ކުޅިވަރު

ހަލް އަށް މަގެއް، ލިވަޕޫލަށް ހާސް ކަން

ރެލިގޭޝަން ޒޯންގައި، އޮތް ހަލް ސީޓީ އަތުން 2-0 ގެ ނަތީޖާ އަކުން ބަލިވެ ލިވަޕޫލަށް އިތުރު ހާސް ކަމުގެ ތެރެއަށް ވެއްޓުނު އިރު ރެލިޣޭޝަން ޒޯނުން ސަލާމަތް ވުމުގެ އުންމީދު ހަލް އިން އާ ކޮށްފި އެވެ.

ހަލް އަށް މެޗްގެ 44 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ، ޖަނަވަރީ ޓްރާސްސްފާ ޕީރިއަޑް ގައި ސްޕެއިންގެ ވިޔަރެއާލްގައި ހުރުމަށްފަހު، ލޯން އެއްބަސް ވުމެއްގެ ދަށުން ހަލް އަށް ބަދަލުވި އަލްފްރޭޑް އެންޑިޔޭ އެވެ. އޭނާ ގޯލް ޖެހަން ފަސޭހަވީ ލިވަޕޫލްގެ ކީޕަރު ސިމޯން މިނިއޯލޭ އަށް ބޯޅަ އަށް ރަނގަޅަށް ސަމާލު ނުވެވުމުން ނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަ ކުރުމަށް، ސެނަގޯލްގެ ގައުމީ ޓީމާ އެކު ގެބޯން އަށް ދިއުމަށްފަހު، ކްއާޓާ ފައިނަލުން ސެނަގޯލް ކެޓުމުން، އެނބުރި ލިވަޕޫލާ ގުޅުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މާނޭ އަށް ވެސް ފުރަތަމަ ހާފުގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ހަލްގެ ކުރީގެ ކޯޗް މައިކް ފިލެން އަށް އެކަށީގެންވާ ހިސާބަކަށް އެޓީމު ނުގެން ދެވުމުން، އޭނާ ކޯޗް ކަމުން ވަކިކޮށް، މިދިޔަ މަހު ފަސް ވަނަ ދުވަހު، މާކޯ ސިލްވާއާ ހަވާލު ކުރި ފަހުން، އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ފަސް ވަނަ މެޗުން ވެސް މޮޅު ވުމުން ސިލްވާ އަށް ވަނީ އިތުރު އުންމީދެއް ލިބިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް، ސެނަގޯލްގެ ކުޅުންތެރިޔެކެވެ. އެއީ، ލޯން އެއްބަސް ވުމެއްގެ ދަށުން އެވަޓަން އިން ހަލްއާ ގުޅުނު އުމަރު ނިސާއޭ އެވެ.