ވާހަކަ

މުޅިޖާންހިތާ

(2 ފެބްރިއަރީ 2017 އާ ގުޅޭ)

އައިރާ މެސެޖު ފޮނުވިތާ ގިނައިރެއް ނުވަނީސް އޭނާގެ ފޯނަށް ނިޔާނު ގުޅިއެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލި އައިރާއަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.

ހިސާބަކަށް ލަދުގެންފައި އިން އައިރާ ފޯނުކޯލަށް ޖަވާބު ދިނުމަށް ފޯނު ކަންފަތާއި ކައިރި ކޮށްލިއެވެ. އެހިނދު އިވިގެންދިޔަ ނިޔާނުގެ އަޑުގައި އޭނާ ހިތް އަވަސްވެފައި ހުރިވަރު އައިރާއަށް އިހުސާސް ކުރެވިގެން ދިޔައެވެ. ރަކި ހީނލުމަކުން އައިރާއަށް ހީނލެވުނީ އެހެން ވެއެވެ.

"ސީރިއަސްކޮށް ސަކަރާތްނުޖަހާ ބުނެބަލަ... އަހަންނާ ހަމަ ޤަބޫލުތަ؟" ނިޔާނު އަހާލި އެވެ.

"އެއަށްވުރެ ސާފު އިބާރާތުން ބުނާނޭ ގޮތެއް އަހަންނަކަށް ނޭނގޭ... އެވަރު ކަމެއްގައި އަހަރެން ނިޔާނާ ސަމާސާއެއް ނުކުރާނެއެއްނު..." އައިރާ މަޑުމަޑުން ބުނެލި އެވެ. ހީވަނީ އޭނާގެ އަޑު އެ ކޮޓަރީގެ ހަތަރު ފާރުން ބޭރުވާން ނޭދޭހެންނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ... ދެން ކޮންއިރަކުން ފެންނާނީ؟ ކީއް ތިކުރަނީ މިހާރު؟ ސައި ބޮއެފިންތަ؟" ނިޔާނު ހީވީ ކެތްތެރިކަން ކުޑަވެފައި ހުރި ހެންނެވެ.

"ހޫމް! ސައި ބޮއެފިން... މިހާރު މިއުޅެނީ އެއްޗެހި ދޮންނަން... ހަވީރު ލިޒީމެންގެއަށް ދެވޭތޯ ބަލާނަން" އައިރާ ބުންޏެވެ.

"މޫނަށްވެފައި ހުރި ގޮތުން ދޯ އޮފީހަށް ނުދިޔައީ... ކެރޭނެތަ އަހަންނާއެކު ހޮސްޕިޓަލަށް ދާން... ނުކެރެންޏާ ލިޒީއާއެކު ދާންވީނު... އަހަރެން ބޭނުމެއް ނޫން އައިރާއަށް އަނިޔާ ލިބޭކަށް... އެހެންނޫނަސް ލިބިފައި ހުރި އަނިޔާގެ ކުޑަބޮޑުމިން ވެސް އެނގޭނީ ޑޮކްޓަރަށް ދައްކާލީމާ..."

"ނިޔާނު! ރޭގައި ލިޒީ ބޭސް އުނގުޅައިދިނީމަ މިހާރު ވަރަށް ބޮޑަށް ރަނގަޅު... އޯކޭ ވާނެ ހޮސްޕިޓަލަށް ނުދިޔަސް... މިވަގުތު މިގޮތް އޯކޭ..." އައިރާ މަނާ ވެގަތެވެ.

"އެކަމަކު ރަނގަޅު ފަރުވާއެއް ނުކޮށް ހުއްޓާ ފަހުން ދެރަވާވަރުކަމެއް ވެދާނެ... ޕްލީޒް އައިރާ..."

"ނިޔާނު... އަބަދު މިކަހަލަ އަނިޔާ ލިބިގެން ދަންޏާ އެތަނުން އެމީހުން ރިޕޯޓުކޮށްފާނެ... އޭރުން ބޮޑު މައްސަލައެއް އުފެދޭނީ... އަހަންނަށް ހީވަނީ ނިޔާނަށް ވެސް އެނގޭނެހެން އެކަހަލަ ކަމެއްވެއްޖެއްޔާ ދެންވާނޭ ގޮތް،" ނިޔާނަށް ވިސްނައިދޭން އައިރާ ބޭނުންވި އެވެ.

