ބޮލީވުޑް

ކެޓްރީނާ އާއި އަދިތްޔަ ސަލާމަތްވީ ކިރިޔާ

Mar 19, 2015

އަބީޝެކް ކަޕޫރު ޑައިރެކްޓް ކުރާ "ފިތޫރް" ގެ މަންޒަރެއް ދިއްލީގައި ނަގަނިކޮށް ފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް އާއި ބަތަލް އަދިތްޔަ ރޯއި ކަޕޫރު ދުއްވަމުންދިޔަ ކާރު ފާރެއްގައިޖެހި އެކްސިޑެންޓެއްވެއްޖެ އެވެ.

ފިލްމުގެ މަންޒަރެއްގައި ކެޓްރީނާ ކޮންވާޓިބަލް ކާރެއް ދުއްވަން އުޅުމުގެ ތެރޭގައި މި ހާދިސާ ހިނގިއިރު އެކްޓަރު އަދިތްޔަ އިނީ ކާރުގެ ފަހަތު ސީޓުގަ އެވެ. ކެޓްރީނާ ކާރަށް އަރާ ނައްޓާލިއިރު ހަނދާން ނެތިގެން ކާރުގެ ދޮރުފަތް ނުލެއްޕި އިނުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުން އެއްވެސް މީހަކަށް އަނިޔާއެއްނުވެ އެވެ.

ކާރު ނައްޓާލިތަނާ އިރުކޮޅެއްފަހުން ބާރު އަޑުފަތްގަނޑެއް އިވުނު ކަމަށާއި، ކާރުގެ ދޮރުފަތް ނުލެއްޕި ހުރުމުން ކާރު ފާރެއްގައި ޖެހުނީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކްސިޑެންޓަށްފަހު މީޑިއާ އާ ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ އެއީ ވަރަށް ރީތި ކާރެއް ކަމަށާއި ކާރު ފާރުގައި ޖެހި އެކްސިޑެންޓްވުމުން ވެސް އަދިތްޔަ ދިޔައީ އެކްޓް ކުރަމުން ކަމަށާއި އެއީ ފަހަރުގައި ޑައިރެކަޓަރު އަބީޝެކް އެމަންޒަރުތައް ބޭނުންވެދާނެތީ ކަމަށެވެ.

"ކާރި ފާރުގައި ޖެހުމާއެކު ޑައިރެކްޓަރާ އެންމެން ދުވެފަ އާއި އަހަރެމެން ކައިރިއަށް، އޭރުވެސް އަދިތްޔަ ދިޔައީ އެކްޓުކުރަމުން." ކެޓްރީނާ ބުންޏެވެ.

ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާ މިފިލްމުގެ ކަޝްމީރުގައި ނަގަންޖެހޭ މަންޒަރުތައް މިހާރުވާނީ ނަގާ ނިމިފަ އެވެ.

މި ފިލްމިގައި ކެޓްރީނާ ޕާކިސްތާން އަންހެން ކުއްޖެއްގެ ރޯލުން ފެންނައިރު، އަދިތްޔާ ކުޅެނީ ކަޝްމީރު ޒުވާން ފިރިހެން ކުއްޖެއްގެ ރޯލެވެ.މިދެތަރިންގެ އިތުރުން ރޭކާވެސް މި ފިލްމުގައި އިސްރޯލެއް އަދާކުރެ އެވެ.

"ފިތޫރު"އަކީ ކެޓްރީނާ އާއި އަދިތްޔަ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.