ރައްޔިތުންގެ މަޖިލިސް

މޫސައަކީ މަޖިލީހުގެ މިނިވަން މެންބަރެއްކަން ރަސްމީކޮށް އިއުލާންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފްތަރުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަކި ކުރުމާ ގުޅިގެން އެ މަނިކުފާނަކީ މިހާރު ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މިނިވަން މެންބަރެއް ގޮތުގައި ރައްޔިތުން މަޖިލީހުން މިއަދު ކަނޑައަޅައި އިއުލާންކޮށްފި އެވެ. -- އެމްޑީޕީން އެދިގެން އިލެކްޝަން ކޮމިޝަނުން މޫސަ އެމްޑީޕީން ވަކިކޮށްދީފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ.

މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު އިއުލާން ކުރެއްވީ އެމްޑީޕީގައި ހުންނެވި މޫސާ މަނިކު އެ ޕާޓީގެ ރަޖިސްޓްރީއިން ވަކިކޮށްފައިވާ ކަމަށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ބަދަލު ކުރައްވާ އިއުލާން ކުރައްވާ ކަމަށެވެ.

އެކަމާ ގުޅިގެން މޫސަ މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގެ 13 އަހަރު އެމްޑީޕީއަށް ބުރަކަށް މަސައްކަތް ކޮށްދެއްވި ކަމަށާއި އަދި އެ ޕާޓީގައި އުޅުއްވި އިރު މަސައްކަތްކޮށްފައިވާނީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ. ނަމަވެސް އަނިޔާވެރި އަދި ހުދުމުހުތާރު ޕާޓީއަކަށް އެމްޑީޕީ ބަދަލުވެފައިވާ ކަމަށާއި އެ ޕާޓީގައި މިހާރު އިސްކޮށް އުޅުއްވަނީ ވެސް ބަޣާވަތެއް ކުރި މީހުން ކަމަށެވެ.

"މިއަދަކީ އަށެއް ފެބްރައަރީ. އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އެންމެ އަނިޔާ ލިބުން ދުވަސް. އިއްތިފާގުން އެ ދުވަސް ވެގެން މިދަނީ އެކަމަށް ފަސް އަހަރު ފުރި އެމްޑީޕީގެ ލީޑާޝިޕުން އެދިގެން އަޅުގަނޑުގެ ކުށެއް ނެތި އެ ޕާޓީގެ ދަފްތަރުން ވަކި ކުރި ދުވަހަށް. އަޅުގަނޑު އެމްޑީޕީއަށް ހިދުމަތްކޮށްދިނީ އުހުލާސްތެރިކޮށް ނަމަވެސް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ބައެއްގެ ހުދުމުހުތާރުކަމުގެ ޝިކާރައަކަށް ވެގެން ދާނަމަ މަޖިލީސް ތެރޭގައި ޑިމޮކްރަސީގެ ވާހަކަ ދައްކަންޏާ އަޅުގަނޑު އެކަނިވެސް މި މަޖިލީސް ތެރޭގައި އެއަށް ރައްދު ދޭނަން،"

އެމްޑީޕީއިން މޫސައަށް ފިޔަވަޅު އަޅައި، އޭނާ ޕާޓީ ވަކިކުރަން ނިންމީ، އޭރުގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު މުއުތަސިމް އަދްނާން އެ ކޯޓުން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކަނޑައެޅި ވިޕާ ހިލާފުވި މޫސަ ވޯޓު ދެއްވި މައްސަލައެއްގަ އެވެ.

އެމްޑީޕީގެ ދަފްތަރުން މޫސަ ވަކިކުރުމާ ގުޅިގެން މަޖިލީހުގެ ޕާޓީތަކުގެ ލިސްޓު މިހާރު އެތުރިފައިވާ ގޮތުން ޕީޕީއެމްގައި ހިމެނޭނީ 48 މެންބަރުންނެވެ. އަދި އެމްޑީޕީގައި 21 މެންބަރުން ހިމެނޭ އިރު ޖޭޕީގައި ހިމެނެނީ ހަތް މެންބަރުންނެވެ. އަދި އެމްޑީއޭ ގައި ހަ މެންބަރުންނާއި އަދާލަތު ޕާޓީގައި އެއް މެންބަރަކު ހިމެނެ އެވެ. އިންޑިޕެންޑަންޓް ކެންޑިޑޭޓެއް ގޮތުގައި ތިއްބަވަނީ ދެ މެންބަރުންނެވެ.