ކުޅިވަރު

އެފްރިކާގެ ޗެމްޕިއަން ކަން ކެމެރޫން އަށް!

Feb 6, 2017

އެފްރިކަން ކަޕް އޮފް ނޭޝަންގެ އެންމެ ކާމިޔާބު ޓީމު މިސްރު ގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ކެމެރޫން ހޯދައިފި އެވެ.

ގެބޯންގެ ވެރިރަށް ލައިބްރެވޭލްގެ އެންގެންޖޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރުތަމަ ލީޑް ނެގީ މިހާތަނަށް މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ މިސްރެވެ.

އެ ޓީމަށް 22 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ، އާސެނަލްގެ މިޑްފީލްޑާ މުހައްމަދު އެލްނެނޭ އެވެ.

ފުރަތަމަ ހާފު އެ ނަތިޖާ އިން މެޗު ނިމުނަސް، ދެ ވަނަ ހާފުގައި ކެމެރޫން އަށް ލިޑް ނަގައިދިނީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިން ނެވެ.

މެޗްގެ 55 ވަނަ މިނެޓް ގައި ކެމެރޫން އަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ ފްރާންސްގެ ލިޔޯން އަށް ކުޅެމުންދާ ޑިފެންޑަރު ނިކޮލަސް ނިކޯލޫ އެވެ.

އެ ނަތީޖާއިން މެޗް އެއް ވަރުވެ، އިތުރު ވަގުތު ކުޅެން ޖެހިދާނެ ކަމަށް ބެލެވުނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގެ ފައިނަލުގައި މީގެ ކުރިން ކެމެރޫންގެ މައްޗަށް މިސްރު ދެ ފަހަރު ކާމިޔާބު ހޯދި އެވެ. ނަމަވެސް ތިން ވަނަ ފައިނަލުން ބަލިނުވުމުގެ އަމާޒު ގައި ނިކުތް ކެމެރޫން މުބާރާތް ކާމިޔާބު ކޮށްދިން ލަނޑު، މޗެގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ކާމިޔާބު ކުރީ، ވިންސެންޓް އަބޫބަކުރެވެ.

ކެމެރޫން މުބާރާތް ކާމިޔާބު ކުރުމާއެކު، އެ ޓީމު ވަނީ މިސްރުގެ ފަހަތުން މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ މަގާމު ހޯދާފަ އެވެ. މިއީ ކެމެރޫން މުބާރާތް ކާމިޔާބު ކުރި، ފަސް ވަނަ ފަހަރެވެ.