ވާހަކަ

މުޅިޖާންހިތާ

(7 ފެބްރުއަރީ 2017 އާ ގުޅޭ)

އައިރާގެ ހިމަ އުނަގަނޑައި ދެއަތުން ހިފާލުމާއެކު ނޭވާގެ ހޫނުކަން އިހުސާސްވާހާ ގާތަށް ނިޔާނު އޭނާގެ ލޯބިވެރިޔާ ގާތްކޮށްލައިފިއެވެ.

"ނޫން ނިޔާނު..." އައިރާގެ ކޯތާފަތުގައި މޫނުޖެހޭހާ ގާތަށް ނިޔާނުގެ މޫނު ގާތްކޮށްލުމާއެކު އައިރާ ވަރަށް ބޮޑަށް ހާސްވެ މޫނުގައި ދެއަތް އަޅައިފިއެވެ. އައިރާއަށް ވީގޮތް ފެނި ނިޔާނުގެ ގާތަށް އައީ ހިންޏެވެ. އޭނާ ލާނެތް ސަމާސާއެއް ކޮށްލަން ބޭނުންވީއެވެ. ނަމަވެސް އައިރާ ހާސްވެ ފިނިވެފައި ހުރިވަރު އެނގުމުން ހިތާއި ސިކުނޑީގައި އެވަގުތު ހިނގަމުންދިޔަ ޚިޔާލުތަކާއި ދުރުވެގަތެވެ.

"ދެން ތި މޫނުން އަތްނަގާބަލަ... އަހަރެން ނޫޅެމޭ އައިރާއަށް ކަމެއްކުރާކަށް..." ނިޔާނު އަދިވެސް ހިނިއައިސްފައި ހުރެ ބުންޏެވެ. މަޑުމަޑުން އަތުގެ އިނގިލިތައް ދުރުކޮށްލާ އިނގިލިތަކުގެ ދޭތެރެތަކުން ނިޔާނަށް އައިރާ ބަލާލިއެވެ. ހިނިއައިސްފައި ނިޔާނު ބަލަން ހުރި ތަން ފެނުމުން އައިރާ މާބޮޑަށް ރަކިވެއްޖެއެވެ. އޭނާގެ ހަރާކާތްތައް ހުރި ގޮތުން ނިޔާނު ހިތަށް އަރާނޭ އެއްޗަކާ މެދު އައިރާއަށް ވިސްނާލެވުނެވެ. ނިޔާނަށް މަނާވެގަތުމަކީ އޭނާގެ ލޯތްބަށް އައިރާ އިތުބާރުނުކުރާވަރު ކަމުގައި މާނަކޮށްފާނެއޭ އައިރާގެ ހިތަށް އެވަގުތު އަރަމުންދިޔައެވެ. މަޑުމަޑުން މޫނާ ދެއަތްތިލަ ދުރުކޮށްލާފައި އިސްޖަހާލިއެވެ.

"ހިނގާ ދަމާ..." ނިޔާނު މިހެން ބުނެ އައިރާގެ އަތުގެ އިނގިލިތައް އޭނާގެ އަތުގެ އިނގިލިތަކާ ލާ މަހާލަމުން ހިނގައިގަންނަން އުޅުނެވެ. އެހިނދު އައިރާ ކުރިއަށް ފިޔަވަޅެއް އަޅަން ނޫޅުމުން ނިޔާނަށް ހައިރާންވެފައި ބަލާލެވުނެވެ.

"ނިޔާނު... ބޭނުންކަމެއް... ނިޔާނު ބޭނުމިއްޔާ..." ހިތްއަވަސްވެފައި ހުރި އައިރާ ބުނަން މަސައްކަތްކުރީ ކީކޭކަން ނިޔާނަށް ނަގައިގަނެވުނީ އިރުކޮޅެއްފަހުންނެވެ.

