(31 ޖެނުއަރީ 2017 އާ ގުޅޭ)
އައިރާ އައިސް ޒަމާނީގޭގެ ރީނދޫ ދޮރޯށި ހުޅުވާލަން ހިފާލިއެވެ. ނަމަވެސް ދޮރޯށި ހުޅުވޭގޮތެއްނުވިއެވެ. ތާއިބުއާއި ހިޝްމާ ނުރުހިފައި ހުރިވަރުން ދޮރޯށި އެ ހުރީ ތަޅުލާފައިކަން އައިރާއަށް އެނގުނެވެ. އެހެންނަމަވެސް ހުޅުވޭތޯ އަދިވެސް އައިރާއަށް ތަޅުގައި ހިފާލެވުނެވެ.
ލިޒީ ދޮރުހުޅުވާލުމުން އޭނާއާއި ޖުވައިންގެ ފަހަތުން ގޭތެރެއަށް ވަނުމަށްފަހު ނިޔާނު ފަސްއެނބުރި ބަލާލީ އައިރާ ގެއަށް ވަދެއްޖެތޯ ބަލާލުމަށެވެ.
"އަހަންނަށް ހީވަނީ އައިރާމެންގޭ ދޮރޯށި ތަޅުލާފައިހެން ހުރީ..." މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ ނިޔާނު މިހެން ބުނުމުން ޖުވައިންއާއި ލިޒީ ވެސް ދޮރުން ބޭރަށް ބޯދިއްކޮށްލައިފިއެވެ.
"ކީކޭ ދޯ ދެން ބުނާނީ... އެނގޭނެ އައިރާ ދިޔައީ އަހަންނާއެކުކަން... ކީއްކުރަންކަން ވެސް އެނގޭނެ... ދޮރޯށި ތަޅުލަން ބޭނުންވަންޏާ އައިރާއަށް ތަޅުދަނޑިއެއް ދީފައި ބާއްވާނަމަ... އެކަމަކު އެވަރު ވެސް ކުރަން ނުކެރޭ... މިރޭ އައިރާ އެކަނި ގެއަށް އައިނަމަ އިރު އަރަންދެން ވެސް އެފަކީރު ހުންނަންޖެހޭނީ ބޭރުގައި... އެހެން ހަދާކަށް ނުވާނެއެއްނު... އެގޭ މީހުން އެ ތިބެނީ ނުބައި ނުލަފާކަމުން ހައްދު ފަހަނައަޅާފައި..." އައިރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެ ލިޒީއަށް ބުނެވުނެވެ.
"އަޅާނުލާ... އަހަރުމެންނަށް އައިރާމެންގޭ މީހުން ބަދަލެއް ނުކުރެވޭނެ... އެކަމަކު އައިރާއަށް އެހީތެރި ވެވިދާނެ... އައިރާއަށް ގޮވާފަ ބުނަމާ މިގެއަށް އަންނާށޭ..." ޖުވައިން ބުންޏެވެ. އެއާއެކު އައިރާއަށް ލިޒީ ގޮވާލި އެވެ.
މަގުމައްޗަށް ވެރިވެފައި އޮތް ދަންވަރުގެ ހިމޭންކަން މުގުރާލަމުން ލިޒީގެ އަޑު އައިރާގެ ކަންފަތުގައި ޖެހުނެވެ. ފަސްއެނބުރި އެމީހުންނަށް އައިރާ ބަލާލި އެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފެންނަން ހުއްޓެވެ. އެފަދަ ވަގުތެއްގައި ލިޒީއަށާއި އެހެން އެކުވެރިންނަށް އުނދަގޫ ކުރެވޭތީ ކަމަށް ވެދާނެއެވެ.
"އާދައިގެ މަތިން ބާރަޖަހާއިރު ތަޅުލާތީ ހީވަނީ މިރޭ ވެސް ތަޅުލީހެން..." އެންމެންގެ މޫނަށް ބަލާލަމުން އައިރާ ބުންޏެވެ.
