ކުޅިވަރު

ކޮންޓޭގެ ޓެކްޓިކްސް ބަދަލު ކުރަން މަޖުބޫރު ކުރުވީ ވެންގާ

މި ދިޔަ ހަފުތާ ގައި ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތި ލުމަށްފަހު މިއަދު ޗެލްސީއާ އާސެނަލްގެ ކުރިމަތި ލުމެވެ. ޗެލްސީއާ އާސެނަލްގެ ކުރިމަތިލުން ފޯރިގަދަ ވާނެ އަނެއް ސަބަބަކީ ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު، ޗެލްސީ ތާވަލުގެ އެއް ވަނަ މަގާމު ފަތަހަ ކުރަމުން އަންނަ އިރު، އެޓީމާ އެންމެ ގާތުން އޮތް ދެ ޓީމުގެ ތެރެއިން އެޓީމަކީ އާސެނަލް ކަމުގައި ވުމުން ނެވެ.

އަނެއް ސަބަބަކީ ޗެލްސީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭގެ ޓެކްޓިކްސް ބަދަލު ކުރުވަން މަޖުބޫރު ކުރުވީ އާސެނަލްގެ ކޯޗް ފްރާންސްގެ އާސެން ވެންގާ ގެ ރޭވުން ތެރިކަން ޗެލްސީއާ ދެކޮޅަށް ބޭނުން ކުރި ގޮތުން ނެވެ. ސެޕްޓެމްނަބަރު މަހު އާސެނަލް މެޗާ ހަމަޔަށް ކޮންޓޭ ބޭނުން ކޮށްފައި ވަނީ، 4-4-2 ނުވަތަ 4-3-3 ނުވަތަ 4-2-3-1 ގެ ފޯމޭޝަން ތެކެވެ. އާސެނަލްގެ ދަނޑުގައި ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާ އިން ނެވެ. އެހާ ހިސާބުން ކޮންޓޭގެ ޓެކްޓިކްސް ބަދަލު ކޮށްގެން ނުނީ، ކާމިޔާބު ނުލިބޭނެ ކަމަށް އޭނާ ގަބޫލު ކުރި އެވެ. ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމަށް ކޯޗް ކޮށްދިން ކޮންޓޭގެ ޓެކްޓިކްސް ދެން ފައްކާ ކުރީ، އެ ދެ ޓީމުގައި އޭނާ ބޭނުން ކުރި ޓެކްޓިކްސްގެ މައްޗަށެވެ. ތިން ޑިފެންޑަރުން ފަހަތުގައި ބޭތިބުމަށްފަހު މެދުތެރޭގައި ފަސް މިޑްފީލްޑަރުންގެ ރޯލެވެ.

ކޮންޓޭ ބުނީ، އެ މެޗުން ބަލިވި ކަމުގެ ހަނދާން އޭނާ އަބަދުވެސް ހުންނާނެ ކަމަށެވެ. އަދި އިޓަލީ އާއި ޔުވެންޓަސްގައި އޭނާ ބޭނުން ކުރި ފޯމޭޝަން ބަދަލު ކުރީ އާސެނަލް މެޗަށް ފަހު ގައި ކަމަށެވެ. ނަމަވެސް އޭނާގެ ހިތުގައި އަބަދުވެސް އެ ފޯމޭޝަނަށް ކުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކޮންޓޭ ބުންޏެވެ.

"އަހަންނަށް އެނގޭ މި ޓީމުގައި މިތިބީ އެ ސިސްޓަމަށް ކުޅެވޭ ކުޅުންތެރިން ކަން، ނަމަވެސް އަހަރެމެން އޭގެ ކުރިން އެ ސިސްޓަމަށް ޕްރެކްޓިސް ޝެޝަންތަކުގައި މަސައްކަތް ނުކުރަން،" ކޮންޓޭ ބުންޏެވެ.

ޗެލްސީގެ ޓެކްނިކަލް ސިސްޓަމް ބަދަލު ކޮށްފިއެވެ. ބަދަލުވެސް ފެނިއްޖެއެވެ. އެއް ވަނައިގައި ދަމަހައްޓަމުން ދަނީ އެހެން ޓީމަކަށް ފަސޭހައިން އަތު ނުލެވޭނެ ބާރު މިނުގައެވެ. ނަމަވެސް ކޮންޓޭ ގަބޫލު ކުރާގޮތުގައި ޗެލްސީ، އެއް ވަނައިގައި ދަމަހައްޓާމުން ދަނީ ހަމައެކަނި ފޯމޭޝަން ބަދަލު ކޮށްލުމަކުން ނޫނެވެ. އޭގެ ފަހުން އެތައް މަސައްކަތެއް ކޮށްގެނެވެ.

އާސެނަލްއާ ދެކޮަޅަށް ކުޅޭ މެޗަށް ކޮންޓޭ ހުރީ ވަރަށް ރަނގަޅަށް ފިލާވަޅު ދަސްކޮށްގެން ނެވެ. އާސެނަލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ވީ ކޮންޓޭ އަށް ވެސް އުނދަގޫ މެޗަކަށެވެ. އެއީ އާސެނަލް އިން ނަތީޖާ ނެރުނީ މެޗްގެ ފުރަތަމަ ހާފު ގައި ކާމިޔާބު ކުރި ލަނޑު ތަކުން ނެވެ.

"ހަމަ ޔަގީނުންވެސް އެއީ އަހަންނަ ކުރިމަތިވި ޝޮކެއް، އާންމުކޮށް އަހަރެން (މަސައްކަތް ކުރި) ޓީމު ތަކުގެ ކޮޅަށް ފުރަތަމަ ހާފަުިގައި ތިން ގޯލެއް ނުވަންނާނެ،"

ނަމަވެސް މިއަދު ކުޅޭ މެޗުގައި އެފަދަ މަންޒަރެއް ތކުރަރު ނުވާނެ ކަމުގެޔަގީން ކަން ކޮންޓޭ އަށް އެބައޮތެވެ.

"މިކަން ކުރިމަގުގައި ނުވާނެ ގޮތަށް އަހަރެމެން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ، ... އަހަރެން އުންމިދު ކުރަން އެ މެޗުގައި އެވީ ކަންތައް އަހަރެމެންގެ ކުޅުންތެރިން ހަދާން ބަހައްޓާނެ ކަން އޭގެ ފަހުން ވަރަށް ގިނަ ކަންކަން ބަދަލު ވެއްޖެ، މިއީ އޭރު އޮތް ޓީމެއް ނޫން، އަހަރެމެންނަށް ކުރި އެރުން އަތުވެއްޖެ،" ކޮންޓޭ ބުންޏެވެ.