ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރު އެ މައްސަލަ ބަލާ ފަނޑިޔާރުން ބެންޗުން މިއަދު ދީފި އެވެ.
ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ވިދާޅުވީ ދިފާއީ ވަކީލުންނަށް ނިސްބަތް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ދިފާއީ ވަކީލުން ސޯޝަލް މީޑިއާގައި ޝަރީއަތާ ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރުވެއްޖެ ނަމަ އެ މައްސަލައިގެ މުޅި ޝަރީއަތް ސިއްރުކޮށްގެން ގެންދަން ނިންމަން ޖެހިދާނެ ކަމަށެވެ.
ގާޒީ ބާރީ އެގޮތަށް ވިދާޅުވީ ހެކިބަސް ނަގާއިރު ތަކުރާރުކޮށް އެއް ސުވާލެއް ހެކިވެރިންނާ ނުކުރުމަށް ވަކީލުންނަށް އަންގާފައި ވަނިކޮށް ނާޒިމްގެ ވަކީލުން އެގޮތަށް އަމަލު ކުރައްވާ ކަމަށް ވިދާޅުވެ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޝަރީއަތެއް ނުވަތަ ޝަރީއަތެއްގެ ބައެއް ސިއްރުކޮށްގެން ގެންދިއުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް އޮންނާނެ އެވެ.
ޝަރީއަތް ސިއްރުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ނާޒިމްގެ ވަކީލުންނަށް ފަނޑިޔާރުން މިއަދު ދެއްވިއިރު ޝަރީއަތަށް ނުފޫޒު ފޯރާ ގޮތަށް މީޑިއާގައި ވާހަކަ ދައްކާ ކަމަށް ވިދާޅުވެ، އެފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ ވަކީލުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ކުރިން ދީފަ އެވެ.
އެ ޝަރީއަތުގެ އަޑުއެހުން ގިނަ ބަޔަކަށް ވަދެވޭ ފަދަ ތަނެއްގައި ކުރިއަށް ގެންދިއުމަށް ނާޒިމްގެ ފަރާތުން ކުރިން އެދުނު ނަމަވެސް ކޯޓުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.