"ކޮންތާކު؟ ގަސްދުގައި ތަޅުލީ ހަމަ... ތަޅުލައިގެން ތިބެބަލަ... އެމީހުން ބޭނުންހާ ގޮތެއް ނުވާނެ... އާދޭ އައިރާ..." ޒަމާނީގެއަށް ބަލަންހުރެ ލިޒީ ބުންޏެވެ. އަދި ތުން އަނބުރާލައި ލޯއަޅާލަމުން އައިރާގެ އަތުގައި ހިފާލައިގެން ލިޒީ ވަނެވެ.
ލިޒީއާއެކު އޭނާގެ ކޮޓަރިއަށް އައިރާ އައިސް ވަނެވެ. އެމީހުން ގޮސް ގެއްލެންދެން ނިޔާނާއި ޖުވައިން ތިއްބެވެ. ލޯމަތިން އެމީހުން ހަމަ ގެއްލުމާއެކު ނިޔާނުގެ ކޮނޑަށް ޖުވައިން އަތްވައްޓާލި އެވެ. އަދި އަވަސް އަވަހަށް ސުވާލު ކުރާން ފެށިއެވެ.
"އައިރާ... ތި ދެމީހުންގެ ދެމެދުގައި ކަމެއް ހިނގީތަ؟" ނިދަން އޮވެފައި ލިޒީ އަހާލީ އޭނާއާ ޖެހިގެން އެނދުގައި އޮތް އައިރާގެ ގާތުގަ އެވެ.
"ކޮން ދެމީހުންނެއް؟" ލިޒީއަށް ފުރަގަސްދީގެން އޮތް އައިރާ ނޭނގޭ ކަމަށް ހެދި އެވެ. އޭރު ވެސް އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ފަނޑުނުވެ ހުއްޓެވެ.
"ޔޫ ލަޔާ... އެނބުރޭ މިކޮޅަށް.... ހަމަމިހާރު ކިޔައިދީ..." އައިރާގެ ކޮނޑުގައި ހިފާ ލިޒީއާ ދިމާއަށް އޭނާ އަނބުރާލި އެވެ. އެއާއެކު އައިރާ ފެށީ ހޭށެވެ. ލިޒީއަށް ނޭނގި ނުދާނެކަން ކުރިން ވެސް އައިރާއަށް އެނގެޗއެވެ. އަދި އެންމެ ގާތް އެކުވެރިޔާއަށް އެއްވެސް ކަމެއް ސިއްރުޗކުރުމުގެ ގަސްދެއް ވެސް އައިރާގެ ނެތެވެ.
"އަހަރެން ދެކެ މީހަކު ލޯބިވެދާނެއެކޭ ހިޔެއް ނުކުރަން" ހީނހީނފައި ހުނުންގަނޑު ނިންމާލަމުން އައިރާ ބުނެލީ މަޑުމަޑުންނެވެ.
"ނިޔާނު ބުނީތަ؟... ލޯބިވެޔޭ..." ލިޒީގެ މޫނުމަތިން ވެސް ސީރިއަސްކަން ފެނިގެން ދިޔަ އެވެ.
"ހޫމް! މިރޭ ބީޗްގަ ހުރެފައި ބުނީ... އަހަންނާ ގުޅެން ބޭނުންވާ ކަމަށް ބުނީ... ލިޒީ... އަހަންނަށް އެނގޭ ނިޔާނަކީ މިރަށަށް ދުވަސްކޮޅަކަށް އައިސް ހުރި މީހެއްކަން... އެހެންވިޔަސް އަހަރެންގެ ހިތް ބުނަނީ ނިޔާނަށް އިތުބާރު ކުރާށޭ... އަނެއްކާ އަހަންނަށް ގޯހެއް ހެދެންތަ މިއުޅެނީ..." އައިރާއަށް ރަނގަޅު މަގު ދައްކައިދޭނެ ކަމުގެ ޔަޤީންކަން ލިޒީގެ މައްޗަށް އޮވެއެވެ.