ނިޔާނުއާ ފޯނުން ވާހަކަ ދައްކަން އައިރާ އިނދެފައި ތެދުވީ ފޯނުކޯލު ކުރުކޮށްލާފަ އެވެ. ކުރަން ހުރި މަސައްކަތްތައް ކޮންމެހެން ވެސް ނިންމަން ޖެހޭތީ ނިޔާނާ ފޯނުގައި ވާހަކަ ދައްކަން އިންނަ ހިތް ވިޔަސް އެކަން އެހެންވާން ނެތީ އެވެ. ލައިގެން ހުރި ދޫ ހަރުވާޅުގެ ޖީބު ތެރެއަށް ކުޑަކުޑަ ފޯނު ލުމާއެކު އައިރާ ތަޅުން މަތީ ހުރި ހެނދުންތައް ނަގައިގެން އައިސް ހުއްޓުނީ ގިފިލި ކައިރީ ހިޔާކޮށް ތަޅުން އަޅާފައި އޮތް ބައިގަ އެވެ. އެތަނުގައި ހުރި ޕްލާސްޓިކު ގޮނޑިއެއްގެ މަތީގައި ގެނައި ހެދުންތައް ބަހައްޓާފައި ފަހަރަކު ހެދުމެއް ވަކިކޮށް މެޝިނަށް އަޅަމުން ދިޔަ އެވެ. އެކަމުގައި އުޅުނު އިރު ވެސް އައިރާގެ ސިކުނޑީގައި ނިޔާނުގެ ޚިޔާލުތައްވި އެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވެފައި ވެއެވެ.

ދުވަހުގެ މަސައްކަތްތައް ހަމައަކަށް އެޅި މެންދުރު ކައިގެން އެންމެން ނުކުތުމުން އައިރާ ވެސް ކައިގެން ބަދިގެ ސާފުކޮށްފައި ނުކުތެވެ. އަދި ފެންވަރާލައި ރީތިވެލައިގެން ގެއިން ނުކުމެގެން ލިޒީމެންގެއަށް އައެވެ. ދެތުންފަތް ފިއްތާލައިގެން ހުރީ އެ ތުންފަތަށް ދޭތެރެއަކުން ވެރިވެގެންދާ ހިނިތުންވުން ސިއްރު ކުރުމަށެވެ. ގޭތެރެއަށް ވަން ވަގުތު ސިޓިންރޫމުގައި ދާއޫދު އިންތަން ފެނި އައިރާ ހުއްޓުނެވެ.

"ސަލާމް ގޮވާލުމެއް ވެސް ނޯވޭތަ؟ ގޭގެއަށް އައިސް ވަދެގެންދާއިރު ހީވަނީ އަމިއްލަ ގެދޮރަށް ވަދެގެން ދާހެން..." އައިރާއަށް ފުސް މޫނު ދައްކައިގެން އިނދެ ދާއޫދު ބުންޏެވެ.

"ސޮރީ ދާއޫދުބޭ... އައްސަލާމް އަލައިކުމް... ލިޒީ އެބައުޅޭތަ ގޭގައި..." އައިރާ އަހާލި އެވެ.

"ކާކަށްތަ ތި ހަޅޭލަނީ" ދެތިންގަނޑު ބިލަތުން ފެން ފޮޅަމުން ސިޓިންރޫމާ ދިމާއަށް އައި މަލީހާ އެހިއެވެ. ހަމައެވަގުތު އޭނާއަށް ދޮރުން އެތެރެއަށް ވަންނަން ނުކެރިފައި ހުރި އައިރާ ފެނިއްޖެ އެވެ.

