ވާހަކަ

މުޅިޖާންހިތާ

(5 ފެބްރުއަރީ 2017 އާ ގުޅޭ)

ރިހުން އެކުލެވިފައިވި ހިތަކާއެކު އައިރާ ޝަމްއާނަށް ބަލަން ހުރީ މި ދުނިޔޭގައި އޭނާ އެންމެ ފޫހިވެ ނަފުރަތުކުރާ މީހާ ކުރިމަތީގައި ހުރި ފަދައިންނެވެ.

އައިރާ ދެއްކި އެއެވެސް ވާހަކައެއް އިވުނުކަމަށް ޝަމްއާނު ހަދާނުލާ ފާޑަކަށް ހީނގެންފައި ބޯން ގެންގުޅުނު ފެންފުޅި ގެނެސް ކާމޭޒު މަތީ ބެހެއްޓި އެވެ. އަދި މަޑުމަޑުން އައިރާއާ ދިމާއަށް އަންނަން ފެށުމުން އައިރާ ސިންކުތެރޭ ދޮންނަން ފަށާފައި ހުރި ބޯތަށްޓަށް ޖަމާވެފައި ހުރި ފެން އެތި ޝަމްއާނުގެ ގަޔަށް ޖަހަން ތައްޔާރުކޮށްލި އެވެ. އެހިނދު ޝަމްއާނު ކުރިއަށް ނަގަނަގާ ހުރި ފިޔަވަޅު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

"އަހަރެންގެ ވަރު އައިރާއަށް އަދި ނޭނގޭތީ ތިހެން ދުރުގައި ތި އުޅެނީ... އަންހެންކުދީން މޮޔަކޮށްލާނޭ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ..." މޭގައި ފިރުމާލަމުން ޝަމްއާނު ބުންޏެވެ. އަދި ތުންފަތް އޫކޮށްލުމާއެކު ގެނައި ހަރަކާތުން އައިރާގެ ދެ ބުމަ ގޮއްޖަހާލި އެވެ. އިތުރަށް އައިރާއާ ގާތްވާކަށް ނޫޅުނެވެ. ހެމުންހެމުން ބަދިގެ ފަރާތުން ޝަމްއާނު ދިޔަ އެވެ.

ބަދިގޭގެ ކަންކަން ނިމުމުން ދޮރުލައްޕާފައި ގޭތެރެއަށް ހިނގައިގަތް ވަގުތު އައިރާ ލައިގެން ހުރި ހަރުވާޅުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެ ގުޅީ ކާކުކަން ފޯނު ނެގުމުގެ ކުރިން ވެސް އައިރާއަށް އެނގުނެވެ. ދިއްލެމުންދިޔަ ކުޑަކުޑަ އިސްކުރީނަށް ބަލާލި އިރު ނިޔާނުގެ ނަން އަރާފައި އޮތެވެ.

"ހެލޯ..." މަޑުމަޑުން އައިރާ ބުނެލި އެވެ. އަދި ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލި އެވެ.

"ކީއްކުރަނީ؟" ނިޔާނު އަހާލިއެވެ.

"މި އައީ ބަދިގޭ ކަންތައްތައް ނިންމާލާފައި" އައިރާ އޮޅުންފިލުވައިދިނެވެ.

"އައިރާ ކުރާނޭ އިތުރު ކަމެއް ނެތިއްޔާ އަހަންނާ މީޓުކޮށްލަން އަންނަންވީނު" ނިޔާނު ބުނެލި އެވެ.

"މިގަޑީގައި... ބޭބެ ކޮޓަރިއަށް ވަންނާނީ ދޮރޯށި ތަޅުލާފައި..." އައިރާ ހުރީ ޖެހިލުންވެފަ އެވެ. ނިޔާނު ބޭނުންހާ ވަގުތަކު އައިރާއާ ބައްދަލު ކުރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެކަމާ ނިޔާނު ހިތްހަމަނުޖެހިދާނޭތީ ވެސް އައިރާ ކަންބޮޑު ވެއެވެ.

"އެގާރަޖަހަން ދެންނެތް ދޯ ގިނައިރެއް... އެހެންވީރު އަހަންނަށް ފެނިލަން ދޮރޯށި ދޮށަށް ނުކުމެލަބަލަ... އަހަރެން މިއޮތީ ޖޯލީގައި" ނިޔާނު އެދުނެވެ.

