ހަބަރު

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް އިތުރު ދެ މީހަކު ހެކިބަސް ދީފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް އިތުރު ދެ ފުލުހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ އަކާއި މެގަޒިނެއްގެ އިތުރުން ތިން ވަޒަން ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދިނީ ނާޒިމްގެ ކޮޓަރި ފާސް ކުރުމުގައި ހަރަކާތްތެރިވި ދެ ފުލުހުންނެވެ. އޭގެ ތެރެއިން އެކަކީ އެ ހަތިޔާރުތައް ހޯދި ކަމަށް ބުނާ ފުލުސް މީހާ އެވެ.

އެ ދެ މީހުން އެގޮތަށް ހެކިބަސް ދިންއިރު ރޭ ބޭއްވި އަޑުއެހުމުގައި ވެސް ފުލުހަކު ވަނީ އެ ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް ހެކިބަސް ދީފަ އެވެ.

ހެކިބަސް ދެމުން އެ ދެ މީހުން ވެސް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ކޮޓަރި ފާސް ކުރިއިރު ފިސްތޯލަ އަކާއި ތިން ވަޒަނުގެ އިތުރުން މެގަޒިނެއް ފެނުނު ކަމަށެވެ. އެ ތަކެތި ފެނުނީ ނާޒިމް ނިދާ އެނދު ކައިރީގައި ހުރި ކަބަޑެއްގެ ތެރެއިން ކަމަށާއި އެ ތަކެތި ހުރީ ދަބަހަށް ލާފައި ކަމަށް އެ ދެ މީހުން ބުންޏެވެ.

އެ ދެ މީހުން ބުނި ގޮތުގައި އެ ކޮޓަރި ފާސްކުރީ އަދި ހަތިޔާރުތައް ހޯދީ ވެސް ނާޒިމް ހާޒިރުގަ އެވެ. އެ ހަތިޔާރުތައް ދެއްކުމުން އެއީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ނާޒިމް ވިދާޅުވި ކަމަށް އެ މީހުން ބުންޏެވެ. އަދި އެ އެޕާޓްމެންޓް ފާސް ކުރުމުގައި ނާޒިމް ފުރިހަމައަށް އެއްބާރުލުން ދެއްވި ކަމަށް ވެސް އެ މީހުން ބުންޏެވެ.

ނަމަވެސް އެ ދެ ހެކިވެރިންގެ ހެކިބަހުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ. ނާޒިމްގެ ވަކީލުން ކުރި ސުވާލުތަކުގެ ޖަވާބުގައި އޭގެ ތެރެއިން އެއް ހެކިވެރިއަކު ބުނި ގޮތުގައި ނާޒިމްގެ ކޮޓަރީގެ ސީލިންގައި އެއްޗެހި ބެހެއްޓޭ ގޮތަށް ހަރުކޮށްފައި ހުރި ތަނެއް ފާސް ނުކުރާ ކަމަށެވެ.

ނަމަވެސް އަނެއް ހެކިވެރިޔާ ބުނި ގޮތުގައި އެ ތަން ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އެކަން ކުރީ ސިޓިންރޫމުން ގޮނޑިއެއް ގެނެސްގެން ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ. އެތަން ފާސްކުރި ކަމަށް އެއް ހެކިވެރިއަކު ބުނި ނަމަވެސް މިއަދުގެ އަޑުއެހުމުގައި ނާޒިމް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ނާޒިމް ވިދާޅުވީ ކޮޓަރި ފާސް ކުރިއިރު އޭނާ ހާޒިރުވެ ހުންނާނެ ކަމަށާއި ނަމަވެސް އެ ބައި ފާސްކޮށްފައި ނުވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލުން ވަނީ އެ މައްސަލައިގެ ސިއްރު ހެކިވެރިންނާ ދައުލަތުގެ ވަކީލުން ބައްދަލުކުރާ މައްސަލަ ފެންމަތިކޮށްފަ އެވެ. މިއަދު ހާޒިރު ކުރި ދެ ހެކިވެރިން ވެސް ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ބަޔާން ބެލުމަށް ދެ ފަހަރެއްގެ މަތިން ދައުލަތުގެ ވަކީލުންނާ އެ މީހުންނާ މަޝްވަރާ ކުރިއެވެ. އެގޮތުން އިއްޔެ ވެސް އެގޮތަށް ވަކީލުންނާ ބައްދަލުކުރި ކަމަށް އެ ދެ ހެކިވެރިން ބުނިއިރު ރޭ ހެކިބަސް ދިން ހެކިވެރިޔާ ވެސް ވަނީ އިއްޔެ ދައުލަތުގެ ވަކީލުންނާ ބައްދަލުކުރި ކަމަށް އެއްބަސްވެފަ އެވެ.

ދައުލަތުގެ ވަކީލުންނާ ބައްދަލުކޮށް، ބަޔާން ބެލުމުގެ ފުރުސަތު ހޯދި ކަމަށް އެ ދެ ހެކިވެރިން ބުނި ނަމަވެސް ވަކި ގޮތަކަށް ބަޔާން ދިނުމަށް ވަކީލުން އަންގާފައިނުވާ ކަމަށް އެ ދެ މީހުން ބުންޏެވެ.

އެ މައްސަލައިގައި އެ ދެ ހެކިވެރިންނާ ނާޒިމްގެ ވަކީލުން ސުވާލުކުރަން ފެށުމުން ދައުލަތުން ވަނީ އެކަން މަނާކުރާ ގާނޫނެއް އެބައޮތްތޯ ވިދާޅުވެ، ދިފާއީ ވަކީލުންނަށް ރައްދު ދީފަ އެވެ. ޖަވާބުގައި ނާޒިމްގެ ވަކީލުންގެ ޓީމުން ބުނީ ބަޔާން ބެލުމުގެ ފުރުސަތު ހެކިވެރިންނަށް ދިނުމަކީ މަނާ ކަމެއް ނޫން ކަމަށާއި ނަމަވެސް ހެއްކަށް ނުފޫޒު ފޯރުވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި އޮންނާނެ ކަމަށެވެ.

ދައުލަތުން ބުނީ ވަކި ގޮތަކަށް ބަޔާން ދޭން އެއްވެސް ހެކިވެރިއަކަށް އަންގާފައިނުވާނެ ކަމަށެވެ.

ހަތަރު ގަޑިއެއްހާ އިރަށް ދިގު ދެމިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު އޮންނާނެ ކަމަށެވެ. މާދަމާ އޮންނާނީ ފާޅުގައި ހެކިބަސް ދޭން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުން ކަމަށް ބެލެވެ އެވެ.