޭ ހަފްތާ ބަންދުގެ ދެ ދުވަސް ހޭދަކުރާނެ ގޮތުގެ ވާހަކަ އެވެ.
އެންމެ ފުރަތަަކަމަކަށް ވެސް ހަފްތާ ބަންދު އަންނައިރު ކުރާނެ މާބޮޑު ކަމެއް ނުވަތަ ހަފްތާ ބަންދު ހޭދަ ކުރާނެ ގޮތުގެ ޕްލޭނެއް މިފަދަ މީހުންގެ ނޯވެ އެވެ. ބުރަ މަސައްކަތަށް ފަހު ލިބޭ ދެ ދުވަސް އެފަދަ މީހުން ބަލާނީ ނިދުމުގައި ވަގުތު ހޭދަ ކުރާށެވެ. މިއީ އެމީހުން ދެކޭ ގޮތުގައި ނިދަން ލިބޭ ދެ ދުވަހެވެ. ނަމަވެސް މި ދެ ދުވަސް ރަނގަޅު ހެޔޮ ގޮތުގައި ހޭދަ ކުރަންޖެހެ އެވެ.
އޮފީސް ބަންދުވާ ދެ ދުވަހަކީ ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް އާއިލާއާއެކު ހޭދަ ކޮށްލާ އާއިލީ ގުޅުން ބަދަހި ކުރާ ދުވަހަކަށް ހަދަންޖެހެ އެވެ. ނަމަވެސް ނާކާމިޔާބު މީހުންނަކީ މިކަމަށް މާބޮޑު ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. މިފަދަ މީހުން ބަލާނީ ނިދާ ހޭލުމަށްފަހު ފޯނާ އެކު ނުވަތަ ޓެކްނޮލަޖީގެ ކޮންމެވެސް އެހެން ވަސީލަތަކަށް ވަގުތު ހުސްކޮށްލައިގެން ތިބޭށެވެ.
ނާކާމިޔާބު މީހުން ދެން ކުރާނެ އަނެއް ކަމަކީ ލިބޭ ބަންދު ދެ ދުވަހު ވެސް އޮފީހުގެ ކޮންމެ ވެސް މަސައްކަތެއް ކުރުމެވެ. އެފަދަ މީހުންނަަށް އޮފީހުގެ މަސައްކަތާއި ދުރެއް ނުވެވޭނެ އެވެ. ނަމަވެސް މިއީ މަސައްކަތް ހުއްޓާލުމަށްފަހު އާއިލާއާ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް މަޖާ ކުރަންވީ ދެ ދުވަހެވެ.
މިފަދަ މީހުންގެ ދެން ހުންނަ ސިފަޔަކީ ލިބޭ ފައިސާ ގޮތެއް ފޮތެއް ބެލުމެއްނެތި ތަޅާ ހުސްކޮށްލުމެވެ. މީގެ ބަދަލުގައި ފައިދާ ހުރި ކަމަކަށް ފައިސާ ރައްކާކުރުމަށްފަހު ބާކީވާ ފައިސާއިން ކޮންމެވެސް ވަރެއް ހޭދަ ކުރުމެވެ.