"އައިރާ... ކިހިނެއްވެފައި ތިހުންނަނީ... ލިޒީ އެބައުޅޭ ކޮޓަރީގައި... ދޭބަލަ..." މަލީހާ މިހެން ބުނުމުން އައިރާއަށް ހިތްވަރެއް ލިބުނެވެ. ކުރިއަށް ފިޔަވަޅު އަޅާލުމާއެކު ހަލުވިކޮށް ގޮސް ލިޒީގެ ކޮޓަރިއަށް އައިރާ ވަނެވެ.

* * * *

"އޭތް ސީރިއަސްކޮށްތަ ތިބުނީ..." އެނދުގައި ބާލީހެއްގައި ބައްދާލާފައިގެން ބަންޑުން އޮތް ޖުވައިން ވާހަކަ ދެއްކީ ނިޔާނާއެވެ.

"އައިރާ ބުނެފިޔޭ އާނއެކޭ... އެއީ މިހާރު އަހަރެންގެ ހައްޤެއް..." އެނދުގައި ބޯދަށަށް ދެ އަތް ވައްދާލައިގެން އުއްޑުން އޮށޯވެ އޮވެ ނިޔާނު ބުންޏެވެ.

"މަށަކަށް ވެސް ގެޓެއް ނުވި... އެ އަންހެންކުއްޖާ ނިޔާނަށް ކަމުދާންވީ ސަބަބެއް ނުވިސްނޭ... ސީ އިޒް ސޯ ސިމްޕަލް... ޝޯ ޑޯންޓް ހޭވް އެނީތިން... ނިޔާނު އޭނާއާ އިނދެގެން އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަންޖެހޭނީ... އިތުރު ބުރައަކަށް ނޫނީ ނުވާނެތަ... ލޯބިވެވިދާނެ... އެކަމަކު ލައިފް ޕާޓްނަރަކަށް އިޒް ޝީ އޯކޭތަ..." ޚިޔާލަކަށް ގެއްލިފައި އޮތްހެން ޖުވައިން ވާހަކަ ދެއްކި އެވެ.

"އަހަންނަކީ އަންހެންކުދީންނާ ސަމާސާ ކުރާހިތްވާ މީހެއްނޫން... އަނތްބަކު ޚިޔާރު ކުރާއިރު އެ އަނބިމީހާ ބެލުމުގެ ޒިންމާއަކީ ފިރިމީހާގެ ބޮލުގައި އެޅޭ ޒިންމާއެއް... އަހަރުމެން ދީނުގައި އޮންނަނީ އެހެނެއްނޫންތަ؟ ޝަރުތެއްނުކުރޭ އަނބިމީހާއަކީ އަމިއްލައަށް އުޅެވޭނެހާ ތަނަވަސް އަންހެނެކަށްވާންޖެހޭނޭ ކަމަކަށް. އައިރާއަކީ ރީތިކުއްޖެއް... އެހެންމީހަކަށް ނުފެނުނަސް އޭނާގެ އަތުގައި އަހަންނަށް ދޭނެ އެއްޗެހި ބައިވަރުވޭ... އަހަރެން އައިރާއާ ވަރަށް ސީރިއަސް. މިހާރު ވެސް ބޭނުމެއް ނޫން އޭނާ އެގޭގައި އެންމެ ހިނދުކޮޅަކު ވެސް ބަހައްޓާކަށް... އެކަމަކު އަދި އިހަށް އެހާ އަވަސްއަރުވާލާކަށް ބޭނުމެއް ނޫން... އައިރާ ވެސް ހިޔެއް ނުވޭ އެހާ އަވަސް އަރުވާލާފައި ކަންކަން ނިންމަން ބޭނުންވާނެ ހެނެއް... އައި ޑޯންޓް ވޯންޓް ސްޓްރެސް ހާ..." ޖުވައިންއަށް ނިޔާނު ބަލާލި އެވެ.

