ކުޅިވަރު

އެތުލެޓިކޯ: ބާސާއަށް ބިރު ހުރި އަހުވައެއް

Feb 1, 2017

މިދިޔަ ތިން ސީޒަނަށް ބަލައިފި ނަމަ، ނޮކައުޓް މެޗްތަކުގައި، ބާސެލޯނާ އަށް އެންމެ ބޮޑު އަހުވައެއް ދެއްކީ އެތުލެޓިކޯ މެޑްރިޑެވެ. މިދިޔަ ތިން ސީޒަންގައި ވެސް، މުބާރާތްތަކުގެ ނޮކައުޓް ބުރުގައި ވެސް، ލަނޑު ދިނީ އެތުލެޓިކޯ އެވެ.

ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުގައި މިރޭ ބާސެލޯނާ ބައްދަލު ކުރާ، މެޗަކީ، ބާސާ އަށް އޮތް މުހިންމު އިމްތިހާނެކެވެ. ބާސާ އަށް އޮތް ހިތްހަމަ ޖެހުމަކީ މިދިޔަ ސީޒަންގެ ކޮޕަޑެލްރޭގެ ފައިނަުގެ ޖާގަ އެތުލެޓިކޯ ކަޓުވާލުމަށް ފަހު ކަށަަވަރު ކުރެވުމެވެ. އެހެން ނަމަވެސް، ބާސާގެ މަގާމު ދިފާއު ކުރަން ނިކުތް ކޮންމެ ފަހަރަކު، އެ ޓީމަށް ހުރަސް އަޅަނީ އެތުލެޓިކޯ އިން ނެވެ.

ޗެމްޕިއަންސް ލީގް ދިފައު ކުރުމަށް، މިދިޔަ ސީޒަންގައި ނިކުތް ބާސާ އަށް ސެމީ ފައިނަލުގައި ހުރަސް އެޅީ، އެތުލެޓިކޯ އެވެ. ދެހާސް ތޭރަ ވަނަ އަހަރުވެސް އެ މަންޒަރެވެ. އެތުލެޓިކޯ ފައިނަލަށް ދަތުރު ކުރީ ބާސާ ބަލި ކުރުމަށްފަހު އެވެ.

ދެހާސް ސާދަ ވަނަ އަހަރު އެތުލެޓިކޯ ސްޕެނިޝް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރީ، ބާސާގެ ދަނޑު ކޭމްޕް ނޯ ގައި، އެޓީމު ކޮޅަށް އެތުލެޓިކޯގެ ޑިފެންޑާ ޑިއޭގޯ ގޯޑިން ބޮލުން ޖެހި ލަނޑުން ނެވެ.

ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައި ކުޅޭ މެޗުން، ބާސާގެ ހިތްހުއްޓެން ޖެހޭ ސަބަބަކަށް ވެދާނެ އެވެ.

ލީގް ގައި، ބާސެލޯނާއާ ދެކޮޅަށް އެތުލެޓިކޯ ކުޅޭ މެޗްތަކަށް ވުރެ، ނޮކައުޓް މުބާރާތްތަ ތަކުގައި، އެތުލެޓިކޯގެ ވިދުން ގަދަ އެވެ. ނަމަވެސް އެޓީމުގެ ކޯޗް ޑިއޭގޯ ސީމިއޯނޭ އެކަމަކަށް އެއްބަހެއް ނުވެއެވެ.

"އަހަންނަކަށް ހީއެއް ނުވޭ ތީ ތެދެއްހެނެއް، އެއީ އެ ޓީމާ ދެކޮޅަށް އަހަރެމެން ކޮންމެ މެޗެއް ކުޅުނަސް އަހަރެމެން ކުޅެނީ، އަހަރެމެންގެ އެންމެ ވަރުގަދަ ފޯމްގައި، ޓީމުގެ އަމާޒަކީ ހުރީހާ މެޗެއްގައި ވެސް އަހަރެމެންގެ އެންމެ ވަރުގަދަ ކުޅުން ދެއްކުން،" ސިމިއޯނޭ ބުންޏެވެ.