"އިޓްސް އޯކޭ... އަހަރެން އޯކޭއޭ... ކައިވެނިން ބޭރުގައި ކުރަން ބޭނުންވިޔަސް ނުކެރެވޭނެ ސަމާސާ ހުންނާނެކަން ހަނދާންނައްތާލެވުނީ އަހަންނަށް... އައިރާ އަހަރެން ހުއްޓުވިކަން ރަނގަޅު..." ނިޔާނު ހިނިތުންވެލަމުން އައިރާގެ ކޯތާފަތުގައި ފިރުމާލިއެވެ. ނިޔާނުގެ ވާހަކަ އަޑުއިވިފައި އައިރާގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

* * * *

ޝަމްއާނުގެ ޗުއްޓީ ހަމަވެ އޮފީހަށް ނުކުންނަން ޖެހުމުގެ ކުރީން އޭނާގެ ސިކުނޑީގައި ރާވަމުންއައި ރޭވުންގަނޑަށް ޢަމަލީ ސިފައެއް ގެނައުމަށް އޭނާ ވިސްނިއެވެ. އަދި ރަށުގެ ގިނަ ޒުވާނުން ކޮފީބުއިމަށް އައިސް އުޅޭ ވައްޑޭކެފޭގެ މޭޒެއްގެ ދޮށުގައި ޝަމްއާނުގެ ގާތް ދެ ރަޙުމަތްތެރިއަކާއެކު އޭނާ އިނެވެ. ސިނގިރޭޓާއި ކޮފީގެ ވަހުން މުޅި މާޙައުލު އެއްވެސްވެފައިވެއެވެ. ޝަމްއާނަކީ ސިނގިރޭޓު ބޯމީހަކަށް ނުވިޔަސް އޭނާގެ އެކުވެރިންނަކީ ސިނގިރޭޓު ހަފައިގެން ކާން ވެސް ފަހަށް ނުޖެހޭނެ ބައެކެވެ. އެއިން މީހެއްގެ ތުނބުން ސިނގިރޭޓު ނެއްޓޭނެ އިރެއް ނުދެއެވެ.

"ތަޅާލީމަ އޯކޭވާނެއެއްނު... ދޯ ޔާންޓޭ..." ރިޔާޒު އިނދެފައި އޭނާގެ ޚިޔާލު ނަގާ މޭޒުމަތީ ބާއްވާލިއެވެ. އެއާއެކު ޝަމްއާނާއި ދެން އެތަނުގައި އިން ޔާވިންގެ މޫނަށް ރިޔާޒު ބަލާލިއެވެ.

"އަހަރުމެންކަން އެނގިގެން ނުވާނެ..." ޝަމްއާނު ބުންޏެވެ.

"އެއީ ތެދެއް... އެމީހުންނާ ރަށުގެ ބޮޑެތިމީހުންނާ ވަރަށް ގުޅުން އޮވޭ... އަނެއްކާ އެގޮލާ އެ ހުންނަނީ ވެސް ދާއޫދުމެން ގޭގައެއްނު... މަށަށް ފެންނަނީ އެކްސްޑެންޓެއްހެން މިކަން ނިންމާލަން..." ދުންތައް ބުރުވާލާފައި ޔާވިން އޭނާގެ ޚިޔާލު ބޭރުކޮށްލިއެވެ.

"އާން! ތިގޮތް ސަޅިވާނެ...ކަލެއަށް ކެރޭނެތަ؟ މަ ކުރަނިކޮށް ފަހަރެއްގައި ބަސްޓުވެދާނެ... އަނެއްކާ އޭނާއަށް އަބަދު އަހަރެން ފެނިފަ ހުރީމަ އެނގިދާނެ... ބައްޕަމެންނަށް އެނގޭކަށް މަށެއް ބޭނުމެއްނޫން... އެހެންވެއްޖެއްޔާ ވަރަށް ކަޑަވާނެ..." ޝަމްއާނު ބުންޏެވެ.

