ޓެކްނޯލޮޖީ

ނަމުން ނޭގުނަސް މީނާގެ މަސައްކަތް އެއްމެން ދަނޭ!

ފޮޓޯއިން މި ފެންނަ މީހަކީ ކާކުތޯ އަހައިފިނަމަ މަދުބަޔަކަށް ނޫނީ މީނާ މީ ކާކުކަމެއް ނޭގޭނެ އެވެ. އަތުގައި އެއޮތް ދެކެމެރާގެ ސަބަބުން މީނާ ކުރާ މަސައްކަތް ހާމަ އެބަވެއެވެ. ފޮޓޯގްރާފަރެކެވެ. އުމުރުން ދުވަސްވީ މީހަކާ ވައްތަރަސް އާދަޔާހިލާފަށް މޮޅު އޭނާގެ ލެންސުން ކުރަހާލި ކޮންމެ ފޮޓޯއެއް ކަހަލަ ގޮތަކަށް ދުނިޔެ އާޝޯހު ކުރުވި ފޮޓޯގްރާފަރެކެވެ. ނަމަކީ ޕީޓް ސޫޒާ އެވެ. އެމެރިކާއަށް އުފަން 62 އަހަރުގެ ކުޅަދާނަ ހުނަރު ވެރިއެކެވެ.

އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ބަރަކް އޮބާމާ ވެގެން ދިއައީ ދުނިޔޭގެ ލޯބި ހޯދި ކުޅަދާނަ ޝަހްސިއްޔަތަކަށެވެ. އޭނާގެ ޝަހްސިއްޔަތު ދުނިޔެއަށް ހާމަވެގެންދަނީ އޭނާގެ ސަކަ މިޒާޖާއި، ސީރިއަސް މިޒާޖާއި އަދި އޭނާގެ އިޝްގީ މިޒާޖު ދައްކުވައިދޭ ފޮޓޯތަކުންނެވެ. އޮބާމާ ރައީސް ކަމުގެ ދައުރުގައި ކުރެއްވި ކަމެއްގެ ފޮޓޯއެއް އާންމު ވާތާ މާގިނަ އިރުތަކެއް ނުވެ ދުނިޔެ އެފޮޓޯގެ އަވާގައި ޖެހި ދީވާނާ ވެއެވެ. ޝައްކެއްވެސް ނެތެވެ. ފޮޓޯ މޮޅު ވީމައެވެ. މި ފޮޓޯތައްް ކެމެރާގެ ލެންސުން ދަމައިގަންންމުން ދިޔަ ފަރާތަކީ ފޮޓޯގައި އެވާ ފީޓް ސޫޒާ އެވެ.

ފީޓް ސޫޒާއަކީ ބަރަކް އޮބާމާގެ ރިޔާސަތުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމުގައިވާ ވައިޓް ހައުސްގެ ޗީފް އޮފިޝަލް ފޮޓޯގްރާފަރެވެ. އޭގެ އިތުރުން އޭނާވަނީ އެމެރިކާގެ 40 ވަނަ ރައީސް ކަމުގައިވާ ރޮނަލްޑް ރޭގަންގެ ރިޔާސަތުގައި ވައްޓް ހައުސް ފޮޓޯގްރަފީ އޮފީހުގެ ޑިރެކްޓާކަން ވެސް ކޮށްފައެވެ.

