އޭސީސީ

މިދިޔަ އަހަރު އޭސީސީއަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތައް 2015 ވަނަ އަހަރަށްވުރެ 15 ޕަސަންޓު އިތުރުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު ނިމުނުއިރު އެ ކޮމިޝަނުގައ 832 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާއިރު މިދިޔަ އަހަރު ރެޖިސްޓްރީކޮށްފައި ވަނީ 958 މައްސަލައެކެވެ. އެއީ 15 ޕަސަންޓު އިތުރު އަދަދެކެވެ. އަދި 2015 ވަނަ އަހަރު 611 މައްސަލައެއް ނިންމާފައިވީ ނަމަވެސް މިދިޔަ އަހަރު 764 މައްސަލަ ނިންމާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އޭސީސީއަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން އެ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ ކަމާ ގުޅޭ އިދާރާއަކަށް ފޮނުވަމުން ކަމަށާއި އެގޮތުން މިދިޔަ އަހަރު 63 މައްސަލައެއް ދައުލަތުގެ އެހެން އިދާރާތަކަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެކަށީގެންވާ ވަރަށް މައުލޫމާތު ނެތިގެން މިދިޔަ އަހަރު 148 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާ ކަމަށާއި 2015 ވަނަ އަހަރު ނުބަލާ ދޫކޮށްލީ 137 މައްސަލައެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.