ސިޓިންރޫމަށް ނުކުން އިރު ޓީވީ ބަލަން ހިޝްމާއާއި ތާއިބު ތިއްބެވެ. މަޑުމަޑުން އައިސް ސިޓިންރޫމު ދޮރުން އައިރާ ނުކުންނަންވާއިރަށް ހިޝްމާ ގޮވާލި އެވެ.

"ގަޑިންވީއިރު އެނގޭތަ؟ މިގަޑީގައި ކޮންތާކަށް ވަންނަން ތިދަނީ" ހިޝްމާގެ ބަދަލު ނުވާ ރާގުގަނޑުގައި ހަރުކަށި ބަސްތައް އިއްވާލި އެވެ.

"ތަނަކަށް ނުދަން... ދޮރޯށި ކައިރީ މިހިރީ..." ހިޝްމާއަށް އިސް އުފުލާ ބަލާ ވެސް ނުލާ އައިރާ ބުންޏެވެ. އަދި ދެފައިވަން ކިބައަށް ފައިކޮށްޕާލުމާއެކު އައިސް ދޮރޯށި ހުޅުވާލި އެވެ. އެއާއެކު ލިޒީމެންގޭ ފާރުބުރިމަތީ އަތްއަޅުވާލައިގެން ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި ނިޔާނު ފެނުނެވެ.

"މިހިރީ ނުކުމެވިފަ..." ކަންފަތުގައި ފޯނު ޖައްސާލަމުން ސިއްރުން އައިރާ ބުނެލި އެވެ.

އައިރާއާއި ނިޔާނު އެކަކު އަނެކަކަށް ފެންނަ ހިސާބުގައި ތިބިއިރު ވެސް ދެމީހުންނަށް އެކަކު އަނެކަކުގެ ގާތަށް ދިއުމުގެ ހުއްދަ ނެތް ފަދައެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔަ އައިރާ ސިހުނީ އޭނާގެ ފަހަތުން ހިފަހައްޓާލައިގެން ހުރި ދޮރޯށީގައި މީހަކު ހިފައި ދަމައިގަތުމުންނެވެ. އަވަސްއަވަހަށް އެކަން ކުރި މީހަކު ބަލާލުމަށް އުޅުނު ވަގުތު އޭނާގެ ގާތުންލާފައި މަގުމައްޗަށް ނުކުތީ ޝަމްއާނެވެ. އައިރާއާއި ނިޔާނަށް ބަލާލުމާއެކު ދޮރޯށި ކައިރީ ފާރުގައި ޝަމްއާނު ލެނގިލި އެވެ. އެހިނދު ނިޔާނު ބޮލުން އިޝާރާތްކޮށްލި ގޮތުން އޭނާ އެބުނަނީ އައިރާ ގާތު ގޭތެރެއަށް ވަންނާށޭކަން އައިރާއަށް ނަގައިގަނެވުނެވެ. އެހެންވެ އެންމެ ހިނދުކޮޅަކު ވެސް މަޑުނުކޮށް އައިރާ ހަލުވިކޮށް ގޭތެރެއަށް ވަދެގެން އައިސް އޭނާގެ ކޮޓަރިއަށް ވަދެއްޖެ އެވެ.

"އަހަންނަށް ހީވަނީ އައިރާގެ ކައިވެނީގެ ކަންތައް ކޮންމެ ވެސް ގޮތަކުން ހަމަޖައްސަން ވެއްޖެހެން" ޝަމްއާނު ބޭރަށް ނުކުތުމާއި އައިރާ ހަލުވިކޮށް އައިސް ގޭތެރެއަށް ވަން ގޮތް ފެނި ތާއިބު އޭނާގެ ގާތުގައި ސޯފާގައި އިން ހިޝްމާއަށް ބުންޏެވެ.

"އޭރުން މިގޭގެ ހުރިހާ ކަމެއް ކުރާނީ ކާކު؟" ހިޝްމާ ބުންޏެވެ.

