ސެންޗޫރިއަން

ސެންޗޫރިއަން ކުންފުނިން ހިއްސާ ވިއްކައިފި

Feb 1, 2017

ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނިން ހިއްސާ ވިއްކައިފި އެވެ. އެ ކުންފުނިން ހިއްސާ ވިއްކަން މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަރަކާތެއް ހިންގާފަ އެވެ.

އެ ކުންފުނިން މިއަދު ބުނީ، އެ ކުންފުނީގެ ޓީމުތަކުން ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ރޯޑު ޝޯތައް ބޭއްވި ކަމަށެވެ. އެގޮތުން ސެންޗޫރިއަންގެ ޓީމުތައް 31 ރަށަކަށް ދަތުރުކޮށް ހިއްސާއާ ބެހޭ މައުލޫމާތު ދީ، އެ ރަށްރަށުގެ ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކަމަށެވެ. އޭގެ އިތުރުން 10 ރަށެއްގައި އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ހިއްސާ ވިއްކުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިހާތަނަށް ވިއްކި ހިއްސާގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ގަވައިދުގެ ދަށުން ސެންޗޫރިއަންގެ ހުރިހާ މުއާމަލާތެއްކޮށް ނިމި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޓްރޭޑިންއަށް އަންނަ މަހުގެ އަށްވަނަ ދުވަހު ހުޅުވާލަން ޖެހެ އެވެ.

"މިވަގުތު ސެންޗޫރިއަން އައިޕީއޯއާ ގުޅޭ އިންޓަނަލް އޮޑިޓެއް ކުރިއަށް އެބަ ގެންދަން، އޮޑިޓްކޮށް ކުރިއަށް އޮތް ދެ ހަފުތާގައި ހިއްސާދާރުންނަށް ހިއްސާގެ ސެޓްފިކެޓްތަށް ހަވާލު ކުރަން ފަށާނެ،" ސެންޗޫރިއަންއިން ބުންޏެވެ.