"އަހަރެން ބުނާނެ ވާހަކައެއްނެތް... ނިޔާނަށް ވަންޏާ އެކަމެއް ކުރާނީ... އައިރާ ފަދަ އަންހެންކުއްޖަކަށް ދެރައެއް ލިބޭކަށް އަހަރެން ވެސް ނޭދެން... ޝީޒް ރިއަލީ ވެރީ އިނޮސެންޓް... އެހާ ހާލުގައި އުޅޭ ކުދީން އުޅޭކަން ވެސް އަހަރެން ހަނދާންވީ މިރަށަށް އައިސް އައިރާ ފެނުމުން... އެހާ ކައިރިން އެފަދަ ކުއްޖަކު ފެނުމުން... އަސްލު އެ ފިރިހެން ގޮލާ ދެކެ މަ ވެސް ވަރަށް ނެއްޓި... އޭނާ ވަރަށް ކަޑަ މީހެއްވީމަ އަންހެންކުއްޖަކާ ގަދަކަމުން ބެހެން އުޅޭނީ... ހިތަށް އަރާ ލަޑާފާނަމޭ ވެސް... އެކަމަކު އަހަރުމެންނަށް ކީއް ދޯ ކުރެވޭނީ... މިރަށް އަރާ ތިބި ބީރަށްޓެހިންވިއްޔާ..."

"އޭނާ ދެން އައިރާ ގައިގާ އިނގިލިކުރި ޖައްސާލިޔަސް ނިމުނީ... މަ މީ ނުބައި މީހެއްކަން އެނގޭނެ... އޭނާއަށް އައިރާ ނޫން މީހަކު ނުފެނުނީބާއޭ އަހަރެން ހިތަށް އަރާ..." ނިޔާނު މޫނު ހަދާލި އެވެ.

"ވެދާނެއެއްނު އަތުނުޖެހި ހުރީ ހަމައެކަނި އަތްޖެހޭ ހިސާބުގައި ފޮޅިފައި އިން މާ ކަމަށް... އެހެންވީމަ އެ މަލުން ވެސް ފޮނިބޯލާ ހިތްވީ ކަންނޭނގެ" ޖުވައިން ބުންޏެވެ.

"އެހެންވިޔަސް ހެޔޮ... އައިރާއަށް އަނިޔާއެއް ދެން ލިބޭ ދުވަހަކުން އޭނާ އެގެއިން ނެރޭނަން..." ނިޔާނު ވަރަށް ޔަޤީން ކަމާއެކު ބުންޏެވެ.

ކޮޓަރީގައި ޓަކި ޖެހުމުން ނިޔާނު ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ. އެހިނދު ދޮރުމަތީ ހުރި ލިޒީ ފެނުނެވެ. ހައިރާންވެފައި ލިޒީއަށް ނިޔާނަށް ބަލާލެވުނީ އޭނާ ހުރި ގޮތުންނެވެ. އުނަގަނޑުގައި އެއް އަތް ވިއްދާލައިގެން އެއްފައި މައްޗަށް ބުރަވެ އަނެއް އަތުން ދޮރުކަންޏާ ދިމާ ފާރުގައި އަތްޖައްސާލައިގެން ލިޒީ ހުރެ ނިޔާނަށް ބުމަ އަރުވާލިއެވެ.

"ވަޓް..." ނިޔާނު ބުންޏެވެ.

"އަހަރެންގެ ބެސްޓް ފްރެންޑް ގެނޭ..." ލިޒީ ބުންޏެވެ. ދެން ވެސް ނިޔާނަކަށް ނޭނގުނެވެ. ހައިރާންވެފައި ހުރެ ލިޒީއަށް ބަލަމުން ދިޔައެވެ.

"ލިޒީ... ވަޓްސް ގޮއިން އޮން..." ނިޔާނު އަހާލިއެވެ.

"ކިހިނެއްހޯ ވީ... އަހަރެންގެ ބެސްޓް ފްރެންޑް ގެންދިޔައީ ނިޔާނެއެއްނު... އަހަރެން ހަމަ އަންހެންކުއްޖަކަށްވެފައި ނިޔާނު ފިރިހެނަކަށްވީމަ ދޯ އައިރާ ތި ގެންދިޔައީ.." ލިޒީ މިހެން ބުނުމާއެކު ނިޔާނަށް ލިޒީ އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގިއްޖެ އެވެ. އެއާއެކު އޭނާއަށް ހެވުނެވެ.