"އައިރާ ކީކޭ ބުނީ... ބޭނުންތަ އޭނާއާ ގުޅެން..." ލިޒީ އަހާލީ އެކުވެރިޔާއަށް ވަރަށް ފަރުވާތެރި ކަމާއެކު ބަލަން އޮވެއެވެ.
"އަހަރެން އެއްވެސް ޖަވާބެއް ނުދެން... ނިޔާނު ބުނީ ފަހުން ޖަވާބު ދިނަސް އެންމެ ރަނގަޅު ކަމަށް... ތެދަށް ބުނަންޏާ އަހަންނަށް ނިޔާނު ފެނިފަ ބުނަން ނޭނގޭ ގޮތްތަކެއްވޭ... ފިރިހެންދެކެ ފޫހިވިޔަސް އޭނަ ފެނުނީމާ އެކަހަލަ އިހުސާސެއް ނުކުރެވޭ... ހިތްހަމަޖެހޭ ގޮތްވޭ... އެނގޭތަ! ހެނދުނު ހެނދުނާ ނުކުމެ ޖޯލީގައި އޮންނާނެ އަހަރެން އޮފީހަށް ދާގަޑިއަށް ނުކުމެ... ނިޔާނު އެހެން މީހުންނާ ތަފާތު... އަހަންނަކަށް ނޭނގެ ބުނެދޭކަށް... ލިޒީ... އޭނާ އަހަންނާ ގުޅެން ބޭނުންވާ ކަމަށް ބުނުމުން ހަޤީޤަތުގައި އަހަރެން ވަރަށް އުފާވި... ދުވަހަކު ވެސް ހިތަށް ނުލިބޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެންދިޔަ... އެކަމަކު އަނެއްބައި ފަހަރަށް މި ކުރެވޭ އިހުސާސްތަކާމެދު ސުވާލު އުފެދޭ..."
"އެއީ ކީއްވެ؟" ލިޒީ އަހާލި އެވެ.
"މިހާރު އަބަދު އަހަރެންގެ ހިތަށް އަރަނީ އަހަރެން މީހަކާ އިންނަންވީއޭ... އޭރުންނޭ ހުރިހާ ކަމަކުން ސަލާމަތް ވެވޭނީ... އަހަރެން ބޭނުންވާ ފަދަ މިނިވަންކަމެއް ލިބޭނީ... ޝަމްއާނުގެ ކިބައިން މިންޖުވާނީ..."
"އައިރާ... ތީ ވެސް ގޯސް ޚިޔާލެއް ނޫން... އެކަމަކު އިންނަންވާނީ ވެސް ހިތް އެދޭ ކަހަލަ ސިފަތަކެއް ހުރި މީހަކާއެއްނު... ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ ތި އެދޭ ފަދަ ދިރިއުޅުމެއް އައިރާއަށް ލިބިދާނެ... އަހަރެން ވެސް ދެކެން އެދޭ ދުވަހެއް އައިރާގެ ކައިވެނި ކުރެވޭ ދުވަސް... އުފާވެރި ދިރިއުޅުމެއް އުޅޭ ދުވަސް..."
"ލިޒީގެ ނަޒަރުގައި ނިޔާނަކީ ކޮންކަހަލަ މީހެއް؟" އައިރާ ގޮތެއް ނިންމަން ބޭނުން ވެއެވެ.
"އައި ތިންކް ހީޒް އޯކޭ... އަހަންނަށް ވެސް ދުވަސްކޮޅެއްވެއްޖެ އޭނާ އައިރާއާ ހެދި އުޅޭހެން ހީވާތާ... އެކަމަކު ތީ އަހަރެންގެ ބެސްޓީ ދޯ... އެހެން އަދި މީހަކު އުޅެލާއިރަށް ބެސްޓީއެއް ނުދެވޭނެ ދޯ... ނިޔާނުގެ ވަރަށް ގަޓު އެބަހުރި... ފެންނަ ފެނުމަށް އޭނާއަކީ ވަރަށް ރަނގަޅު މީހެއްހެން އަހަންނަށް ވެސް ހީވޭ... އައިރާ... އަހަންނަށް އެންމެ މުހިންމީ އައިރާގެ ފީލިންގްސް... ސޯ ޓެލް މީ... އައިރާގެ ގަޓް ބުނަނީ ކީކޭ ނިޔާނާ މެދު..."
