ހަބަރު

ރިލްވާން ގެއްލުވާލި މައްސަލައިގެ މައުލޫމާތު ހޯދަން އާއިލާއިން ކޯޓަށް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި، މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މައުލޫމާތު އާއިލާއާ ހިއްސާ ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށް އެ އާއިލާއިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ އާއިލާއިން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މިހާރު ވަނީ ސިވިލްކޯޓްގައި ފަށައިފަ އެވެ.

މި ކަމާ ގުޅޭގޮތުން ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނީ ރިލްވާން ރިލްވާން ގެއްލުވާލި މައްސަލައިގައި އެކަށީގެންވާ ވަގުތާއި ވަސީލަަތްތައް ބޭނުންކުރެވިފައިވާ ކަމަށް މިހާތަނަށް އެނގިފައިވީ ނަމަވެސް، އެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މިފަހުން ފުލުހުން އާއިލާއާ ހިއްސާ ކޮށްފައި ނުވާތީ އެ މައުލޫމާތު އާއިލާއަށް ފޯރުކޮށްދިނުމުގެ އަމުރަކަށް ކަމަށެވެ. މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ޖެހުނީ އާއިލާއިން ބުނި ގޮތުގައި އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް އެކި ފަހަރު މަސައްކަތް ކޮށްގެންވެސް އެއްވެސް މައުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކުން އާއިލާއާ ހިއްސާކޮށްފައި ނުވާތީ ކޯޓުން ބޭރުގައި އެ މައްސަލައަށް ހައްލެއް ނުލިބިގެންނެވެ.

ރިލްވާންގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތެއް ހިއްސާކުރަން ނޭދޭ ކަން ފާހަގަ ކުރަމުން ބަޔާނުގައި އާއިލާއިން ބުނީ ރިލްވާންގެ ތަހުގީގުގެ މައުލޫމާތު އެންމެ ފަހުން ވެސް އާއިލާއާ ހިއްސާކުރީ، މީގެ ނުވަ މަސް ދުވަހުގެ ކުރިން ކަމަށެވެ.

"މި މައްސަަލައިގެ މައުލޫމާތު ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނާ އަދިވެސް ހިއްސާކުރެއްވުމަށް އެދޭ ގޮތަކީ، ކޯޓުން ބޭރުގައި ސިއްރުން ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އާއިލާއިން ބުނީ، ރިލްވާންގެ ތަހުގީގު ކުރިއަށް ދާކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށާއި އާއިލާއިން ބޭނުން ވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އެންމެ ރަނގަޅަށް ދެނެގަތުމަށް ކަމަށެވެ. އާއިލާއިން ބުނި ގޮތުގައި އެންމެހާ ރައްޔިތުންގެ މަސްލަހަތަށް ޓަކައި އަނިޔާ ލިބޭ މީހުންނާއި އެ މީހުންގެ އާއިލާތަކާ ދެމެދު ފުލުހުން އެކަށީގެންވާ މައުލޫމާތު ހިއްސާ ކުރަން ޖެހެ އެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ ދަރިފުޅު އަހުމަދު ރިލްވާން. ގެއްލުވާލާފައިވާ މައްސަލައިގެ ފުރިހަމަ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިދެވޭނެ ގޮތަށް ކޯޓުން ގޮތެއް ނިންމައިދެއްވުމަށް އެދި އުންމީދު ކުރާ ވާހަކަވެސް ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރެ އެެވެ.