"ތިވަރު އެގޮލާއަށް ކޮށްލަން ތިއުޅެނީ ހަމަ ކަލޭގެ ބިޓެއްކައިރިއަށް އޭނާ ޖެއްސީމަތަ؟ ނޫނީ ކަލެއަށް ނުވިކަމެއް އޭނާ ކުރާތީތަ؟" ޔާވިން މިހެން ބުނެފައި ހޭންފެށިއެވެ. އެ ހުނުންގަނޑުގައި ރިޔާޒު ވެސް ބައިވެރިވިއެވެ. ދެ އެކުވެރިން ދިމާކުރިކަމުގައި ވިޔަސް ޝަމްއާނު ހުރިހާ ހަޤީޤަތެއް ހާމަކުރާކަށް ބޭނުމެއްނޫނެވެ. އޭނާގެ އެކުވެރިންނަށް ހަމައެކަނި އެނގެނީ ރަށަށް އަރާ ތިބި ދެ ބީރައްޓެހިން ރަށަށް ގަދަކޮށް ރަށު އަންހެންކުދީންނާ ގުޅޭން އުޅޭކަމެވެ. މިފަހަރު މިއޮތީ ޝަމްއާނު ގަޔާވާ އަންހެންކުއްޖަކާ ގާތްވެވިފައެވެ. މައްސަލަ އެހާ ހޫނުވީ އެހެންވެއެވެ. ކޮންމެގޮތެއް ވިޔަސް ޝަމްއާނުގެ އެކުވެރިން ތިބީ އޭނާއަށް އެކަމުގައި އެހީތެރިވާން ތައްޔާރަށެވެ.

"ރޭގަނޑުގެ ވަގުތަކު އެކަން ކޮށްލަން ސަޅިވާނީ... އަހަރެންގެ އަތުގައި މާސްކެއް ވެސް އޮންނާނެ... މަށާ ރިޔަނާ ދެ މީހުން ދާނީ..." ޔާވިން މިހެންބުނެ ރިޔާޒުއަށް ވެސް ބަލާލިއެވެ.

ކޮފީމޭޒުދޮށުގައި ތިބެ ކަންކަން ކުރާނޭގޮތް ރަނގަޅަށް ރޭވުމަށްފަހު ތިންމީހުން ނުކުމެގެން އެމީހެއްގެ ގެއާ ދިމާއަށް ދިޔައެވެ. ދަމުން ދިޔައީ ތިންމީހުންގެ މެދުގައި ބަދަލުކުރެވުނު އަންހެންކުއްޖެއްގެ ނަންބަރު ވެސް ހިފައިގެންނެވެ. އެއީ އެމީހުންގެ މެދުގައި އާކަމެއްނޫނެވެ. ތިން އެއްފަހަރާ ވެސް ބައެއްފަހަރަށް އެއް އަންހެންކުއްޖަކު ވާވެއްދުމުގައި ހަރަކާތްތެރިވާ ފަހަރު ވެސް މަދެއްނޫނެވެ.

ގެއަށް އައިސް ޝަމްއާނު ވަންއިރު ފިހިގަނޑު ހިފައިގެން ސިޓިންރޫމު ސާފުކުރުމުގައި އައިރާ އުޅެއެވެ. ފެންނަ ހިސާބުގައި މީހަކު ނެތުމުން އައިރާއަށް ގޯނާއެއްކޮށްނުލާ ދާކަށް އެއްގޮތަކަށް ވެސް ޝަމްއާނުގެ ހިތެއް އެއްބަހެއް ނުވިއެވެ. ގެއަށް ވަނީ ޝަމްއާނުކަން އެނގުމުން ވެސް އައިރާ ކުރަން ހުރި މަސައްކަތް ހުއްޓައެއް ނުލައެވެ. ހަވީރަށް އޭނާއަށް ލިޒީމެންގެއަށް ދެވޭނީ ކުރަން ހުރި މަސައްކަތެއްވިއްޔާ ނިންމާފައެވެ. ހިޝްމާގެ ނުރުހުމުގެ ހޫނުކަން ތަންފުކެއް ވެސް ކުޑަވާނީ އޭރުންނެވެ.