"އައިރާ މިހާރު އެ ހުރީ ބޮޑުވެފައި... ޝަމްއާނަކީ ޒުވާނެއް... އެ ދެމެދުގައި ނަހަމަ ގުޅުމެއް ހިނގައިފާނެތީ އެކަމާ އަހަރެން މި ވިސްނަނީ..." ތާއިބު މަޑުމަޑުން ބުންޏެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސިޓިންރޫމު ދޮރާ ދިމާއަށެވެ.

"ޝަމްއާނު ނުކުރާނެ އެކަހަލަ ކަމެއް" ހިޝްމާ ވަރަށް ޔަޤީން ކަމާއެކު ބުންޏެވެ.

"އޭނާ ވެސް ގަސްދުގައި ކުރާނީކީ ނޫނޭ... އައިރާއަކީ ހުތުރު ކުއްޖެއް ނޫން... ދެ މީހުން ވެސް އެ ތިބީ ޒުވާންވެފައި... އަހަރުމެންނަށް އަބަދު ގޭތެރެއަކު ނުތިބެވޭނެ އެ ދެ ކުދީންނަށް ފާރަލައިގެން... އަހަރެން..." ތާއިބުގެ ވާހަކަ ވަގުތުން ހުއްޓާލީ ޝަމްއާނު ވަންތަން ފެނިފަ އެވެ.

"ޝަމްއާނު... އާދެބަލަ..." ތާއިބު ޝަމްއާނަށް ގޮވާލި އެވެ.

"ކޮންއިރަކުން ޗުއްޓީ ހަމަވަނީ..." ތާއިބު ސުވާލުކުރި އެވެ.

"އަދި ހަފްތާއެއް އެބައޮތް" ޝަމްއާނު މަޑުމަޑުން ބުނެލި އެވެ.

"އަބަދާ އަބަދު ގޭގައި އޮންނަންތަ ޗުއްޓި ނެގީ... މިތާ ކައިރީ އޮތް ރަށަށް ދެ ދުވަހަކަށް ދާންޖެހިގެން މިއުޅެނީ... މަސައްކަތެއް ލިބިގެން... ޝަމްއާނު އަންނަންވީނު ބައްޕައާއެކު... ކުރާ މަސައްކަތައް ލާރި ދޭނަން..." ތާއިބުގެ ވިސްނުމުގައި ހުރީ އައިރާއާ ދުރަށް ޝަމްއާނު ގެންދިއުމަށެވެ. އޭނާގެ އަބުރަށް ހުތުރުވާނޭ ފަދަ އަޑެއް އަރާފާނޭކަމުގެ ނުތަނަވަސްކަން އައިރާގެ ވާހަކަތަކުން ލިބިފައިވާތީ އެވެ.

"ޗުއްޓީ ނަގަނީ އަރާމުކޮށްލާކަށްނު... އަހަރެން ބޭނުމެއް ނޫން މަސައްކަތް ކުރާން ދާކަށް..." ޝަމްއާނު ފާޅުގައި ދެކޮޅު ހެދިއެވެ.

"އެބުނީ ދޮގު ވާހަކައެއް ނޫނޭ... ތާއިބު ކީއްކުރަން އޭނާ ލައްވާ އިތުރު މަސައްކަތް ކުރުވަން ތި އުޅެނީ... އެ ސޮރު ޗުއްޓީ ނެގީ ގޭގައި އަރާމުކޮށްލަން ބޭނުންވާތީ... ދެން ކީއްކުރަން މަސައްކަތެއް ކުރަންވީ..." ހިޝްމާ ބުންޏެވެ. އޭނާ ދަރިފުޅަށް އެއްބާރުލުން ދޭތަން ފެނި އިތުރަށް ތާއިބު ވާހަކައެއް ނުދެއްކި އެވެ. އެއާއެކު ޝަމްއާނު ކޮޓަރިއަށް ދަނީ ކަމުގައި ބުނެ ތެދުވެގެން ހިނގައިގަތެވެ.