"އައި ކާންޓް... ސީރިއަސްކޮށް މިބުނީ... އަހަންނަށް ދެނެއް ލިޒީގެ ބެސްޓް ފުރެންޑް އަނބުރައެއް ނުދެވޭނެ... އެއަށްވުރެ އަހަރެން އޭނާ ބޭނުން... އިރާދަކުރެއްވިއްޔާ އަހަންނާއެކު އޭނާ ގެންދާނަން..." ހިނިއައިސްފައި ހުރެ ނިޔާނު ބުންޏެވެ.

"ހަވީރު ހިނގާލާކަށް ނުދާނަންތަ؟ އިރުކޮޅަކުން ފިނިޖެހި ހިޔާ އަރަން ފަށާނެ..." ލިޒީ ވެސް ހިނިއައިސްފައި ބުންޏެވެ.

"އައިރާ ދާނެތަ؟ އެހެންވީރު ދާން މިހުރީ ތައްޔާރަށް..." ނިޔާނު އަވަސް އަވަހަށް ބުނެލިއެވެ.

"އަންގާލީމާ ނުކުމޭ... މިހާރު ވެސް ތި ހޯދާ ކުއްޖާ އެބައިން އަހަރެންގެ ކޮޓަރީގައި..." ލިޒީ ލާނެތް ގޮތަކަށް ހީނލި އެވެ.

"ހާދަ ދެރައޭ... ދާއޫދުބެ އެބައުޅޭ ގޭގައި... ދެން ކެތްކޮށްލުން ނޫން ގޮތެއް ނެތް... ހަވީރު ހިނގަން ނުކުންނަންދެން އިންތިޒާރުގައި މަޑުކޮށްލާނީ..." ނިޔާނު މޫނަށް ވައްތަރެއް ޖައްސާލުމާއެކު ބޮލުގައި އަތްފުނާ އަޅާލި އެވެ. އެވީ އޭނާ ބޭނުންވާގޮތް ނޫން ކަހަލައެވެ. މިފަހަރު ވެސް ލިޒީ އޭނާއާ ދިމާކޮށްލައިފި އެވެ. އަދި ނިޔާނު އެއްޗެއް ބުނުމުގެ ކުރިން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ.

* * * *

ފާއިތުވަމުން ދިޔަ ކޮންމެ ދުވަހެއްގެ ހަވީރަށް ލިޒީއާއެކު އައިރާ ފަސްގަނޑަށް ދަނީ ނިޔާނާ ބައްދަލު ކުރާށެވެ. މިގޮތުގައި އެ ދެ ޒުވާނުންގެ ގުޅުމަށް ދެ މަސްވެގެން ދިޔައިރު އެ ގުޅުން ސިއްރެއް ނުވިއެވެ. އައިރާގެ ނަސީބު ދެރައީކަން ވެސް ނޭނގެ އެވެ. ފުނަގަހުގެ ބުޑުގައި ބަހައްޓާފައި ހުރި ދިގު ގޮނޑީގައި އައިރާ އިންއިރު އޭނާގެ ގާތުގައި ގޮނޑީގެ ދެފަރާތަށް ފައި އެލުވާލައިގެން ނިޔާނު އިނެވެ. އެހެންތިއްބާ ފެނުނީ ސާމިޔާއަށެވެ. ގެއަށް ދާންވިއިރު އައިރާއާއި ނިޔާނުގެ ޚަބަރު އޮތީ ހިޝްމާގެ ކަންފަތާ ހަމައަށް ފޯރާފަ އެވެ. ސާމިޔާ ބަލާލި ގޮތުން ވެސް އައިރާގެ ހިތް ބިރުން ވިރިގެންދިޔަ އެވެ. ހޫނު ކަމާއެކު ފޮނުވާލި ރޮކެޓެއްހެން ހިޝްމާއާ ހަމައަށް ހުރިހާ ވާހަކައެއް ދާނޭކަން އައިރާއަށް އެނގެއެވެ.

"އެއީ ކާކު؟" ސިޓިންރޫމަށް އައިރާ ވަނުމާއެކު ސޯފާގައި އިނދެފައި ފުންމައިގަތް ހިޝްމާ އެހިއެވެ.

