ލައިފްސްޓައިލް

މާ ބޮޑަށް ހާސް ވަނީތަ؟ ދަތުރެއް ރާވާ!

Feb 3, 2017
3

ލިބޭ ޗުއްޓީތަކުގައި ކޮންމެވެސް ތަނަކަށް ދަތުރެއް ކޮށްލާ ހުސްވަގުތުކޮޅެއް ހޭދަކޮށްލުމަކީ ހުރިހާ އުމުރެއްގެ މީހުންވެސް ވަރަށް ކުރާ ކަމެކެވެ. އެއްބައި މީހުން މަސައްކަތުގެ ހަލަބޮލި މާހައުލުން ބްރޭކެއް ނަގަން ހަމަހިމޭން ތަކެއް ދަތުރު މަންޒިލަކަށް ލޯބިކުރާއިރު އަނެއްބައި މީހުންނަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ގޮސް ތަފާތު މީހުންނާ ބައްދަލުކޮށް އާ ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންނެވެ. އެކަމަށް މާ ލަގްޒަރީ ދިރިއުޅުމެއް އެފަދަ މީހުން ކޮންމެހެން ބޭނުމެއް ނުވެ އެވެ. ޕަބްލިކް ބަހެއްގައި ދަތުރުކޮށްލާ، އާދައިގެ ހޮޓަލަކުން ކާލައިގެން ނިދާލެވުމުން މި މީހުންނަށް ފުދޭނެ އެވެ. މި ދެ ވައްތަރަކީވެސް މީހާގެ ހަޔާތަށް ބޮޑު ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް އިންސާނީ ތަބީއަތް ދިރާސާކުރާ ތަޖުރިބާކާރުން ދެކެއެވެ.

ބައެއް ފަހަރު އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުން މީހާ ހާސްވެ ބޯ ގޮވާ ހިސާބަށް ދެ އެވެ. މިކަމަށް ވެސް އޮތް އެންމެ މޮޅު އެއް ތެރަޕީ އަކީ މިއެވެ. އަމިއްލަ ދިރިއުޅުމާ މެދު ހިތްހަމަ ނުޖެހި، ކުރިއަށްދާނެ މިސްރާބެއް ނޭނގިފައި ހުންނަ ވަގުތެއްގައި ވެސް ނުދަންނަ ބައެއްގެ ތެރެއަށް ކޮށްލާ ވަރަށް ކުރު ދަތުރަކުންވެސް ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވަފާނެ ކަމަށް އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަސިޓީގެ ޕްރޮފެސަރުންގެ ޓީމަކުން ކުރި ދިރާސާއަކުން މިވަނީ ދެނެގަނެވިފަ އެވެ.

އެ ދިރާސާގެ ޓިމުން ބުނެފައިވާ ގޮތުގައި ދަތުރުކުރުމަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ އިރު ދިރިއުޅުމާމެދު ވަރަށް ފުންކޮށް ވިސްނާލަން ކުދިންނަށް ދިނުން މުހިއްމު ތަޖުރިބާއެކެވެ. ހަމައެކަނި މުނިފޫހިފިލުވުމަށް ކުރާ ކަމެއްގެ ބަދަލުގައި ކުދިންނާ އެކު ނުދަންނަ ގައުމެއްގެ މާހައުލާއި ސަގާފަތާއި އާންމުންގެ ދިރިއުޅުން ފެންނާނެ ކަހަލަ ދަތުރެއް ކޮށްލުމުން މި އުމުރުގެ ކުދިންނަށް ދިރިއުޅުން މުޅިން ތަފާތު އޭންގަލަކުން ނަގައިގަތުމަށް މަގުފަހިވެ އެވެ. ހާއްސަކޮށް ޒުވާން އުމުރަށް އަޅައިގެން އަންނަ އިރު، ކަންކަމާމެދު ނެގެޓިވްކޮށް ވިސްނާ މިންވަރު މަދުވެ، ކުރިމަގާމެދު އުންމީދު ކުރާ މިންވަރު އިތުރެވެ. އޭގެ ސަބަބުން މިފަދަ ޒުވާނުންނަކީ ކާމިޔާބު ބަޔަކަށް ވުމުގެ މަގު ފަހިވެ އެވެ.

އެހެންވީމާ މާބޮޑަށް ކަންބޮޑުވެ، އަމިއްލަ ހަޔާތުގައި ކުރެވޭ ނުކުރެވޭ ކަމެއް ޔަގީން ނުވާނަމަ މަދު ލާރިއެއް އެއްކޮށްގެން ނަމަވެސް ދަތުރެއް ކޮށްލުން ބުއްދިވެރި އެވެ. ރައްޓެހި ކުދިންކޮޅެއް ނޫނީ އާއިލާގެ މެންބަރުންނާއެކު ކޮށްލުން މީހަމަ އެންމެ ރަނގަޅު ކަމެއް ނޫންހެއްޔެވެ؟