އޭނާ، ބުނީ އެތުލެޓިކޯގެ ކުޅުންތެރިން ދަނީ ބާސާގެ މެޗަށް ވަރުގަދަ އަށް ތައްޔާރުވަމުން ކަމަށާއި، ޕްރެކްޓިހުގައި ހުރިހާ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ނޭނގޭނެ މެޗްގައި ވާނެ ގޮތެއް، އަހަންނަށް އެނގޭ ކަމަކީ، އަހަރެމެން (މިރޭ) މި ކުރިމަތިލަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމާ ކަން، އެޓީމުގައި އެންމެ މުހިންމު ތިން ކުޅުންތެރިންނަކީ، ނަތީޖާ ނެރުމުގައި 80 ޕަސަންޓް ގައި އެކުޅުންތެރިން ހިއްސާވާ ތިން ކުޅުންތެރިން."

ބާސެލޯނަގެ ކޯޗް ލުއިސް އެންރީކޭ ދެކޭ ގޮތުގައި، އެތުލެޓިކޯއާ މެދު އެޓީމުން އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަކީ، ބޯޅަ ގެއްލުމަށްފަހު ބޯޅަ އަލުން ހޯދަން އެޓީމުން ވަރުގަދަ އަށް ވިއްދާތީ އެވެ.

"ހުރިހާ ކަމެއް ފެށޭނީ، އަހަރެމެންނަށް ސްކޯ ކުރެވިއްޖެނަމަ، ނަމަވެސް، އެތުލެޓިކޯއިން ވަރުގަދަ އަށް ވިއްދާނެ އެއީ އަހަރެމެން ސަމާލުވާން ޖެހޭ ކަމެއް،" އެންރީކޭ ބުންޏެވެ.

ދެ ވަނަ ލެގް މެޗް ބާސާގެ އަމިއްލަ ދަނޑުގައި އޮތުން އެއީ އެޑްވާންޓޭޖަކަށް ވާނެތޯ ސުވަލު ކުރުމުން، އެންރީ ކޭ ބުނީ އެއީ އެޑްވާންޓޭޖެއް ކަމެއް ނުވަތަ ޑިސް އެންޑްވާޏްޓޭޖެއް ކަމެއް ބުނަން އޭނާ އަށް ނޭންގޭ ކަމަށެވެ.

"އަހަންނަށް ހީވަނީ ތި ސުވަލު އެންމެ ރަނގަޅު ވާނީ ޑިއޭގޯ ސިމިއޯނޭއާ ކުރީމަހެން،"

"ސިމިއޯނޭ ގެންނަނީ ކޮންކަހަލަ ބަދަލެއްތޯ އަދި އޭނަ ގިނަ ބަދަލުތަކެއް ގެނޭތޯ އަހަންނެއް ނުބަލަން، ހަމގައިމުވެސް އަހަންނެއް ގިނަ ބަދަލުތަކެއް ނުގެންނާނަން، މިދިޔަ މެޗްތަކުގައި ހުރި މައްސަލަތައް އަހަރެން ވާނީ ދެނެގެންފަ، އެކަންކަން މި މެޗުގައި ތަކުރާރު ނުކުރުމަށް އަހަރެމެން މުހިންމު އިސް ކަމެއް ދޭނަން،" އެންރީކޭ ބުންޏެވެ.

އެންރިކޭ އާއި ސިމިއޯނޭ އާއި ބެހޭ ގޮތުން ވެސް އެންމެ ބޮޑަށް ދެކެވެނީ އެއް ވާހަކަ އެކެވެ. މިސީޒަނަށް ފަހު، އެ ދެ ކޯޗުންގެ މިހާރުގެ ކޮންޓްރެކްޓް ހަމަވުމުން، ޓީމު ދޫކޮށްލާ ވާހަކަ އެވެ. ފަހަރެއްގައި ސެމީ ފައިނަލް ދެ މެޗަކީ އެ ދެ ކޯޗުންގެ އެންމެ ފަހުގެ ކުރިމަތިލުންތަކުގެ ތެރޭގައި ހިމެނޭ ކުރިމަތި ލުމަކަށް ވެދާނެ އެވެ. ނަމަވެސް އެ ސުވާލު ކުރުމުން އެންރީކޭ ސުވާލު ކުރުމުން އެންރީކޭ ބުނީ ފަހަރެއްގައި އެހެން ނުވެސް ވެދާނެ ކަމަށެވެ.