"ރައްޓެއްސެއް..." ޖެހިލުންވެފައި ހުރެ އައިރާ ބުންޏެވެ.

"ރައްޓެއްސެކޭ... ފަސްގަނޑުގައި އެ ހުރިހާ މީހުންތަކު ތެރޭ ރަޙުމަތްތެރިންގެ ގައިގާ ތަތްވެގަނެގެން ތިބޭތަ؟ އަދި އެވެސް ފިރިހެނެއްގެ ގައިގާ... ރީތި އުޅުމެއް އުޅޭނަމޭ ހިތާ ދޯ ތި އުޅެނީ..."

"ދައްތާ... ތި ބުނާ ގޮތަކަށް އަހަންނެއް ނޫޅެން..." އައިރާ މަޑުމަޑުން ބުންޏެވެ.

"މަށާ ޖަދަލު ވެސް ކުރަނީތަ؟ ބަލަ ކަލޭ އެތަނުގައި ފިރިހެނަކާއެކު ތަތްތެޅެނިކޮށް ދުށް މީހުންނޭ މަގޭ ކައިރީ އައިސް ބުނީ... މިދެން ކިހާ ބޮޑުކަމެއް... ލަދުން ބޯހަލާކު..." ހިޝްމާ ނުރުހިފައި ބުންޏެވެ.

"އެކަމަކު... އެއީ ގޯސް ކުއްޖެއްނޫން..." ނިޔާނުއާ ގުޅުވާފައި ހިޝްމާ ވާހަކަ ދައްކާއިރު އައިރާ ވެސް ހުރީ ދޫކޮށްލާ ފަދަ ގޮތަކަށް ނޫނެވެ. ނިޔާނާ ވަކިވާކަށް އޭނާ ނޭދެއެވެ. ވީއިރު ނިޔާނުގެ ދިފާއުގައި އޭނާ ވަކާލާތު ކުރަން ތެދުވާނެ އެވެ.

"އެހެންވިޔަސް ހެޔޮ... ތި މީހަކާ ބައްދަލު ކޮށްގެން ދެން ނުވާނެ..." ހިޝްމާ އަމުރު ކުރިއެވެ. އެއާއެކު އައިރާ އަނގައިން ވެސް ނުބުނެ އެ ދިޔަ ގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނު އިރު ވެސް އައިރާ ކޮޓަރިން ނުނިކުތުމުން ހިޝްމާ އައިސް އޭނާގެ ކޮޓަރީގައި ތަޅައިގަތެވެ. އިޝާ ނަމާދުކޮށްގެން ފައިބާ އެނދުގައި އޮށޯވެލިގޮތަށް އައިރާ އޮތީ ފުން ވިސްނުމެއްގަ އެވެ. މިފަހަރު ހިޝްމާމެން ބޭނުންހާ ގޮތެއް ހެދުނަ ދީގެން ނުވާނެއޭ އައިރާގެ ޟަމީރު ވިސްނައިދެމުންދިޔަ އެވެ.

"އޭތް! އައިރާ... ދެފައި ދަމާފައި ނިދަންވީކީ ނޫން... ކާކު ކާން ހަދާނެ ކަމައްތަ ތި އޮންނަނީ ކޮޓަރިން ނުނިކުމެ" ހިޝްމާ ދެވަނަ ފަހަރަށް ދޮރުގައި ތަޅައިގެންފައި ބުންޏެވެ. އެއަޑަށް އައިރާ މޫނުކޮށްލާފައި ވެސް ފުންނޭވާއެއް ބޭރުކޮށްލާފައި އައިސް ދޮރު ހުޅުވި އެވެ. އަދި ހިޝްމާއާ ވާހަކަ ދެއްކުމެއް ނެތި ބުދެއްހެން ހުރެ ބަދިގެ ފަރާތަށް ދިޔަ އެވެ.

