ރައްޔިތުންގެ މަޖިލިސް

ކައުންސިލަރު ކަމަށް ކުރިމަތިލެވޭ ޝަރުތުތައް ލުއި ކުރަނީ

މާދަމާ މަޖިލީހުގެ ޖަލްސާތައް ފެށުމާ އެކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް ފަހު ނިހާން ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތައް ކަނޑައެޅުމާ ބެހޭ ބަޔަށް އިސްލާހެ ގެނައުމުގެ މަސައްކަތް މަޖިލީހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކުރާނެ ކަމަށެވެ. އެ އިސްލާހު ހުށަހަޅުއްވާނީ ވަނީ އެމްޑީއޭގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކަމަށެވެ.

"އެ ބިލަކީ ތައުލީމީ ޝަރުތުތައް ގޮތުގައި ކަނޑައެޅިފައިވާ ބަޔަށް އިސްލާހެއް ގެންނާނެ ބިލެއް. ފުރަތަމަ ހަފްތާ ތެރޭގައި އެއަށް ބަހުސްކޮށް މަސައްކަތްތައް ކުރިޔަށް ދާނެ،" ނިހާން ވިދާޅުވި އެވެ.

އެ އިސްލާހުގައިވާ ބުނެފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15، 28 އަދި 44 ވަނަ މާއްދާ އުނިކުރުމަށެވެ. އެގޮތުން ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ފުލްޓައިމް ދަރިވަރަކަށް ނުވުމުގެ ޝަރުތު މި އިސްލާހާއެކު އުނިވާނެ އެވެ.

މި އިސްލާހު ހުށަހެޅި ސަބަބު ބަޔާންކޮށް ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށްދީ، އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މާދަމާ ފަށާއިރު މުހިންމު އިތުރު ދެ ބިލެއްގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު ފަރާތުން ހުށަހަޅާ ހެއްކާ ބެހޭ ބިލުގެ މަސައްކަތް ވެސް މަޖިލީހުގައި ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެ ބިލަކީ މި އަހަރުގެ ކުރެވޭ އެންމެ ބޮޑު އަދި މުހިންމު މަސައްކަތް ކަމަށް ނިހާން ވިދާޅުވި އެވެ.

"އާންމުކޮށް ކޯޓުތަކުގައި ހުންނަ މައްސަލަތައް ނިންމުމުގައި ހެކިންގެ ތާށިކަމެއް އާދޭ. ހެކި ދިނުމަށް ކަނޑައަޅާ މީހާ އެކަމަށް އުޒުރުވެރިވުން ނުވަތަ ހެކި ދޭ މީހާ ހެކި ދީގެން އޭނައަށް ނުރައްކާތެރިކަމުގެ ވާހަކަ އެބަ ދެކެވޭ. އެއާ ގުޅިގެން ވަރަށް ގިނަ ކޭސްތައް ވަނީ ލަސްވެފައި. އެހެންވެ ސަރުކާރުން ވަރަށް ބުރަ މަސައްކަތްކޮށްގެން ބޮޑު ބިލެއް މިވަނީ ތައްޔާރުކޮށްފައި،" ނިހާން ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު: ކުރިން މި ހަބަރުގައި ކައުންސިލަރުންގެ ތައުލީމީ ޝަރުތުތައް ކަނޑައަޅާނެ ކަމަށް ބުނެވިފައި ވަނީ މައުލޫމާތުގެ އޮޅުމަކުންނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.