މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އިވެންޓުތައް ކުރިއަށްދާ އިރު ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަން ފުލުހުންނާ ހަވާލުކޮށްފި އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކެެއްގެ ސެކިއުރިޓީގެ ކަންތައްތައް ވެސް ބަލަހައްޓާފައިވަނީ ފުލުހުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު އެވެ. އަދި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައި ޝާޔަން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އައިޑޮލްގެ ބައިވެރިންގެ ޑިސިޕްލިން ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށާއި ހާއްސަ ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މިހާރުވެސް އެކި ކަހަލަ ކުދި ކުދި ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.
ޝާޔަން ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ބައިވެރިއެއްގެ ގޮތުގައި ހުރެފައި މުޖުތަމައަށް ނުކުމެގެންދާ ކުދިންނަކީ ނަމޫނާ ކުދިން ތަކަކަށް ހެދުމަކީ ޕީއެސްއެމްގެ މަގުސަދެއް ކަމަށެވެ.
ޑީސީޕީ އަހްމަދު ސައުދީ ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންނަށް ފުލުހުން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިންނަށް ކުށާ ދުރުވެ ތިބުމަށް ޓިޕްސްތައް ދޭނެ ކަމަށެވެ. އަދި އެބައިވެރިންނަކީ ޑިސިޕްލިން ބަޔަކަށް ހަދަން ޕީއެސްއެމް އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއް ދައްކަން ފަށާ ހުރިހާ އޮޑިޝަނެއް މިހާރު ވަނީ ދައްކާފަ އެވެ.