ހަބަރު

އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި

Feb 1, 2017

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު މިމަހުގެ 20 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

އިންތިހާބަށް ވާދަކުރުމުގެ މުއްދަތު މީގެ ކުރިން ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތު އިތުރުކުރީ އިންތިހާބު ބާއްވާ ދުވަސް އޭޕްރިމް މަހުގެ 15 އަށް ލަސްކުރުމާ ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހަކަށް މިމަހުގެ 20 ވަނަ ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމް ހުށަހަޅަންޖެހެނީ ބާ ޖަމާލުއްދީންގައި ހަދާފައިވާ ކޮމިޝަނުގެ އޮފީހަށެވެ. އެ ނޫން އެއްވެސް ތަނަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައެއް ނުގަންނާނެ އެވެ. ފޯމްތައް ބަލައިގަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އަށެވެ.

ކުރިން އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު އޭޕްރިލް މަހުގެ 15 އަށް ބަދަލުކޮށްފައިވަނީ މިއަދު އެވެ. އިންތިހާބު ބާއްވާ ދުވަސް ލަސްކުރީ ސްކޫލްތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވާތީ އެ ދުވަހަށް ސްކޫލްތައް ނުލިބޭތީ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.