ނިޔާނުގެ ފޯނުކޯލު ނިންމާލާފައި އައިރާ ނިދަން ތައްޔާރުވި އެވެ. އޭރު ބާރަ ވެސް ޖަހައި ހިނގައްޖެ އެވެ. ދެއަތުން މޭޒުކޮށްޕާލުމާއެކު ދޮރާ ހުރަސްވާނޭހެން މޭޒު ޖައްސާލި އެވެ. އަދި އަމިއްލައަށް ދޮރު ކަނީގައި ހަރުކޮށްލި މަކުޑި އަޅުވާލި އެވެ. އެނދުގައި އައިސް އޮށޯންނަމުން ދެފުށްތަތްލާފައި އޮތް ބާލީސް ނަގާ އަތުން ތަޅާލާފައި އިހު އޮތްގޮތަށް އެނދުގައި ބާއްވާލި އެވެ. އަދި އެނދުގައި ހަށިގަނޑު ދަމާލަމުން ފައިކޮޅުގައި އޮތް ބެޑުޝީޓު ފަތުރާލާފައި ގައިމަތީ އަޅާލި އެވެ.

* * * *

ޖެހިގެން އައި ދުވަހު ވެސް ނިޔާނާ ބައްދަލު ކުރަން އައިރާއާއި ލިޒީ އެކުގައި ފަސްގަނޑަށް ދިޔަ އެވެ. ދުރުގައި ލިޒީއާއި ޖުވައިން ވާހަކަ ދައްކަން ތިބިއިރު ނިޔާނާއި އައިރާ ފުނަ ގަސް ދޮށުގައި ހުރި ދިގުގޮނޑީގައި ތިއްބެވެ.

"ދައްތަ ބުނެފި މިކަން ހުއްޓާލާށޭ... ކުރިން ދުވަހު ސާމިޔާއަށް ފެނުނީމާ އޭނާ ގޮސް އަހަރުމެންގެ ވާހަކަ ދައްތަ ގާތުގައި ދެއްކީ ވަރަށް ހުތުރުކޮށް" އިސްޖަހާލައިގެން އިނދެ އައިރާ ބުންޏެވެ.

"އަހަރެން އައިރާއާ ވަކިވާ ޚިޔާލެއް ނުކުރަން... އެއަށްވުރެ އަހަންނަށް އައިރާދެކެ މާބޮޑަށް ލޯބިވެވިއްޖެ... އަހަރެން އައިރާ ގާތުގައި ސުވާލެއް ކުރާން ހިތުލައިގެން މިއަދު ހަތަރުދަމު މިއުޅެނީ... އަހަންނަށް އެނގޭ ވަރަށް އަވަސް އަރުވާލާފައިކަން އަހަރެން ނިންމުންތައް މި ނިންމަނީ... އެކަމަކު ބުނަން އައިރާ... ކޮންމެ ނިންމުމެއް ވެސް މި ނިންމަނީ ވަރަށް ބޮޑު ޔަޤީން ކަމަކާއެކު... އައިރާ... އަހަންނާ... އަހަންނާ އައިރާ އިންނަންވީނު..." އައިރާގެ އަތްތިލައިގައި ހިފާލާފައި އެންމެފަހުން ނިޔާނު އެބުނެލި އެއްޗަކުން އައިރާ ނަފްސު ސިހުނެވެ.

"އޭރުން... ނިޔާނު... ތިވަރުގެ ނިންމުމެއް ނިންމަން އަހަރުމެން އަދި ތައްޔާރުތަ؟" އައިރާގެ ހިތުގައި ނުތަނަވަސްކަމުގެ ބާންޏެއް އުފެދިގެންދިޔަ އެވެ.

"ޔެސް... އައި އޭމް ރެޑީ... އައިރާއާ ކައިވެނިކުރާން އަހަރެން ބޭނުން... މެރީކޮށްގެން އައިރާ ހުންނާނީ އަހަރެންގެ ގާތުގައި... ކީކޭ ބުނަނީ... އަހަންނާ އިންނާނަންތަ؟" ނިޔާނުގެ އަތުގެތެރޭގައިވި އައިރާގެ އަތްތިލައަށް ބާރުކޮށްލި އެވެ.

"ނިޔާނު އިންނަން ހުރިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..." ލަދުވެތިކަމާއެކު އިސްޖަހާލައިގެން އިނދެ އައިރާ ބުންޏެވެ. އެހިނދު ނިޔާނުގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން ފާޅުވެގެންދިޔަ އެވެ.