"އޯ ސަޅި... އަދި އެއްފަހަރު ގުދުވެލާފައި ތެދުވެބަލަ..." އައިރާ ސޯފާތަކުގެ މެދުގައި ހުރި ލަކުޑި ކުޑަ މޭޒުމަތީ ހުރި އެއްޗެހި ތަރުތީބުކޮށްލާފައި ހިންދެމިލި ވަގުތު ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ޝަމްއާނު ބުންޏެވެ. އެއާއެކު އައިރާ ރުޅިގަދަވިއެވެ.

"ދައްތަ ނޫނީ ޝިމްރާ މިތަން ސާފުކުރަން އޮއްވާ މީހަކު ތިހެންބުނި ނަމަޔޯ..." ލޯ އަޅާލާފައި ފިހަގަނޑުގައި ހިފަހައްޓާލަމުން އައިރާ ބުންޏެވެ. އެހިނދު ޝަމްއާނުގެ އަނގަ ބަންދުވިއެވެ. އޭނާގެ މޫނު މަތިން ވެސް އެވަގުތު ނުރުހުމުގެ އަސަރު ފާޅުވެގެންދިޔައެވެ.

"ހާދަ ގަޓު ހުރެގެންނޭ ދޯ ތިއުޅެނީ... ކަލޭ މައިތިރިވާކަށް ގިނަ ދުވަހެއްދެންނެތް... އޭރުން މިގޭ ހަތަރުފާރުގެ ތެރޭ އަހަރެން ކަލެއަށް ހަދާލާނީ ބޭނުންގޮތެއް..." ޝަމްއާނު މިހެން ބުނުމާއެކު ހަރުކޮށް ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ މިފަހަރު ވެސް އެ ދެއްކީ ނިޔާނަށް ބޮނޑިއެއްދޭން އޭނާ ގަސްދުކުރާ ވާހަކައެކެވެ. އެކަން އައިރާއަށް އެނގުނެވެ. މިފަހަކަށް އައިސް ނިޔާނު ގާތުގައި ރަށުތެރޭގައި ބަލައިގެން އުޅުމަށް އައިރާއަށް ބުނެވެނީ އެހެންވެއެވެ. އެކަނި ތަންތަނަށް ދިއުމުގެ ބަދަލުގައި އަބަދުވެސް ޖުވައިން ގޮވައިގެން އުޅުމަށް އައިރާ ބުނެއެވެ. ނަމަވެސް އައިރާގެ އެފަދަ ވާހަކަތަކުން ނިޔާނު ނަގައިގަތީ މުޅިން ތަފާތުކޮށެވެ.

ގޭތެރެ ސާފުކޮށް ނިންމާލާފައި އައިރާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އޭނާ ނިޔާނާ ބައްދަލުކުރާން ދާ ގަޑި ކައިރިވަނީއެވެ. އެހެންވެ ހުރިހާ ކަމެއްގައި ވެސް އުޅުނީ އަތްމަތި އަވަސްކޮށްލާފައެވެ.

"މަލީހާ... ހާދަހާ ކޭލެކޭ..." ބަދިގެ ފަރާތުގައި ތިރިގޮނޑިއެއްގައި އިށީނދެ އިނދެ ބަނބުކެޔޮ ކޮށަމުން ދިޔަ މަލީހާއަށް އެގެއަށް ވަން ސާމިޔާ ބުންޏެވެ. އޭރު އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި ދާއޫދު އޮތެވެ.

"ހާދަހާ ވަސް ރަނގަޅޭ... ކޮންއެއްޗެއްތަ ތީ..." ސާމިޔާގެ އަތުގައި އޮތް ތަށި ފެނިފައި ޖޯލީގައި އިން ދާއޫދު ބުންޏެވެ.

