ލައިފްސްޓައިލް

މާބަނޑު އިރު ޕްލާސްޓިކް ފުޅީގައި ފެންބުއިމުން ދަރިފުޅު ފަލަވޭ

Feb 9, 2017
2

ޕްލާސްޓިކް ފުޅީގައި ހުންނަ ފެން ބުއިމަކީ މިއީ އަހަރުމެން ދިވެހިންގެ މެދުގައި ވެސް ވަރަށް އާންމު ކަމަކަށް ވެދާނެ އެވެ. އާންމު މީހަކަށް އެއީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މާބަނޑު މީހުން މި އާދައިން މި އޮތީ ދުރުވާން ޖެހިފަ އެވެ. ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ޕްލާސްޓިކް ފުޅީގައި ފެންބުއިމަކީ ދަރިފުޅު ފަލަވާން ދިމާވާ ސަބަބެކެވެ. ތިމާގެ ދަރިފުޅު ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި ބަހައްޓަން ބޭނުން ނަމަ، މާބަނޑު އިރު ކޮންމެހެން ދުރުވުން މި އޮތީ މުހިންމު ކަމަކަށް ވެފަ އެވެ. މިވަރުގެ ކުޑަކަމަކުން ދަރިފުޅު ފަލަވާ ގޮތް ދިމާވަނީ ކީއްވެ ހެއްޔެވެ؟

އެ ދިރާސާގައި ހަރަކާތްތެރިވި ސައިންޓިސްޓުން ބުނެފައިވަނީ ޕްލާސްޓިކް ގައި ހިމެނޭ ބައިސްފެނޯލް އޭ (ބީޕީއޭ) ގެ ސަބަބުން ހޯމޯނަށް އަސަރުކުރާ ކަމަށެވެ. އަދި ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ އަސަރު ކުރާ ކަމަށް އެ ދިރާސާގައިވެ އެވެ. މިގޮތަށް ފަލަވާން ދިމާވަނީ ބީޕީއޭއިން ސިކުނޑިއަށް ފޮނުވާ މެސެޖުން ކަމަށް ވެސް އެ ދިރސާގައިވެ އެވެ.

ޕްލާސްޓިކް ކޮންޓެއިނާ އަދި ޕްލާސްޓިކް ކޮތަޅުގެ އިތުރުން ތަފާތު ވައްތަރުގެ ދަޅުގައި ވެސް ބީޕީއޭ ހިމެނެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ އެ ކެމިކަލްގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ހޯމޯން އުފައްދާ ގްލޭންޑަށް އަސަރު ކުރެ އެވެ. އަދި ގިނަ ބަޔެއްގެ ހަށިގަނޑުގައި ބީޕީއޭ ހުންނައިރު އެ ކެމިކަލް ހަށިގަނޑުން ބޭރުވަނީ ޔޫރިންއާ އެކު ކަމަށް ވެސް އެ ދިރާސާގައި ވެއެވެ.