"ނިޔާނަށް އާނއެކޭ ބުނާށޭ... އޭނާ ލޯބިވެޔޭ އެ ބުނަނީ ހަޤީޤަތުގައި ވެސް ލޯބިވާތީއޭ..." އިރުކޮޅަކު ވިސްނަން އިނދެފައި އައިރާ ބުންޏެވެ.
"ދެން ގޯ ފޯ އިޓް... އަހަރެން އައިރާ ނުހުއްޓުވާނަން... އެކަމަކު ބުނަން... ނިޔާނު ބޭނުންހާ ގޮތަކަށް އައިރާ ބަދަލު ނުވާތި... ރަނގަޅު މީހަކު އަނެކާ ބަދަލު ކުރާކަށް ނުވިސްނާނެ... ބައި ދަ ވޭ... އަހަންނަށް ހީވަނީ އައިރާއަށް ވެސް ނިޔާނުދެކެ ލޯބިވެވިއްޖެހެން... ކުރެވޭ އިހުސާސްތައް ބުނެދޭން ނޭނގިގެން ތިއުޅެނީ ނިޔާނުގެ މައްޗަށް ކުރެވޭ އިހުސާސްތައް ޑީޕް ކަމުން... އައި އޭމް ހެޕީ ފޯ ޔޫ ގާލް..." އައިރާގެ އަތުގައި ލިޒީ ހިފާ ބާރު ކޮށްލި އެވެ. އައިރާގެ ތުންފަތަށް ހިނިތުންވުން އެނބުރި އަތުވެއްޖެ އެވެ. ވާހަކަގައި ތިބި ދެ އެކުވެރިންނަށް ނިދުނީ ހަތަރެއް ޖެހިފަހުންނެވެ.
ފަތިސް ނަމާދަށް ދިއުމަށް ގޭގޭގެ ދޮރޯށިތައް ހުޅުވި މީހުންތައް ނުކުންނަމުންދިޔަ އެވެ. ދާއޫދު ވެސް ގެއިން ނުކުތީ ފަތިސް ނަމާދަށް ދިއުމަށެވެ. ކިތަންމެ ލަހުން ނިދި ނަމަވެސް ދާއޫދާއެކު ފަތިސް ނަމާދަށް ދިއުމަށް ނިޔާނު ބައިވެރިވި އެވެ.
"މިއަދު ޖުވައިން ނުދާ ދުވަހަކީތަ؟" ނިޔާނާއެކު ޖުވައިން ނުފެނުމުން ދާއޫދު އަހާލި އެވެ.
"ރޭ ބާބެކިއު ނިންމާފައި އައީ ވަރަށް ލަހުން... ގޮވާ ގޮވާ ނުތެދުވި... ދެން ޖެހޭނީ ކޮނޑަށް ލައިގެން އަންނަން... އެވަރުން ވެސް ހިޔެއް ނުވޭ އޭނާއަށް ހޭވެރިކަމެއް ވާނޭހެން..." ނިޔާނުގެ ވާހަކަ އަހާފައި ދާއޫދު ކުޑަކޮށް ހީނލި އެވެ.
ފަތިސް ނަމާދުކޮށް ނިންމާފައި މިސްކިތުން ނުކުމެ ދާއޫދު މަޑުކޮށްލީ ނިޔާނު އަންނަންދެނެވެ. މީހުންތައް ނުކުމެ ހަމަޖެހެންދެން މަޑުކޮށްލައިގެން ހުރި ނިޔާނަށް މިސްކިތު ގޯތިތެރޭ ފާރުބުރި ކައިރީ ދާއޫދު މަޑުކޮށްލައިގެން ހުރިތަން ފެނުމާއެކު އަވަސް އަވަހަށް ފައިވާނަށް އަރައިގެން އޭނާގެ ގާތަށް އަތުވެއްޖެ އެވެ.