އެންމެން ކައިގެން ނުކުމެ ބަދިގެތެރެ ހިމޭންވުމުން އައިރާ އައިސް މޭޒު ދޮށުގައި އިށީނެވެ. ކާހިތެއް ވެސް އޭނާ ނެތެވެ. ތަށިތައް ނަގާހިތެއް ވެސް ނުވިއެވެ. މޭޒުމަތީ ދެއަތް ބައްވާލައި އަތުގެތެރޭ މޫނު ފޮރުވާލައިގެން އައިރާ އިނެވެ. ނިޔާނު އޭނާގެ ގާތުގައި ދެއްކި ވާހަކަތައް ވެސް ސިކުނޑީގައި ހަރުލާފައި އޭރު ވިއެވެ.

"ހަތަރުމަސް ވެގެން ދިޔައީ... ސުޕަމާކެޓުގެ ކަންކަން ވެސް ގާތްގަނޑަކަށް އެހެރީ ނިމިފައި... އަހަރެން މިކޮޅަށް ފޮނުވާފައި މި ހުރީ ހަ މަސް ދުވަހަށް... އަހަރެން އައިރާއަށް ކިޔައިދޭން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް ވެސް އެބައޮތް... އަހަރެން ފަހުން ގުޅާނަން" ރަތްވިލާލަމުން ދިޔައިރު ފަސްގަނޑުގައި ހުރި ފުނަގަހުގެ ދޮށުގައި ހުރި ގޮނޑީގައި އިނދެ ނިޔާނު ބުންޏެވެ.

"ނިޔާނު މާލެ ދާން ދެން އޮތީ މަހަކާ ދުވަސްކޮޅެއް... އޭނާ ދާއިރު އަހަރެން ގެންދާނެބާ... ނިޔާނަށް އިތުބާރު ކުރަން ބޭނުން އެކަމަކު އަހަރެންގެ ހިތް ބިރުގަނޭ... މިވީ މަދު ދުވަސްކޮޅުގެ ތެރޭ ނިޔާނާ ވާހަކަ ދައްކާ ލެވުމުން ހިތްހަމަޖެހުން ލިބުނު... އަހަރެންދެކެ ލޯބިވާ އަހަންނާ މެދު ވިސްނާ މީހަކު ހުރިކަން އެނގި ދުވަހަކު ވެސް އުފާ ނުވާވަރަށް އުފަލުން ހުރީ... އެކަމަކު މިހާރު އަހަރެން ބިރުގަންނަންވީ ކީއްވެކަމެއް ނޭނގޭ... ހިތް ނުތަނަވަސްވާންވީ ސަބަބެއް ނުވިސްނޭ... ނިޔާނު އަހަންނަށް އޮޅުވާލާނެއެކޭ ހިތެއް ނުބުނޭ..." އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތް އައިރާ ސިއްސައިގެން ދިޔައީ ގަޔަށް ފިނިފެން އެޅިގެންނެވެ. ސިއްސައިގެން ގޮސް ބޯ ހިތްލާލުމާއެކު ދެއަތުން ފެންތައް ފޮޅާލިއެވެ. އެހިނދު ކާ މޭޒު ކައިރީ ފެންފުޅިއެއް ހިފައިގެން ހުރި ޝަމްއާނު ފެނުނެވެ. އައިރާއާށް ވީގޮތް ފެނި އޭނާ ފެށީ ހޭށެވެ. ނަމަވެސް އައިރާ އޭނާއަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ރުޅިވެރިކަން މޫނުމަތިން ދައްކާލަމުން ދެ ލޯ އަޅާލާފައި ތެދުވި އެވެ. އަދި މޭޒުމަތިން ތަށިތައް ނަގަން އުޅުނެވެ.

"ކަލޭ އޭނާއާ ހިތާވީ ދޯ" އައިރާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ޝަމްއާނު ބުންޏެވެ. ދެން ވެސް އައިރާ އަނގައިން ނުބުންޏެވެ.

