ކުޅިވަރު

ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން ކަމަށް އޮގަރު އައްޔަ

ގައުމީ ޓީމުގެ ކަންކަން ހަމަޖެއްސުމަށް، އެފްއޭއެމުން އެކުލަވާލި ކޮމިޓީގެ ޗެއާމަން ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓޭންޓް އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖައްސައިފި އެވެ.

ރޭ ބޭއްވި އެފްއޭއެމްގެ އެކްސްކޯގައި، ވަނީ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ކަނޑައަޅާފައެވެ.

އެސިސްޓެންޓް ކޯޗް ހައިސިއްޔަތުން ގައުމީ ޓީމުގެ ހެޑް ކޯޗްގެ މަސްއޫލިއްޔަތު ވެސް ދުވަސް ކޮޅެއް ވަންދެން އުފުލި، އޮގަރު އައްޔަގެ އިތުރުން، ދެން ކޮމިޓީގައި ހިމެނެނީ ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް އާއި ގައުމީ ޓީމުގެ ފިޒީޝަން ޑރ. އިބްރާހިމް ރާފިއު އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އާއި އަންހަނެ ގައުމީ ޓީމުގެ ކޯޗް ޖަޕާނުގެ ނައޯކޯ ކަމަވާޓޯ (ރިއޯ ކޯޗް) އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ވެސް، ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ އެވެ.

މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސީނިއާ ޓީމުގެ އިތުރަށް އުމުރު ފުރާ ތަކުގެ ގައުމީ ޓީމުތަކުގެ ކަންކަމާއި ގައުމީ ޓީމުތަކުގެ ޕްލޭންތަކާއި ގައުމީ ޓީމުތަކުގެ ޓްރެއިނިން ގޭމްތައް އިންތިޒާމު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ޓީމަށް ހަމަޖައްސަންޖެހޭ ޓެކްނިކަލް އޮފިޝަލުންނާއި އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކޯޗުން ހަމަޖައްސާނީ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.