ޕީޓްގެ ކެރިއަރަށް ބަލާލާއިރު އޭނާ އެންމެ ފުރަތަމަ ފޮޓޯގްރަފީ ދާއިރާގައި އުޅެފައިވަނީ 1970 ގައި އަހަރުތަކުގައި އެމެރިކާގެ ނޫސް އޭޖެންސީ ތަށް ކަމުގައިވާ ޗަނޫޓް ޓްރައިބިއުން އަދި ހުޗިންސަން ނިއުސްގައި ފޮޓޯޖާނަލިސްޓެއްގެ ގޮތުގައެވެ. 1980 ވަނަ އަހަރުތަކުގެ ތެރޭގައި އޭނާވަނީ އޭރުގެ އެންމެ މަޝްހޫރު ނޫސް ކަމުގައިވާ ޗިކާގޯ ސަންޓައިމްސްގައި ޗީފް ފޮޓޯޖާނިލިސްޓެއްގެ މަގާމުގަ އެވެ. ޗިކާގޯ ސަންޓައިމްސްގައި މަސައްކަތް ކުރަމުންދަނިކޮށް އޭނާއަށް ދެން ލިބުނީ އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަންގެ ރިޔާސަތުގައި ވައިޓް ހައުސްގެ ފޮޓޯގްރަފީ އޮފީހުގެ ޑިރެކްޓަރުގެ މަގާމެވެ. އެއީ ރޮނަލްޑް ރޭގަން ގެ ދެވަނަ ދައުރު ފެށި 1983 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 1989 ވަނަ އަހަރުގެ ނިޔަލަށެވެ. އެއަށް ފަހު ދެން އޭނާ ބަދަލުވީ ޗިކާގޯ ޓްރައިބިއުން ނަމަކަށް ކިޔާ އެމެރިކާގެ ނޫހަކަށް ފޮޓޯޖާނަލިސްޓެއްގެ މަގާމަށެވެ.

ޕީޓް އަކީ ކެނޮންގެ ފޭނެއް ކަމަށް ބަޔެއް މީހުން ބުނާއިރު ގިނަ ފަހަރު މީނާ ފެންނަނީ ވެސް ކެނޮން ކެމެރާތައް ބޭނުން ކުރާ މަންޒަރެވެ. ޕީޓް ދެކޭގޮތުގައި ފޮޓޯގައި އެންމެ މުހިންމު ކަމަށް ވާން ޖެހޭނީ އެމޯޝަންސް އެވެ. ޕީޓް، އޮބާމާގެ ރިއާސަތުގައި ބޭނުން ކުރި ހުރިހާ ސޯޝަލް މީޑިއާ އެކަންޓްތަށް ވަނީ މިހާރު އެމެރިކާގެ އަރުޝީފުގައި ރައްކާކުރެވިފަ އެވެ.

މީނާގެ މަސައްކަތުން މީހުން އިންސްޕަޔާވާ ފަދައިން މީނާ ވެސް މީ ފޮޓޯގްރާފަރުންނަށް އިންސްޕްރޭޝަނެކެވެ.

ފީޓްއަށް އޮބާމާއާއި ދިމާވީ 2005 ވަނަ އަހަރު އޮބާމާ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ ސެނެޓަށް ހޮވުމާއި ހިސާބުންނެވެ. ސެނެޓަށް އޮބާމާ ހޮވުމާއެކު އޮބާމާގެ ހުރިހާ ރަސްމީ ދަތުރުތަކެއްގައި ޕީޓްވަނީ އޮބާމާގެ ރަސްމީ ދަތުރުތަކުގައި އޭނާގެ ފޮޓޯތަށް ނަގާދެމުންނެވެ. މިއާއެކު އޮބާމާ އާއި ޕީޓް ވަރަށް ގާތް ބަޔަކަށް ވިއެވެ. 2008 ވަނަ އަހަރު އޮބާމާ ރައީސް ކަމަށް ހޮވުމާއެކު ޕީޓް ވަނީ "ދަ ރައިޒް އޮފް ބަރަކް އޮބާމާ" ގެ ނަމުގައި ފޮތެއް ނެރެފައެވެ. މި ފޮތުގައި ޕީޓް ވަނީ 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރު އޮބާމާ ރައީސްކަމާއި ހަވާލުވުމާއި ހަމައަށް އޮބާމާ ކުރެއްވި މަސައްކަތްތަކުގެ އެކްސްކްލޫސިވް ފޮޓޯތަށް އާންމު ކޮށްފައެވެ. މީގެ ސަބަބުން ވެސް އޮބާމާއި ޕީޓްއާއި ދެމެދު އޮންނަ ގާތްކަށް ވަރަށް ރަނގަޅަށް ވަނީ ހާމަވެފައެވެ.



