ރިޕޯޓް

ބީއެމްއެލް: ފަހުރުވެރި ދިވެހިންގެ ބޭންކް

Feb 1, 2017
7

އަޅުގަނޑުމެން ދިވެހިންނަކީ ފަށާ ކޮންމެ ދަތުރެއްގައިވެސް ކަނޑައަޅާފައިވާ މިސްރާބަށް ވާސިލްވުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ ބަޔެކީމެވެ. މީގެ 34 އަހަރުކުރިން ދިވެހި ރާއްޖޭގައި ގައުމީ ބޭންކެއް އުފައްދާ ޒިންމާދާރު މަސައްކަތްތަކެއް ފެށުނީ ބޭންކިންގ ޚިދުމަތް މުޅި ގައުމަށް ފުޅާކޮށް ރައްޔިތުންނަށް އެންމެ ފަސޭހައިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަޒުމުގައެވެ. އެ ކުރި މަސައްކަތުގެ ފޮނިމީރުކަން ދިވެހިންނަށް އެތައް ގޮތަކުން ދަނީ ލިބެމުންނެވެ.

ގައުމީ ބޭންކްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ހާސިލްކޮށްފައިވާ އެންމެ މުހިންމު އެއްލަނޑުދަނޑިއަކީ ހުރިހާ ދިވެހިންނަށް ހިދުމަތް ލިބިގަނެވޭނެ ހިސާބަށް ބޭންކިންގ ހިދުމަތް ވާސިލްކޮށްދިނުމެވެ. މިގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކްގެ ގޮފިތައް ވަނީ ޤާއިމްކުރެވިފަ އެވެ. އަދި މިއާއި އެކު ކޭޝް އޭޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވުމަކީ ދިވެހިންނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު އެއްފަސޭހަ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ޤާއިމްކޮށްފައިވާ ޕޮއިންޓް އޮފް ސޭލްސްގެ އެންމެ ބޮޑު ވިޔުގައިގެ ސަބަބުން ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހުރިހާ ދިވެހިންނަށް މިވަނީ ފަހިވެފަ އެވެ.

ކުރިއަރާފައި މިވާ ދުނިޔޭގައި އިންސާނުން ހޯދަމުންދާ ކާމިޔާބީއާ ތަރައްޤީގެ ފަސޭހަތައް ދިވެހިންނަށްވެސް ތަޖުރިބާ ކުރަން ލިބުމަކީ އަޅުގަނޑުމެން ކުރަމުންދާ ފޮނި އުންމީދުތަކެކެވެ. މިފަދަ ޒަމާނީ ޚިދުމަތްތައް ދިވެހިންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އިސްނަގާކަން އެއީ ފާހަގަކުރަން ޖެހޭ ކަމެކެވެ. މިގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ އޮންލައިން ބޭންކިންގެ ޚިދުމަތް ތަޢާރަފްކޮށް ރައްކާތެރި ބޭންކިންގެ ޚިދުމަތްތައް ތިމާހުރި ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައިވެސް ހޯދޭނެ ފަދަ އިންތިޒާމުތައް ރާއްޖޭގައި މިހާރުވަނީ ޤާއިމްކުރެވިފައެވެ. އަދި މޯބައިލް ފޯނު މެދުވެރިކޮށް ބޭންކިން ޚިދުމަތްތައް ހޯދޭނެ ގިނަ ގޮތްތަކެއް މިހާރު ވަނީ ތަޢާރަފް ކުރެވިފައެވެ. އޭގެތެރޭގައި ރާއްޖޭގެ ފުރަތަމަ ފަހަރަށް ސްމާޓްފޯން ބޭންކިން އެޕްލިކޭޝަންއެއް ތައާރަފްކުރުމާއި އަދި މޯބައިލް ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކަށް ފައިސާ ދެއްކޭނެ ޚިދުމަތް ރާއްޖޭގައި ތަޢާރަފްކުރުމަކީ، ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ތަރައްޤީއަށް ދިވެހިންގެ ލޯ ހުޅުވާލެވުނު ފިޔަވަޅެއްކަން ޔަގީނެވެ. މީގެ އިތުރުން، ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރތައް ޤާއިމްކުރުމުގެ ސަބަބުން ބޭންކަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ އެތައް ޚިދުމަތެއް މިހާރު މިވަނީ، ތިމާޔަށް ފަސޭހަ ކޮންމެ ގަޑިއެއްގައިވެސް ކުރެވިދާނެ ކަންތައްތަކަށް ބަދަލުވެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ތަރައްޤީވަމުން އަންނަ މާލީ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލައި، މާލީގޮތުން ދިވެހިންނަށް މަންފާވާނެފަދަ ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. މިގޮތުން ގެދޮރު އެޅުމަށް، ކިޔެވުމަށް، ބޭސްފަރުވާއަށް، އަދި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން މާލީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދޭކަން ވެސް އެއީ ފާހަގަކޮށްލަން ޖެހޭކަމެކެވެ.

ދިވެހި މުޖުތަމަޢުގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ހައިސިއްޔަތުން، އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް، އެންމެންނަށް ބައިވެރިވެވޭނެ ރައްކާތެރި މާހައުލެއް ރާއްޖޭގައި ޤާއިމްކުރުމަށް ތަފާތު އެކި ދާއިރާތަކުން އެކިއެކި ބައިވެރިންނާއިއެކު ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ބޭންކުން ދަނީ ކުރަމުންނެވެ.

މުޖުތަމައަށް ފައިދާހުރި އެތައް ކާމިޔާބުތަކެއް ދިވެހިންނަށް ހޯދައިދީ، އަޅުގަނޑުމެން އެންމެންނަށް ބަރޯސާ ވެވޭނެ ފަދަ ޒިންމާދާރު ފަރާތެއްކަން ބޭންކުން މިއަދު މިވަނީ ކަށަވަރު ކޮށްދީފައެވެ. މިކާމިޔާބީތަކާއިއެކު ދިވެހި ކޮންމެ އާއިލާއެއްގެ ކޮންމެ މެމްބަރަކުވެސް ގަބޫލުކުރަނީ ބޭންކް އޮފް މޯލްޑިވްސްއަކީ އަހަރެންގެ ބޭންކް ގެ ގޮތުގައެވެ. ފަޚުރުވެރި ދިވެހިންގެ ބޭންކުގެ ގޮތުގަ އެވެ.