"ކަރަމްގެ ފުރަތަމަ މުސާރަ ލިބުނު ފަހަރު ވީމާ އޮފީހުގެ ރައްޓެހި ކުދީންނަށް މިއަދު ގޭގައި ކުކުޅާ ބޮނޑިބަތާ ހެދީ... ލިޒީ ގާތުގައި އަންނާށޭ ބުނީމާ ވެސް ނައިވިއްޔާ... އެހެންވެ މަށަށް ވަގުތެއްވީމާ މިއައީ..." ސާމިޔާ ބުންޏެވެ.

"އެހެންތަ... އަހަރެންގެ ދެއަތުގައި މިއޮތީ ހުސް ކިރު... ސާމިޔާ ވަދެ ކާގޭގައި ބަހައްޓާލަންވީނު" ބަނބުކެޔޮ ތެލުލުމަށް ފޮތިފޮއްޗަށް ކޮށަން އިނދެ މަލީހާ ބުންޏެވެ.

ސާމިޔާ ކާގެއަށް ވަދެ މޭޒުމަތީގައި ތަށިތައް ބަހައްޓާފައި ނުކުމެ ގޯތިތެރޭގެ އެއްފަރާތެއްގައި ހުރި ޕްލާސްޓިކު ގޮނޑިއެއް ހިފައިގެން އައިސް މަލީހާއާއި ދާއޫދުމެން ފެންނަ ހިސާބުގައި އިށީނެވެ.

"މީހަކަށް ފޮނުވަންތަ ތިހާ ބައިވަރު ތި ތައްޔާރުކުރަނީ..." ސަމީޔާ ސުވާލުކުރީ މަލީހާއަށެވެ.

"އާން! މިގޭގައި އެ ތިބޭ ދެ ސޮރު މާލެދާން ކައިރިވާތީ ހިތަށް އެރީ ހަދިޔާއެއްތައްޔާރުކުރާން..." މަލީހާ ބުންޏެވެ.

"އެއީ ވަރަށް ރަނގަޅު ދެ ކުދީން... މިހާރު އެފަދަ ކުދީން މާލޭގައި އުޅޭބާއޭ ވެސް އަހަރެން ހިތަށް އެރި..." ދާއޫދު އިނދެފައި ބުންޏެވެ.

"އެހެންވީމަ އަދި ނޭނގޭތާދޯ" ސާމިޔާ ފާޑަކަށް ބުންޏެވެ.

"ކޮންކަމެއް ނޭނގެޔޭ ތިބުނީ" މަލީހާ ބުންޏެވެ. އޭނާއަށް ސަމިޔާގެ ގޮތް އެނގެއެވެ. ވިސްނާލުމެއްނެތި ދޭތެރެޖެހޭނޭ ފަދަ ވާހަކައެއް ވެސް އިނދެފައި ބުނެފާނެއެވެ. އަބަދުވެސް ހީވާނީ މައްސަލަގަނޑެއް ހިލުވާލަން ބޭނުންވެގެން އުޅޭހެންނެވެ. މިފަހަރު ވެސް އޭނާ އެ ބުނި އެއްޗަކުން މަލީހާގެ ސިކުނޑީގެ ތަންކޮޅަކުން ހުޝިޔާރުވެ އިނުމަށް ގޮވާލިއެވެ.

"މިގޭގައި އެ ތިބޭ ދެ ފިރިހެނުންނާއެކު ފަސްގަނޑުގައި ލިޒީއާއި އޭނާއާއެކު އެއުޅޭ ހިޝްމާމެންގޭ އަންހެންކުއްޖާ އުޅެނިކޮށް މަ ދުށިން... އެ ތަނުން އެއްފިރިހެނަކާއެކު އެ ހިޝްމާމެންގޭ އަންހެންކުއްޖާގަނޑު އިން ގޮތް ވެސް ބުނަން ލަދުގަނޭ... ވިޔާނުދާކަމުން ހިޝްމާމެންނަށް ވެސް އުނދަގޫވެފައި އެ ހުންނަނީ... އަހަރެން ހަމަ ހައިރާންވޭ ދާއޫދުމެން އެވަރުގެ އަންހެންކުއްޖަކާއެކުގައި ލިޒީ އުޅެން އެއްބަސްވާތީ ވެސް... ލިޒީގެ އުޅުމަށް ދެންވާނޭގޮތް ވިސްނާލަބަލަ..." ސާމިޔާގެ ވާހަކަ އިވިފައި ދާއޫދުގެ މޫނުމަތީގައިވި ހަމަޖެހުން ގެއްލިގެން ދިޔައެވެ.