"އަހަންނަށް އެނގޭ ކަލޭ އަބަދު ގޮސް ލިޒީ މެންގޭގައި އުޅެނީ އެ ފިރިހެނާއަށް ތިއްތި ދެއްކެންކަން... އަދި ހާދަ ފުއްޕާމީހެކޭ އެއީ... މިރަށަށް އަރައި މިރަށުގެ ކުދީންނާ ހިތާވާން އުޅެންޏާ ވަރުގަދަ ބޮނޑިއެއް ދޭނަން މާލެ ދާންވާއިރަށް" މިފަހަރު ޝަމްއާނުގެ ވާހަކައަށް އައިރާގެ ސަމާލުކަން ހުއްޓުނެވެ.

"ޝަމްއާނު ތިހެން އުޅުމުގެ ބޭނުމަކީ ކޮބާ؟ އަހަރެންމީ ޝަމްއާނުގެ ކޮއްކޮއެއްހެން މިގެއަށް އައިސް އުޅެ ބޮޑުވި އަންހެން ކުއްޖެއް... އަހަރެންގެ ހިތުގައި ޝަމްއާނަށް ވަނީ ބޭބެއެއްގެ މައްޗަށް އޮންނަ ލޯބި... އެ ނޫން ގޮތަކަށް ދުވަހަކު ވެސް އަހަންނަށް ޝަމްއާނު ބަލައެއް ނުގަނެވޭނެ... ކީއްވެ އެފަދަ މަތިވެރި ގުޅުމެއް ފުނޑުފުނޑުކޮށްލަން ތި މަސައްކަތް ކުރަނީ... އަހަރެންގެ ނުރުހުމުގައި އަހަންނަށް އަނިޔާ ތިދެނީ ކީއްވެ؟ އަންހެންކުއްޖެއްގެ ނުރުހުމުގައި އޭނާގެ އިއްފަތްތެރިކަމަށް އަރައިގަންނާނީ ފިނޑިއެއް... އެ މީހަކު ފިރިހެނަކަށް ވެސް ނުވާނެ... އަހަރެންގެ އަމިއްލަ ދިރިއުޅުމައިގެން އުޅެން ދޫކޮށްލަބަލަ... ހެޔޮނުވާނެ... އާދޭސްކޮށްފަ މިބުނީ... ފާފައެއް ކުރުމުން އަމިއްލައަށް ސަލާމަތްވެބަލަ..." ސިންކު ކައިރީ ހުރެ ޝަމްއާނަށް ބަލާލަމުން އައިރާ ބުންޏެވެ.

"ކަލެއަށް އޭނާ ވަރަށް ކަމުދޭ ދޯ... އެކަމަކު ތިކަން ކުރިއަކަށް ނުގެންދެވޭނެ..." މަލާމާތުގެ ގޮތަކަށް ޝަމްއާނު ބުންޏެވެ.

"އަހަރެން އޭނާ ދެކެ ލޯބިވޭ... ވަރަށް ބޮޑަށް ލޯބިވޭ... އޭނާއަކީ ކަލޭ ކަހަލަ ގޮތެއްފޮތެއްނެތް ފިރިހެނެއް ނޫން... އަންހެނުން ކުރަންވީ ޤަދަރާއި ދޭންޖެހޭ އޯގާތެރިކަމާއި ރައްކާތެރިކަން ދޭން އޭނާއަށް އެނގޭ... ކަލެއަށްވުރެ ބާރުވެރި ފަރާތެއްވާ ކަމެއް ކަލޭ ނުދެނަހުރިންތަ؟ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް އެފަރާތުން ވުމަށް ނިންމަވައިފިކަމެއް ކަލޭމެން އެކަކަށް ވެސް ނުހުއްޓުވޭނެ... ތިކަހަލަ ނުބައި ނުލަފާ އިންސާނުންގެ ފުށުން އެ ފަދަ މާތް އިންސާނަކު ސަލާމަތް ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން..." ރިހުން އެކުލެވިފައިވި ހިތަކާއެކު އައިރާ ޝަމްއާނަށް ބަލަން ހުރީ މި ދުނިޔޭގައި އޭނާ އެންމެ ފޫހިވެ ނަފުރަތުކުރާ މީހާ ކުރިމަތީގައި ހުރި ފަދައިންނެވެ. (ނުނިމޭ)