"ދާއޫދުބެ ހިނގައި ވެސް ނުގަނެ މަޑުކޮށްލައިގެން ތި ހުރީ މީހަކާ ބައްދަލު ކުރަން އޮތީތަ؟" ނިޔާނު އަހާލި އެވެ.
"ނިޔާނު އަންނަންދެން މަޑުކޮށްލީ... ހިނގާ ދަމާ..." ދާއޫދު ބުންޏެވެ. ދެ މީހުން އެކުގައި މިސްކިތުން ނުކުމެ ބޮޑުމަގަށް ނުކުތެވެ. އަދި ގޭދޮށަށް ދިއުމަށް މިސްރާބުޖެހި އެވެ.
"ނިޔާނު... ކަލޯ މީހަކާ އިންނާކަށް ގަސްދެއް ނުކުރަންތަ؟ ޒުވާން އުމުރުގައި މީހުންނާ އިންނަންވާނެ..." ދާއޫދު އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރެވޭތޯ މަސައްކަތް ފެށިއެވެ.
"މީހަކާ ވެސް އިންނަންވީ... އެކަހަލަ ޚިޔާލެއް އެބަ ގެންގުޅެން..." ކުޑަކޮށް ހީނލާފައި ނިޔާނު ވާހަކަ ދެއްކި އެވެ.
"އަނެއްކާ ކުއްޖަކު މާލޭގައި ބަހައްޓާފައި އައިސްތަ ތި އުޅެނީ" ދާއޫދު ހުރީ ނިޔާނުގެ ވަނަވަރު އޮޅުންފިލުވާ ހިތުންނެވެ.
"ނޫން! ނޫން! އެކަހަލަ ކަމެއްނެތް..." ދާއޫދާ އަމިއްލަ ދިރިއުޅުމުގެ ކަންކަން ޚިއްޞާކުރަން ނިޔާނަށް އުނދަގޫވި އެވެ.
"މިރަށުގައި ނެއްތަ ނިޔާނު ބޭނުންވާ ކަހަލަ ކުއްޖެއް... މާލޭ ކުދީންނަށް ދޫނުކުރާވަރުގެ ކުދީން މިރަށުގައި ވެސް އުޅެޔޭ..." ދާއޫދު ބުންޏެވެ. ދެން ވެސް އޭނާ ބުނަން އުޅޭ އެއްޗެއްގެ މުރާދަކީ ކޮބައިކަމެއް ނިޔާނަކަށް ނޭނގުނެވެ. ނަމަވެސް ފާހަގަ ކުރެވުނީ ދާއޫދު މިއަދު އެހެންޏާ ނުގެންދާ ދިމާއަކަށް ވާހަކައިގެ މިސްރާބު ބަހައްޓާފައި ހުރިކަމެވެ. ނިޔާނަށް އޭނާގެ އަމިއްލަ ކަންކަން ކޮންމެ ކޮންމެ މީހަކާ ޚިއްޞާ ކުރުމަކީ އެއްވެސް އިރެއްގައި ކުރިކަމެއްނޫނެވެ. އެހެންވެ ދާއޫދަށް އޭނާގެ ހިތާއި ސިކުނޑީގައި ރާވަމުން އަންނަ ރޭވުންތަކާއި ބަލަމުން އަންނަ ހުވަފެންތަކުގެ ވާހަކަތައް ކިޔައި ދިނުމަކީ ކުރެވޭވަރު ކަމަކަށް ނުވަނީ އެވެ.
"މަލީހާ އުޅޭނެ ހޭލާ... މިތާ ޖޯލީގައި ކޮފީތައްޓެއް ބޯލަން މަޑު ކޮށްލަންވީނު..." ދާއޫދު ޚިޔާލު ދިނީ އޭނާގެ އަތް ފޯރާ ފަށުގައި ކުޑައިރުކޮޅަކު ނިޔާނު ބައިންދާލަން ބޭނުން ވެގެންނެވެ. އޭނާ ބޭނުންވާ ކަންތައް ހާޞިލު ކުރުމުގެ ގަސްދުގަ އެވެ.