ޕީޓް ނަގާފައިވާ އޮބާމާގެ އެންމެ މަގްބޫލް ފޮޓޯތަކަށް ބަލާލާއިރު، ގިނައީ އޮބާމާއާއި އެނާގެ އަންބިކަބަލުން އަދި އެންމެންގެ ފޭވަރިޓް ފަސްޓްލޭޑީ ކަމުގައިވާ މިޝެލް އޮބާމާއާއި ދެމީހުން އެކުގައި ނަގާފައިވާ އިޝްގީ ފޮޓޯތަކެވެ. ރިލޭޝަންޝިޕް ގޯލްސް ކަމަށް ގިނަ ބަޔަކު ދެކުނު މި ފޮޓޯތަށް ޕީޓް ދެކޭގޮތުގައި އެނާއަށް ވެސް އެހާމެ ކަމުދެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ދެ ފޮޓޯއަކީ ފިނި ދުވަހެއްގައި އޮބާމާގެ ކޯޓް މިޝެލް އަށް ދީ މިޝެލް އެ ކޯޓް ލައިގެން ހިނިތުންވުމަކާއި އެކު ދެމީހުން އެކަކު އަނެކަކަށް ބަލައިގިން ތިބި ފޮޓޯއާއި 2012 ވަނަ އަަހަރު ބޭއްވުނު ކެމްޕެއިން ހަފްލާއެއްގައި އޮބާމާ، މިޝެލް ގައިގައި ހިނިތުން ވުމަކާއި އެކު ބައްދާލައިގެން އިން ފޮޓޯއެވެ.

ދެން އެންމެ މަގްބޫލެވެފައިވަނީ އޮބާމާގެ މަސައްކަތުގެ މާހައުލުގައި ގެންގުޅޭ އާދައިގެ ދިރިއުޅުގެ އުކުޅުތަށް ދައްކުވައިދޭ ފޮޓޯތަކެވެ. އޮބާމާގެ ސިމްޕަލް ލައިފް ދައްކުވައިދޭ ފޮޓޯތަކުގެ ތެރޭގައި ވައިޓް ހައުސްގެ ކޮއިޑޯއެއްގައި އޮބާމާ ހިންގަވާފައި ގޮސް އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ވައިޓް ހައުސް ސާފު ކުރާ މުވައްޒިފަކާއި ފިސްޓް ބަމްޕް އެއް ޖަހާލި ފޮޓޯ ވަރަށް ފާހަގަކޮށްލެވެއެވެ. އޮބާމާގެ ހިތްތިރިކަށް އެންމެ ބޮޑަށް ފާހަގަވި ފޮޓޯއަކީވެސް މިއެވެ. އޭގެ އިތުރުން އޮބާމާ އޮވަލް އޮފީސް ނުވަތަ ރައީސްގެ ރަސްމީ ކޮޓަރިކޮޅުގައި އެމެރިކަން ފުޓްބޯޅަ ކުޅުއްވަނިކޮށް ޕީޓް ކުޑަދޮރުން ބޭރުގައި ހުރެ ނެގި ފޮޓޯވެސް ވެގެން ދިޔައީ ގިނަ ބަޔެއްގެ ތައުރީފް އޮހުނު ފޮޓޯއަކަށެވެ.