"އެކަމަކު އިހަށް އަހަރެންގެ މަންމަ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދޭން އެބަޖެހޭ... އެމީހުންނަކަށް ނޭނގޭނެ އަހަރެން ކުއްޖަކާ ރައްޓެހިވިކަމެއް..." ނިޔާނު ބުންޏެވެ.

"އެންމެ ރަނގަޅު... ނިޔާނު ހުރިހާ ވާހަކައެއް ޚިއްޞާ ކުރަނީ މަންމައާތަ؟" ހިނިތުންވެލައިގެން އިން އައިރާ އަހާލި އެވެ.

"އެހެނެއްނޫން... އަސްލު އަހަރެންގެ ފެމެލީއަކީ އެހާ ޕާފެކްޓް ފެމެލީއެއް ނޫން... ފެމެލީގެ ވާހަކަ ދައްކާކަށް ވެސް އަހަންނަށް ފަސޭހައެއް ނޫން... އެކަމަކު މިހާރު އައިރާއަށް ސިއްރު ކުރުމުގެ ބޭނުމެއްނެތްތާ... އަހަރެންގެ މަންމައާއި ބައްޕަ ތިބެނީ ވަރިވެފައި... ބައްޕައަކީ މާލޭ މީހަކަށް ވިޔަސް ގެއަކީ އެހާ ބޮޑު ގެއެއް ނޫން... ބަހާފައި އޮތީމަ ލިބުނު ތަންކޮޅު ކުޑައީ... އެތަންކޮޅު ބައްޕަ ހުންނަނީ ބުރިބުރިއަށް މައްޗަށް ނަގާފައި، ކޮންމެ ބައެއްގައި ދެ ކޮޓަރީގެ އެޕާޓްމެން ހުންނަނީ، އެތަނުން އެޕާޓްމެންޓެއްގައި އަހަންނާއި މަންމައާއި އަންހެންކޮއްކޮ ދިރިއުޅެނީ... އަހަރެންގެ މަންމައަށް ކިޔަނީ ރުބީނާ، ކޮއްކޮ އުޅެނީ ސުކޫލުގައި... އޭނާއަށް ކިޔާނީ މައުރީން... ބައްޕައަށް ކިޔާނީ އަމީރު، މިހާރު އުޅެނީ އެހެންމީހަކާ އިނދެގެން... އަހަރުމެން ކުދީންނަށްޓަކައި މަންމަ ގޭގައި ބަހައްޓާފައި ހުންނަނީ... އަހަރުމެންނަކަށް އެހާ ބޮޑު ސަމާލުކަމެއް ބައްޕައެއް ނުދޭނެ... މަންމަ ވަރި ކުރި ފަހުން މަންމައާއި ކޮއްކޮގެ ޚަރަދުތައް ބަލަހައްޓަނީ އަހަރެން... އައިރާ އައުމުގެ ކުރީން އަހަރެންގެ ލައިފްގައި އެންމެ މުހިންމު ބަޔަކީ އެމީހުން... މަންމައަކީ ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ އަންހެނެއް... ކަމުނުދާ ސިފަތައް ކޮންމެ މީހެއްގެ ވެސް ހުންނާނެ... އެހެންނޫނަސް އެއީ އަހަރެންގެ މަންމަ... ނުބަލާ ދޫކޮށްލާނީ ކިހިނެއް؟ ދިރިއުޅުމެއް ފަށަން އަހަރެން ވިސްނިޔަސް އެންމެ ބިރުގަންނަނީ އަހަރެންގެ އިނދެގެން ގެޔަށް ގެންނަ އަންހެންކުއްޖަކާ މަންމައާ ނުގުޅިއްޖެއްޔާ ދެންވާނެ ގޮތަކާމެދު..." ނިޔާނު ފުން ޚިޔާލަކަށް ގެއްލިފައި އިން ހެން އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ އަތުގެ ތެރޭގައި އޮތް އައިރާގެ އަތުން އެ އަތަށް ބާރުކޮށްލުމުން އައިރާއަށް ނިޔާނު ބަލާލިއެވެ.

"މައިދަތަ ރުހޭ ފަދަ ޅީދަރިއަކަށްވާން އަހަރެން މަސައްކަތް ކުރާނަން... އޭރުން ނިޔާނު ވިސްނާކަށް ނުޖެހޭނެއެއްނު" އައިރާ ބުންޏެވެ.