"ޝުކުރިއްޔާ އެކަމަކު އަދި ނިދާލަން ބޭނުންވަނީ... ކޮފީ ބޮއެފިއްޔާ ނުއެއް ނިދޭނެ... ދެން އެހެން ފަހަރަކުން ދާއޫދުބެއާއެކު ކޮފީއެއް ބޯލާނީ" ނިޔާނު ހިނިތުންވެލި އެވެ. އަދި ދާއޫދުގެ ކިބައިން ސަލާމަތްވެގެން އޭނާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލަން އިނދެފައި އައިރާ ތެދުވި އެވެ. އަދި ނިދަންލާ ލިޒީ ދިން ހެދުން ބާލާ ރޭގައި އައިރާ ލައިގެން ހުރި ހެދުމަށް ބަދަލު ކޮށްލި އެވެ. ލިޒީމެންގެއަށް އަންނަންވެގެން ރޭގައި އަޅައިގެން ހުރި ކަޅުބުރުގާ ބޮލުގައި ހަމަޖައްސާލާ މޫނަށް ފިޓު ކޮށްލި އެވެ. މުޅި ބުރުގާގައި އޮތީ ރުލެވެ. ނަމަވެސް އެކަމަށް އައިރާގެ ފަރުވާލެއް ނެތެވެ. މިހާ ހެނދުނާ ބަލާނޭ ބަޔަކު މަގުމަތީގައި ނޫޅޭނޭކަން އޭނާއަށް އެނގެއެވެ. ލިޒީއަށް ގޮވާލަން ހިތަށް އަރާފައި ވެސް އޭނާ ނިދާފައި އޮތްލެއް އަރާމު ކަމުން އައިރާގެ ޚިޔާލު ބަދަލުވީ އެވެ. ސިއްރު ސިއްރުން ވަގެއްހެން ލިޒީގެ ކޮޓަރިން ނުކުމެ ދޮރުލައްޕާލީ ތަޅުލުމަށް އެޕޯލޯތަޅުގެ އޮބަށް ފިތާލާފަ އެވެ. އެއާއެކު ހަލުވި ފިޔަވަޅުގައި އެ ގެއިން ނުކުމެގެން އައިސް ޒާމާނީގޭ ދޮރޯށީގައި ހިފާލިއެވެ. ނަސީބަކުން ދޮރޯށި ހުޅުވައިފި އެވެ. ފަތިހު ފަސްގަޑިސާޅީސްފަހެއްގައި ހުކުރު ނޫނީ ކޮންމެ ދުވަހަކުހެން ޝަމްއާނު ދުވަން ނުކުންނާނެކަން އައިރާ ދެނަހުއްޓެވެ.
ކޮޓަރިއަށް ވަދެ ހެދުން ބަދަލު ކޮށްލައިގެން އައިރާ އައިސް ބަދިގެއަށް ވަނީ އޭނާގެ ކޮންމެ ދުވަހެއްގެ ވަޒީފާ އަދާކުރުމަށްޓަކަ އެވެ. ނަމަވެސް ގެއަށް އައިސް ވަނުމާއެކު އައިރާގެ ސިކުނޑި ވަށާލީ ރޭގައި އޭނާގެ ދުލުން ހާމަކުރި ވާހަކަތަކަށް ހިޝްމާއާއި ތާއިބު ރައްދު ދިން ގޮތެވެ. އެ ޚިޔާލުގައި ހުރެ މަސައްކަތްތައް ނިންމާލާފައި ބަދިގެއިން ނުނިކުމެވެނީސް ޝަމްއާނު އައިސް ބަދިގެއަށް ވަންތަން ފެނުނެވެ. ޝަމްރާއަށް ތައްޔާރުކުރި އޮރެންޖުފަނި ފުޅިއަށް އަޅަމުން ދިޔަ އައިރާގެ އަތް ތުރުތުރުއަޅައިގަނެ ކާ މޭޒު މައްޗަށް ފަނި އެޅިގެން ދިޔައެވެ. އަވަސް އަވަހަށް ކުރަންހުރި މަސައްކަތް ހުއްޓާލުމާއެކު އައިރާ ކާގެއިން ނުކުމެ ބޭރުގައި މަޑުކޮށްލި އެވެ. ޝަމްއާނު އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ދޮރުމަތީ ހުރެ އަނގަޔަށް ފެންފުޅި އަރިކޮށްލާ ފެންކޯވަރު ބޮމުން ދިޔައެވެ. އޭރު އޭނާގެ ނަޒަރު އައިއާރަށް ހުއްޓިފައި ވެއެވެ.