އޮބާމާގެ ފާހަގަކޮށްލެވޭ ފޮޓޯތަކުގެ ތެރެއިން އެންމެ ބޮޑު ތައުރީފް ލިބެމުންދިޔައީ އޮބާމާ ކުޑަކުދިންއާއި އެއްކޮށް ހޭދަކުރާ ވަގުތު ތަކުގައި ކެޕްޗާ ކުރެވޭ ފޮޓޯތަކެއެވެ. އޮވަލް އޮފީހުގެ ކާޕެޓް މަތީގައި އޮށޯވެ ކުޑަ އަންހެން ކުއްޖެއް އުރާލި ފޮޓޯއަކީ އެންމެ ގިނައިން މީހުން ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޯއެވެ. މީގެ އިތުރުން ކުޑަ ސްޕައިޑާ މޭންއެއްގެ ވެބްގައި ޖެހުނު ފޮޓޯވެސް ވެގެންދިޔައީ ފަހަގަކޮށްލެވުނު ފޮޓޯއަކަށެވެ.

ޕީޓް، ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާ އެންމެ ފަހުރުވެރިވަނީ އެމެރިކާގެ ސިޓުއޭޝަން ރޫމް ތެރޭގައި އޮބާމާގެ ފޮޓޯނެގޭތީކަމަށެވެ. ސިޓުއޭޝަން ރޫމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ ސިފައިން ނުވަތަ އެމެރިކާގެ ޑެލިގޭޓްސް ހިންގާ މިޝަންތަކަށް ކޮމާޑް ކުރުމަށް އެމެރިކާގެ ޑިފެންޒް ވުޒާރާއާއި މިޝަންތަކުގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނެވިރި ފަރާތްތަށް ކޮމާންޑް އެމެޖެންސީ ބޮޑެތި ކޮމާންތަށް ދިނުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެވެ. މި ކޮޓަރީގައި ޕީޓް ނަގާފައިވާ އެންމެ މަގްބޫލް ފޮޓޯއަކީ އޮބާމާއާއި ދިފާއީ ބާރުތަކުގެ އިސްވެރިން ، އުސާމާ ބިން ލާދިން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަން ވަގުތުން ބަލާލުމަށް އެއްވެ ތިބި ފޮޓޯއެވެ. މި ފޮޓޯގައި އެންމެންގެ މޫނު މަތިންވެސް ފެނިގެން ދިއައީ މާޔޫސްކަމާއި ސީރިއަސް ކަމެވެ.

އޮބާމާގެ ވެރިކަން ނިމުމަކަށް އައި ދުވަހު ދުނިޔެ ރޮއްވާލު ފޮޓޯއަކަށް ވީ އޮބާމާ ހެލިކްޕްޓްރުގެ ކުޑަދޮރުން ވައިޓް ހައުސް އަށް ބަލަން އިން ފޮޓޯއެވެ. ޕީޓް ގެ ކެމެރާއިން ކުރަހާލި މި ފޮޓޯ މަޝްހޫރުވެގެން ދިޔައީ ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިޔާތުގެ ފޮޓޯތަކަށް ވުރެ ބާރުމިނުގައެވެ.

ޕީޓް އަކީ ކެނޮންގެ ފޭނެއްކަމަށް ބަޔެއް މީހުން ބުނާއިރު ގިނ ފަހަރު މީނާ ފެންނަނީ ވެސް ކެނޮން ކެމެރާތަށް ބޭނުން ކުރާ މަންޒަރެވެ. ޕީޓް ދެކޭގޮތުގައި ފޮޓޯގައި އެންމެ މުހިންމު ކަމަށް ވާން ޖެހޭނީ އެމޯޝަންސްއެވެ. ޕީޓް އޮބާމާގެ ރިއާސަތުގައި ބޭނުން ކުރި ހުރިހާ ސޯޝަލް މީޑިއާ އެކަންޓްތަށް ވަނީ މިހާރު އެމެރިކާގެ އަރުޝީފުގައި ރައްކާކުރެވިފައެވެ.

މީނާގެ މަސައްކަތުން މީހުން އިންސްޕަޔާވާ ފަދައިން މީނާ ވެސް މީ ފޮޓޯގްރާފަރުންނަށް އިންސްޕްރޭޝަނެކެވެ.

ޕީޓް ސޫޒް ގެ މަގްބޫލު ފޮޓޯތަށް