"އަހަންނަށް މަންމަ ދޫކޮށްލެވޭކަށް ނޯންނާނެ... ހަމައެގޮތަށް އައިރާ ވެސް ދޫކޮށްލާކަށް ބޭނުމެއް ނޫން... މަންމަ ނުގުޅުނަސް އައިރާ ގުޅޭނެކަން އަހަންނަށް އެނގޭ... އަހަރެންގެ ހަޔާތަށް ގެންނަން އައިރާ ތީ އެންމެ ފުރިހަމަ ކުއްޖާ... ހުރިހާ ގޮތަކުން ވެސް... އަހަރެން އެންމެ ލޯބިވާ އިންސާނާ ތީ... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައިރާއާ ކައިވެނި ވެސް ކުރާނަން... އެކަމަކު މާލެ ނުގޮސް އެކަން ކުރެވޭކަށް މިވަގުތު ނެތް... އަހަރެން ކައިވެނި ކުރަން އުޅޭ ޚަބަރު މަންމައަށް ވާނީ ވަރަށް ބޮޑު ޚަބަރަކަށް... ސޯ ފޯނުން އެކަހަލަ ވާހަކައެއް ދެއްކުމަކީ ފަސޭހަ ކަމެއް ނޫން... އައި ނޯ މައި މަމް... އެހެންވެ މާލެ ދާން ޖެހެނީ... އޭރުން މަންމަގެ ގާތުގައި އިނދެގެން އަހަރެން ބޭނުންވާ ގޮތް ކިޔާދެވޭނެ... މަންމަ ރުއްސަން އަހަންނަށް އެނގޭ... މަންމަގެ ރުހުން ހޯދައިގެން އެނބުރި މިރަށަށް އައިސް އައިރާއާ ކައިވެނި ކުރާނަން... އައި ޕްރޮމިސް..."

"އަހަންނަކީ ނިޔާނުގެ މީހެއް... އަހަރެން ނިޔާނަށް އިންތިޒާރު ކުރާނަން... އެކަމަކު ބިރުގަނޭ ނިޔާނަށް އެނބުރި ނާދެވިދާނޭތީ... އޭރުން އަހަންނަށް ވާނޭގޮތް ހިތަށް ވެސް އަރުވާލަން ދަތި،" އައިރާގެ މޫނުމައްޗަށް މާޔޫސްކަމުގެ އަސަރުތައް ވެރިވެގެން ދިޔައެވެ.

"އަހަންނަށް އިތުބާރުކުރޭ... ތިންކް ޕޮޒިޓިވް... އިރާދަ ކުރެއްވިއްޔާ އަހަންނާއި އައިރާއާ ވަތްކެއް ނުވާނެ"

އެހެން ދުވަސްދުވަހަށްވުރެ ގިނައިރު ނިޔާނާއި އައިރާ ވާހަކަ ދައްކަން ތިއްބެވެ. ދެމެދުގައި ދެކެވުނު ވާހަކައިގެ ޒާތުން ވެސް މެއެވެ. އިރުއޮއްސުނު ފަހުން ފުނަގަސްދޮށުން ތެދުވެގެން ނިޔާނާއި އައިރާ ހިނގައިގަތެވެ. ހިސާބަށް ވެރިވެފައި އޮތް އަނދިކަމުގެ ތެރެއިން އައިރާގެ އަތަށް ދަމާލުމާއެކު ނިޔާނާ ގާތަށް އައިރާ ދަމާލި އެވެ. އެހިނދު އައިރާ އައިސް ނިޔާނުގެ ގައިގާ ޖެހުނެވެ. އައިރާގެ ހިތުގެ ހިނގުން އަވަސްވެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މިއީ މީގެ ކުރިން ނިޔާނުގެ ފަރާތުން ފެނުނު ޢަމަލެއް ނޫނެވެ. އައިރާގެ ހިމަ އުނަގަނޑައި ދެއަތުން ހިފާލުމާއެކު ނޭވާގެ ހޫނުކަން އިހުސާސްވާހާ ގާތަށް ނިޔާނު އޭނާގެ ލޯބިވެރިޔާ ގާތްކޮށްލައިފި އެވެ. (ނުނިމޭ)