"ސްޓުޕިޑް... ސްޓުޕިޑް ގާލް... ކަލޭ ހީކުރީ އެކަހަލަ ވާހަކައެއް ދައްކައިގެން މިގޭ ތެރޭގައި ކަލެއަށް އެންމެންގެ ސަމާލުކަން ހުއްޓޭނެ ކަމަށްތަ... އެކަމަކު ބުނަން... ކަލޭގެ ތި ހިތްވަރަށް އެވޯޑެއް ދޭވަރުވޭ... ސްޓުޕިޑް ގާލް..." މަލާމާތް ކުރާ ޒާތަށް ހެމުންހެމުން ޝަމްއާނު ފެންފުޅި އައިސްއަލަމާރިއަށް ލާފައި ގޭތެރެއަށް ވަންނަން ދިޔައެވެ. އައިރާ އެނބުރި ބަދިގެއަށް ވަނީ ދެނެވެ.
ބަދިގޭ މަސައްކަތްތައް ނިންމާލާފައި ކޮޓަރިއަށް އައިސް ދާވެފައި ހުރި ހެނދުންތައް ދޮންނަން ތައްޔާރުވަނިކޮށް އައިރާގެ ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. ތަޅުންގަނޑު މަތީ ހުރި ހެނދުންތައް ނަގަން އުޅެފައި ވެސް އައިރާ ހިންދެމިލަމުން އައިސް އެނދު ކައިރީ ހުރި ކުޑަ ކަބަޑުގެ މަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ނަގަމުން އެނދުގެ މަގަތުގައި އިށީނެވެ.
"ގުޑްމޯނިންގ... ކޮޓަރިން ނުކުމޭތޯ ވަރަށް އިންތިޒާރުކޮށްފިން... އަހަންނަށް އެނގޭ މިހާއިރު ވަންދެން އައިރާ ނިދާފައެއް ނޯންނާނެކަން... އޮފީހަށް ވެސް މިއަދު ނުދަންތަ؟ ޖޯލީގައި އޮވެއޮވެ ބުރަކަށިން ވަރުނަގައިފި... ނިކަން އަހަންނަށް ޚަބަރެއް ވެބަލަ... ކުޑަކުޑަ އިޝާރާތެއް ނަމަވެސް ކޮއްލަބަލަ... ނޫނީ ބޭނުންވަނީ އައިރާދެކެ ލޯބިވާކަން އެނގޭތީ މި ނިޔާނު އިމްތިހާނުކޮށްލަންތަ؟" މެސެޖު ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އައިރާއަށް ހިނިތުންވެލުނެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އައިރާއަށް އިނދެވުނެވެ. ނިޔާނަށް މެސެޖެއް ލިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އައިރާ ހީކުރިހާ ފަސޭހައެއް ނުވިއެވެ. ލިޔަން ފަށާފައި ވެސް އެ ލިޔެވުނު އެއްޗެއް ތިން ހަތަރު ފަހަރަށް ފުހެލިއެވެ. އެންމެފަހުން ވަރަށް ވިސްނަވިސްނާފައި މެސެޖެއް ފޮނުވައިފި އެވެ. އައިރާ މެސެޖު ފޮނުވިތާ ގިނައިރެއް ނުވަނީސް އޭނާގެ ފޯނަށް ނިޔާނު ގުޅިއެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލި އައިރާއަށް އޭނާގެ ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ. (ނުނިމޭ)