ސެންޗޫރިއަން

ހިއްސާ ގަންނަން އާއްމުންގެ ތަރުހީބު ބޮޑު: ސެންޗޫރިއަން

  • ހިއްސާއެއް ވިއްކަނީ 25ރ. އަށް
  • އިވެސްޓް ކުރަން ރަނގަޅު ފުރުސަތެއް
  • ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި

ހިއްސާ ގަތުމަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރާއްޖޭގައި ހިއްސާ ވިއްކަން ފެށި، ފުރަތަމަ އަމިއްލަ ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕީއެލްސީ އިން ބުނެފި އެވެ.

ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން (ކެޕްޓަން މާނު) މިއަދު ވިދާޅުވީ އެ ކުންފުނީގެ ހިއްސާ ގަންނަން އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދިން ނަމަވެސް އަމިއްލަ ކުންފުންޏަކަށްވުމުން ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިވާ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ ކުރިން ސަރުކާރު ކުންފުނިތަކުން ހިއްސާ ވިއްކައިގެން ދިމާވެފައިވާ މައްސަލަތައް ކަމަށް ކަމަށެވެ.

"އަމިއްލަ ކުންފުންޏެއްގެ ގޮތުގައި މިއީ ބޮޑު ގޮންޖެހުމެއް. ހިއްސާ ވިއްކުމަށް ގޮސް އަޅުގަނޑުމެން ކުރާ މަސައްކަތުގެ 80 ޕަސެންޓަކީ ކުރިން ހިއްސާ ވިއްކި ކުންފުނިތަކަށް ދިމާވި މައްސަލަތައް އޮޅުން ފިލުވައި ދިނުން،" މާނު ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ފުޅާކޮށް މުދާ އެތެރެކުރުމުގެ ހިދުމަތް ދެމުން ގެންދާ ސެންޗޫރިއަންއިން ހިއްސާ ވިއްކަން ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 30 ގެ ނިޔަލަށެވެ.

އެ ކުންފުނިން ހިއްސާ ވިއްކަނީ ޝިޕިން އާއި ލޮޖިސްޓިކްސްގެ ދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ގާއިމް ކުރާށެވެ. އެގޮތުން، މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީ ކުރަން ނިންމާފައިވެ އެވެ. އެ ތަކެތި ހޯދުމަށް އެ ކުންފުނީގެ 49 ޕަސެންޓް (6،757،800) ހިއްސާ ވިއްކަން ނިންމާފައިވެ އެވެ. ހިއްސާއެއް ވިއްކަނީ 25 ރުފިޔާގެ މަގުންނެވެ. އެ ކުންފުނީގެ އަމާޒަކީ ވަސީލަތްތައް ހޯދުމަށް 168،945،000 މިލިއަން ރުފިޔާ ހޯދުމެވެ.

ސެންޗޫރިއަންގެ ހިއްސާ ވިއްކުމުގެ މަސައްކަތް ބޮޑެތި ރަށްރަށުގައި ވެސް ކުރި އަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ލ. އަތޮޅާއި ފުވައްމިލަކާއި ގއ. އާއި ގދ. އަދި މ. އަތޮޅު ހިމެނެ އެވެ.

"ކޮންމެ އަތޮޅެއްގައިވެސް މި ދެވެނީ އެންމެ ގިނައި ވެގެން ދެ ރަށަށް. މިކަމުގައި އޮންނަ ގޮންޖެހުމަކީ ރަށަށަށް ގޮސް ފޯކަލް ޕޮއިންޓްސް އައްޔަން ކޮށްފައި މާލެ އައުމުން އެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދިއުން. އަޅުގަނޑުމެން މާލެ އައުމުން ޑޯ ޓް ޑޯ ވެސް ރަނގަޅު ނުޖެއްސޭ،" މާނު ވިދާޅުވި އެވެ.އޭ

ސެންޗޫރިއަން އިން ހިއްސާ ވިއްކުމުގެ މަސައްކަތް ކުރިއަށްދާ އިރު ރާއްޖޭގެ އުރީދޫ މޯލްޑިވްސް އިން ވެސް މި އަހަރު ތެރޭގައި ހިއްސާ ވިއްކަން ފަށާނެ އެވެ. އުރީދޫއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ބޭރުގެ ހަމައެކަނި ކުންފުންޏެވެ.