ކުޅިވަރު

ވެލެންސިއާގެ މެޗަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު

Feb 7, 2017

އޭއެފްސީގެ މުބާރާތެއްގައި ވެލެންސިއާ މިވާދަ ކުރަނީ އަށް އަަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އޭއެފްސީ ކަޕްގެ ދޮރު ހުޅުވުމަށް ކުރަން ޖެހޭ ދަތުރުގައި ވެލެންސިއާ އަށް މިއަދު ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ، 2009 ވަނަ އަހަރުގެ ފަހުން އެ ޓީމު ކުޅޭ އެންމެ މުހިންމު މެޗެވެ. މި މެޗުން ބަލިވެއްޖެނަމަ، ވެލެންސިއާ އަށް އެ ދޮރު ބަންދުވީ އެވެ.

ނަމަވެސް، ވެލެންސިއާގެ ސަޕޯޓަރުންނާއި، ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ އެހީތެރި ކަމާއެކު، ވެލެންސިއާއަށް ތިމްޕޫ އަތުން މޮޅު ވެވޭނެ ކަމުގެ ޔަގީން ކަން ވެލެންސިއާގެ ހެޑް ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ދެ އެވެ.

"އިރާދަ ކުރެއްވިއްޔާ ސަޕޯޓަރުން މާޔޫސް ވެގެން ދާން ނުޖެހޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް، އެހެންވެ ވެލެންސިއާގެ ސަޕޯޓަރުންނަށާއި، ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ ހުރިހާ ފަރާތްތަކުގެ ކިބައިން އެދެން، މިއަދު ދަނޑަށް ވަޑައިގަތުމަށް،" ފެސްކޯ ބުންޏެވެ.

ތިމްޕޫއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗަށް، ވެލެންސިއާ ބޫޓާނަށް ދިޔައީ، މަދު އަދަދެއްގެ ޕްރެކްޓިސް އަށް ފަހު އެވެ. ވެލެންސިއާ އަށް އަލަށް ގުޅުނު، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ކާރު ކުޅުންތެރިންނާއި، އެ ޓީމުގައި މިދިޔަ އަހަރުވެސް ތިބި އިންޓަނޭޝަނަލް ތަޖުރިބާ ހުރި ކުޅުންތެރިންގެ ޑިސިޕްލިން އާއި މެންޓަލިޓީ ބޭނުން ކޮށްގެން، ވެލެންސިއާ ވަނީ މެޗުގައި ތިމްޕޫގެ ކުޅުންތެރިންނާ ދެކޮޅަށް ރަނގަޅަށް ކުޅެފަ އެވެ.

ވެލެންސިއާގެ ޒުވާން ކުޅުންތެރިން ގޮވައިގެން ކެޕްޓަން ޝާފިއު އަހްމަދާއި، ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ޝިފާން އަދި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދެއްކި ލީޑާޝިޕާއި ޕްރޮފެޝަނަލް މެންޓަލިޓީ، ފެސްކޯ ވަރަށް ބޮޑަށް ފާހަގަކޮށް އެ ކުޅުންތެރިންނަށް ސާބަސް ރައްދު ކުރެ އެވެ.

އެ ކުޅުންތެރިންނާއި މުޅި ޓީމު އޮތީ މިއަދު، ސަޕޯޓަރުންގެ ކުރިމަތީގައި، ޓީމުގެ ސްޓްރެންތު ސާބިތުކޮށްދީ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދުގަ އެވެ.

ދިވެހި ފުޓްބޯޅަ ވަޅު ޖެހިގެން ގޮސް، ކުލަބު ފުޓްބޯޅައިން ސަޕޯޓަރުން މާޔޫސްވި އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި، ވެލެންސިއާ ބަލިކަށި ވެގެން ދިއުން ހިމެނެ އެވެ. ނަމަވެސް މިދިޔަ އަހަރު އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައި، ވެލެންސިއާ ވަނީ، އޭއެފްސީ ކަޕަށް ދިއުމަށް މަގެއް ތަނަވަސް ކޮށްފަ އެވެ. ވެލެންސިއާގެ ސަޕޯޓަރުންގެ ފޯރި އާއި ދިވެހި ސަޕޯޓަރުންގެ ފޯރި އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އެކުލަބުން އޮތީ ތައްޔާރަށެވެ. ނަމަވެސް އެކަމަށް އޮތް ފުރަތަމަ ދޮރު ހުޅުވެން އޮތީ މިއަދު ތިމްޕޫ ސިޓީ ބަލި ކޮށްގެންނެވެ.

އެ ޓީމުން ބޭނުން ވަނީ ސަޕޯޓަރުންގެ އެހީ ތެރިކަމެވެ. ވެލެންސިއާގެ ރަން ސޮފްހާ ތަކުގެ މާޒީ ތަކުރާރު ކުރަން، މިއަށް ވުރެ ރަނގަޅު ފުރުސަތެއް އެ ޓީމަށާއި އެ ޓީމުގެ ސަޕޯޓަރުންނަކަށް ނުލިބޭނެ އެވެ. ވެލެންސިއާ އޮތީ ތައްޔާރަށެވެ. އެ ތީމުން އެދެނީ ސަޕޯޓަރުން ވެސް ތައްޔާރަށް ތިބުމަށެވެ.