ކުޅިވަރު

އޭއެފްސީ ކަޕަށް ވެލެންސިއާގެ ފުރަތަމަ ދޮރު ހުޅުވައިފި

Feb 7, 2017

މި އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ކުލެން ޖެހޭ ޕްރިލިމިނަރީ ދެ ބުރުގެ ތެރެއިން ފުރަތަމަ ބުރުގެ ދެ ވަނަ ލެގް މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީގެ މައްޗަށް 3-0 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު ވެލެންސިއާއިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މިއަހަރުގެ ސީޒަނަށް އެންމެ ފަހުން ތައްޔަރުވާން ފެށި ދެ ކުލަބުގެ ތެރެއިން އެއް ކުލަބަކީ ވެލެންސިއާ އެވެ. ނަމަވެސް، އެކަމެއް މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ނުދިޔަ އެވެ.

މެޗު ޑޮމިނޭޓް ކޮށްގެން ވެލެންސިއާ ކުޅުނު އިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ.

އެޓީމުގެ އަހްމަދު ރިލްވާން އާއި އޮމަޑޫ ގޮޑް ފްރޭ ވެސްޓަށް، ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފަ އެވެ.

މެޗެގެ ހަތަރު ވަނަ މިނެޓް ތެރޭގައި ރިލްވާން ބޮލުން ޖަހި ބޯޅަ ދިފާއު ކުރީ، މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި، ތިމްޕޫގެ ކީޕަރު ނަގަވަންގް ޖެންފެލް އެވެ.

މެޗުގެ ފަސް ވަނަ މިނެޓްގައި، ރިލްވާން ވެސްޓަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް، މިފަހަރުވެސް އެބޯޅަ އަށް ހުރަސް އެޅީވެސް ޖަންފެލް އެވެ.

މެޗުގެ ނުވަ ވަނަ މިނެޓްގައިވެސް، ވެސްޓަށް ވަނީ ލަނޑު ޖަހަން، އަނެއްކާވެސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް މިފަހަރުވެސް އެބޯޅަ ދިފާއު ކުރީ ކީޕަރު ޖަންފެލް އެވެ.

މެޗްގެ ފުރަތަމަ 25 މިނެޓް ގައި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަށް އެއްވެސް ބޯޅަ ސަލާމަތް ކުރަން ނުޖެހު ނެވެ

ނަމަވެސް މެޗުގެ 16 ވަނަ މިނެޓްގައި، ތިމްޕޫ އަށް ވަނީ ރަނގަޅު ހަމަލާ އެއް އުފައްދަން ފުރުސަތު ތަނަވަސް ވެފައެވެ. ކެރުމާ ސެޑްރަޕް އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްވެގެން އެ ބޯޅަ އިން ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގެ 40 ވަނަ މިނެޓްގައި އަނެއްކާވެސް ރިލްވާން އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެ ބޯޅަ ވެސް ހުއްޓުވީ ތިމްޕޫގެ ކީޕަރު ކުރި މޮޅު ސޭވުން ނެވެ. އަދި 42 ވަނަ މިނެޓްގައިވެސް ވެސްޓް ފޮނުވާލި ބޯޅަ ވެސް، އޭނާ ވަނީ ހުއްޓުވާފަ އެވެ.

ވެލެންސިއާ އިން ދެ ވަނަ ހާފު ފެށިވެސް ހަމަލާ އަކުންނެވެ. މިދިޔަ އަހަރު ވިކްޓްރީ އަށް ކުޅުމަށް ފަހު، މިއަހަރު ވެލެންސިއާ ބަދަލުވި މުހައްމަދު ތަސްމީން (ތައްތި) ތިމްޕޫގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 60 ވަނަ މިނެޓްގައި، ވެސްޓް މަޑުމަޑުން ފޮނުވާލި ބޯޅަ، ގޯލްގެ ތެރެއަށް ވަދެވަދެ އޮތްވައި، ތިމްޕޫގެ ޑިފެންޑަރު ޖިގްމޭ ޝެރިން ޑޯޖީ ދިފާއު ކުރީ ގޯލް ރޮނގު މަތިން ނެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިދިޔަ އަހަރު ބީޖީ ސްޕޯޓްސް އަށް ކުޅުނު އިބްރާހިމް ހަމްދާން (ބީޖީ މެސީ) އެވެ. ހާފު ރޮންގުމަތިން، ވެސްޓަށް ލިބުނު ބޯޅަ، އޭނާ ދިނީ ހާފުގެ މެދަކާ ހިސާބުގައި ހުރި ހަމްދާން އަށެވެ. އޭނާ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލީ އިރުމަތި ފަރާތު ގޯލްގެ ކަނަށެވެ. އެ ބޯޅަ އަކީ، ތިމްޕޫގެ ކީޕަރު ޖެންފެލް އަށް ދިފައު ނުކުރެވުނު ހަމަ އެކަނި ފުރުސަތެވެ.

ލަނޑަށް ފަހު، ތިމްޕޫގެ ކުޅުންތެރިން ވަނީ ލަނޑު ޖެހުމަށް ޓަކައި، ވެލެންސިއާގެ ހާފުތެރެއަށް ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެޓީމުގެ ކޯޗް ޕާސަންގް ޝެރިންގް ބުނީ، ފަހު ދެ ލަނޑު އެ ޓީމު ކޮޅަށް ވަނީ، ލަނޑު ޖެހުަމަށް ޓީމު ކުރިއަށް ޖެހުމުން ކަމަށެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ، އެ ޓީމާ އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ ޗިނޯނޭ ޕްރިންސް ޗިންޑާ އެވެ.

މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި ހަތަރު މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި، ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ގިނަ ފުރުސަތު ތަކެއް ލިބުނު އަހްމަދު ރިލްވާން އެވެ.

މެޗަށްފަހު މީޑިއާ ވާހަކަ ދައްކަުން، ވެލެންސިއާގެ ކޯޗިން ޓީމަށް އެހީ ތެރިވުމަށް، އެ ޓީމާގެ ކޯޗިން ޓީމާ ގުޅުނު އަހަމްދު މުޖުތަބާ (ފެސްކޯ) ބުނީ، މޮޅު ވެވޭނެ ކަމުގެ އުންމީދު ކުރިންވެސް އޮތް ކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް ދޭން ޖެހޭ ކަމަށެވެ. ހެޑްކޯޗެއްގެ ގޮތުގައި، އޭނާގެ ނަން، ޓީމު ލިސްޓްގައި ޖަހާފައި އިން ނަމަވެސް، ޓީމަށް އިރުޝާދު ދިނީ، މިދިޔަ އަހަރުވެސް އެ ޓީމަށް އިރުޝާދު ދިން، އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓާ އަދި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.

ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ވެލެންސިއާ ވާދަ ކުރަން ޖެހޭނީ، ލަންކާގެ ކޮލަމްބޯ އެފްސީ އާއި އިންޑިއާގެ މޯހަންބަގާން ކުޅޭ މެޗުން މޯލުވާ ޓީމަކާ ދެކޯޅަށެވެ.