"އަހަންނަށް ވެގެންވަންޏާ އެ އަންހެންކުއްޖާ މިގެއަށް ވެސް ނުވައްދާނަން..." ދާއޫދު މިހެންބުނުމާއެކު މަލީހާ ބަލާލިއެވެ.

"ކޮންމެ މީހަކު ބުންޏަސް އަހަރެން ޤަބޫލެއްނުކުރާނަން... އައިރާއަކީ ވިޔާނުދާކުއްޖެއްނޫން... މިހާރު އެކުދީން އެ ތިބީ ބޮޑެތިވެ ޒުވާން ވެފައި... ފިރިހެންކުދީންނާ ވާހަކަނުދައްކައެއް ނުތިބޭނެ... މާލެއިން އައިސް ތިބި ދެކުދީންނަކީ ވެސް އަޚުލާގު ރަނގަޅު ދެ ކުދީން... އެކުއްޖަކު ރުހޭ މީހަކާ ގުޅުމުގެ އިޚުތިޔާރު އޮންނަންވާނެ... ކައިވެންޏަކާ ހަމައަށް ދެވޭނީ ވެސް އޭރުން" މަލީހާ ބުންޏެވެ.

"އަހަރެން ވެސް ލޮލުގައި އަޅައިގަނެގެން މިއުޅެނީ އެތަނުން އެއްކުއްޖަކާ ލިޒީއާ ދެވަންކަމަށް... އެހާ ރަނގަޅު އަޚުލާގެއް ލިބިފައިވާ މާލޭ ކުއްޖަކު މިހާރު ހޯދާނީ ކިހިނެއް... މި ރަށު މީހަކާ ލިޒީ ގުޅުމަށްވުރެ މާލޭ މީހަކާ ގުޅުނިއްޔާ އެކުއްޖާގެ ދިރިއުޅުން ވެސް ރަނގަޅުވެފައި ތަނަވަސްވާނެ... އަހަރެން ބޭނުމެއްނޫން ތި އައިރާއަކާ މެދު ވިސްނާކަށް..." ދާއޫދު ބުންޏެވެ.

"އޯ! އެހެންވީރު މާލޭ މީހަކާ ދެވަން ބޭނުންވެގެން ދޯ އެ މީހުން ކޮންމެ ސަކަރާތެއް ޖަހަން ދޫކޮށްލައިގެން ތި ތިބެނީ..." ސާމިޔާ ރާގެއްލާފައި ކުޑަކޮށް ދަމާލަމުން ބުނެލިއެވެ.

"އަހަރެންގެ ލިޒީއަށް އަހަރެން އިތުބާރުކުރާން... ދަރީންނަށް އިތުބާރު ވެސް ކުރާންވާނެ... ސާމިޔާ ދައްކަން އުޅުނު ވާހަކަ އަހަރުމެންނަށް އެނގިފަ އޮތީ... ދާއޫދު އެ ބުނީނު މާލޭން އައިސް ތިބި ކުދީންގެ ތެރެއިން ލިޒީ ގުޅެން ބޭނުންވެއްޖެނަމަ އެކަމާ ރުހޭނެ ވާހަކަ... މަށަށް ރަނގަޅީ ދެން އަލުން ފަށަފަށައިގެން ތި ވާހަކަ ނުދެއްކިއްޔާ..." މަލީހާ ކުޑަކޮށް ނުރުހިއްޖެހެން ހީވުމުން ސާމިޔާ ހުއްޓާލިއެވެ. އަދި އޭނާ ކަމެއްގެ މަތީން ހަނދާންނެތިފައި އިން ވާހަކަ ބުނެ އެގެއިން ނުކުންނަން ބަހަނާއެއް ދެއްކިއެވެ. ސާމިޔާ ނުކުމެގެންދަންދެން އިނދެފައި މަލީހާ ވާހަކަދެއްކިއެވެ.

