އެފްރިކަން ކަޕް އޮފް ނޭޝަންގެ އެންމެ ކާމިޔާބު ގައުމު މިސްރު، ހަތް އަހަރު ގެ މެދުކެނޑުމަކަށްފަހު، މުބާރަތަށް އެނބުރި އައިސް، ފައިނަލަށް ދަތުރުކޮށްފި އެވެ.
ގެބޯން ގައި މިހާރު ކުރިއަށްދާ މުބާރާތުގެ ފައިނަލަށް މިސްރު ދަތުރު ކުރީ، ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލު މެޗު ގައި، ބްރުކީނޯ ފާސޯއާ ދެކޮޅަށް ޕެނަލްޓީ ޖަހައި 4-3 ން މެޗް ކާމިޔާބު ކޮށްގެން ނެވެ.
މިސްރު އެންމެ ފަހުން މުބާރަތަށް ކޮލިފައިވީ، މީގެ ހަތް އަހަރު ކުރިން އެންގޯލާގައި ބޭއްވި 27 ވަނަ މުބާރާތުގަ އެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަން މަގާމާއެކު، ހަތް ވަނަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަން ކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދި އެވެ. ނަމަވެސް އޭގެ ފަހުން، ދެން ޖެހިގެން އައި ތިން މުބާރަތަށްވެސް އެ ޓީމު ކޮލިފައި ވެފައެއް ނުވެ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލު މެޗްގައި ފުރތަމަ ލީޑް ނެގީ ވެސް މިސްރުން ނެވެ. މެޗްގެ 66 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ މުހައްމަދު ސޮލާހް އެވެ.
ނަމަވެސް، މިސްރަށް ލީޑް ގައި އޮވެވުނީ އެންމެ ހަތް މިނެޓް އިރު އެވެ. ބްރުކީނޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 73 ވަނަ މިނެޓް ގައި ކާމިޔާބު ކުރީ އަރިސްޓްޑް ބަންސޭ އެވެ.
އެ ނަތީޖާ އިން މެޗް އެއްވަރު ވުމުން، އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފު ގައި ވެސް ލަނޑެއް ނުޖެހުމުން، ނަތިޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި މިސްރުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އެވެ. އެ ޓީމަށް ނާކާމިޔާބުވީ އަބްދުﷲ ސައީދު ޖެހި ޕެނަލްޓީ އެކަންޏެވެ. އޭނާ ޖެހި ޕެނަލްޓީ ބްރުކީނޯގެ ކީޕަރު ކައުކައު ކޮފީ ވަނީ ދިފާއު ކޮށްފަ އެވެ.
ބްރުކީނޯ ފާސޯގެ ފަސް ޕެނަލްޓީގެ ތެރެއިން، ކާމިޔަބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމު ކީޕަރު ކޮފީ ޖެހި ޕެނަލްޓީ އާއި ބާޓްރެންޑް ޓޮރެއާރޭ ޖެހި ޕެނަލްޓީ މިސްރުގެ 44 އަހަރުގެ ކީޕަރު އާސިމް އަލް ހާދަރީ ވަނީ ދިފާއު ކޮށްފަ އެވެ.