ކުޅިވަރު

ޔުނައިޓެޑްގެ ވަރުގަދަ ޓީމު، މިރޭގެ މެޗަށް ނެރޭނެ

Feb 1, 2017

ޕްރިމިއާ ލީގްގައި މިރޭ، ހަލް ސިޓީއާ ދެކޮޅަށް ނެރޭނީ، ވަރުގަދަ ސްކޮޑެއް ކަމަށާއި އެންމެ ފަހުން މެޗްގައި ނުކުޅޭ ވަރުގަދަ ކުޅުންތެރިން މިރޭގެ މެޗުގައި ފެންނާނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އެންމެ ފަހުން، އެފްއޭ ކަޕްގައި ކުޅުނު މެޗުގައި ނުކުޅޭ، މުހިންމު ކުޅުންތެރިން ކަމަށްވާ، ޕްރިމިއާ ލީގްގެ ލަނޑު ލިސްޓްގެ ދެ ވަނައިގައި އުޅޭ ޒަލްޓާން އިބްރަހިމްވިޗާއި، މިޑްފީލްޑާ ޕައުލް ޕޮގްބާ އާއި އެއް ވަނަ ގޯލް ކީޕަރު، ޑޭވިޑް ޑެހެއާ އާއި ފުލް ބެކް އެންޓޯނިއޯ ވެލެންސިއާ މިރޭގެ މެޗަށް ނެރޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"އަހަރެމެން އަބަދުވެސް ކުޅެނީ އެންމެ ވަރުގަދަ ޓީމާއެކު، އެއީ މީހުންނަށް ހީވާގޮތް މިވެނި ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑަކީ ވަރުގަދަ ސްކޮޑެކޭ، އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ ވަރުގަދަ ސްކޮޑެއް ނެރެން،" މޮރީނިއޯ ބުންޏެވެ.

"ތެދެއް އަހަރެމެންގެ އެބަތިބި ބައެއް ކުޅުންތެރިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުކުޅޭ ކުޅުންތެރިން، ނަމަވެސް އެ ކުޅުންތެރިން މިރޭ މެޗުގައި ކުޅޭނެ،"

މޮރީނިއޯ ބުނީ އިބްރަހިމޮވިޗް އާއި ޕޮގްބާ އާއި ވެލެންސިއާ އެންމެ ފަހުން މެޗުގައި ނުކުޅުނީ، ގިނަ މެޗުތަކެއް ކުޅެފައި ވުމުން ކަމަށެވެ.

އޭނާ ބުނީ، ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓަޑަށް އިތުރު ކުޅުންތެރިން ގެންނާނެ ކަމަށެވެ.