"މާލޭ މީހަކާ އިންނާކަށް ލިޒީއަށް މަޖުބޫރުކުރާކަށް އަހަރެން ބޭނުމެއްނޫން... ލިޒީ އިންނާނެ ކުއްޖެއް އެނގޭނީ ހަމަ އޭނާއަށް... ދާއޫދުގެ ތި ވިސްނުން އަދި ރަނގަޅެއްނޫން..." މަލީހާ މިހެންބުނެ ކޮށާފައި ފެނަށް އަޅާފައި ހުރި ބަނބުކެޔޮ ތެލި ހިފައިގެން ބަދިގެއަށް ވަންނަން ދިޔައެވެ.

އެއްރެއެއްގެ އިރާކޮޅެވެ. އިޝާ ނަމާދުން ފައިބައިގެން ދާއޫދާއެކު ނިޔާނު ގެއަށް އައި މަގުމަތީގައި ޒުވާން ކުއްޖަކު އައިސް ދާއޫދަށް ގޮވާލައިފިއެވެ. އޭނާއާ އަރާ ހަމަކުރުމާއެކު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އޮތްކަމުގައި ބުނެ ވަގުތުކޮޅެއް ދިނުމަށް އެދެއެވެ. އެ ޒުވާނާއަށް ބަލާލާފައި ނިޔާނު ބަލާލީ ދާއޫދައެވެ.

"ދާއޫދުބެ މަޑުކޮށްލިޔަސް އަހަރެން ހިނގައިދާނަން... މިހާރު ނުގެއްލި ދާން އެނގޭނެ ޔަޤީނުންވެސް" ކުޑަކޮށް ހިނިތުންވެލާފައި ނިޔާނު ބުންޏެވެ. ދާއޫދު ބޯ ޖަހާލުމުން ނިޔާނު ކުރިއަށް ހިނގައިގަތެވެ.

ވަކި ހިސާބަކުން މަގުގައި މީހުން މަދުވަމުން ގޮސް މުޅި މަގު ހިމޭންވެއްޖެއެވެ. ގެއާ ކައިރިވެފައި ހުއްޓާ ގެއެއްގެ ތިރިފާރުބުރި މަތިން ޖެހިގެން އޮތް މަގުން ސައިކަލެއް އަލި ފަދަ އައްޔެއް ނިޔާނަށް ފެނުނެވެ. ވެރިވެފައި އޮތް އަނދިރިގަނޑު ތެރޭގައި އެ ސައިކަލުގެ ދޮށުގައި ބަޔަކު ތިބިހެން ވެސް ނިޔާނަށް ހީވިއެވެ. ނަމަވެސް މާބޮޑު ފަރުވާލެއްނެތި ނިޔާނު އާދައިގެ ހިނގުމެއްގައި ހިނގަމުން އައެވެ. އެއްފަރާތުގައި އޮތް މަގަށް ބަލާލާފައި ހުރި ގޮތަށް އަންނަން އުޅުނު ނިޔާނު ސިހުނީ ސައިކަލެއް ރޭސްކޮށްލި އަޑަށެވެ. ކައިރިން ފެނުނު ސައިކަލު އޭރު ވެސް އަނދިރިގަނޑު ތެރޭގައި ހުރިކަން އެނގެއެވެ. ނަމަވެސް ރޭސްހިފާލީ ދުރުން ފެނުނު ސައިކަލެކެވެ. ބާރު ސްޕީޑުގައި ހީވީ އުދުހިފައި އަންނަ ހެނެވެ.

(ނުނިމޭ)