އޮފްބީޓް

އޮބާމާގެ ކައިޓް ސާފިން ދަތުރު، އެތައް މިލިޔަން ޑޮލަރެއްގެ އިޝްތިހާރު

Feb 9, 2017
2

އިނގިރޭސިވިލާތުގެ މަޝްހޫރު ވިޔަފާރިވެރިޔާ ރިޗަޑް ބްރޭންސަން، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަރިހުގައި ކުރި ކައިޓް ސާފިން ދަތުރަކީ އެކުވެރި ކަމުގެ މިސާލަކަށް ވެދާނެ އެވެ. ނަމަވެސް އެދަތުރަކީ ބްރޭންސަންގެ ވާޖިން ގްރޫޕަށް އެތައް މިލިޔަން ޑޮލަރެއްގެ ފައިދާ ކުރަނިވި އިޝްތިހާރަކަށް ވާނެ ކަމަށް އިޝްތިހާރު ކުރުމުގެ ދާއިރާގެ މާހިރުންދެކެ އެވެ.

ކެރީބިއަންގައިވާ އިނގިރޭސިވިލާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބްރިޓިޝް ވާޖިން އައިލެންޑްސްގައިވާ ބްރޭންސަންގެ ޕްރައިވެޓް ނެކާ އައިލެންޑަށް ކުރި އެ ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ބްރޭންސަން އާއްމުކުރީ އަންގާރަ ދުވަހުއެވެ. އޭނާ އެފޮޓޯތައް އާއްމު ކުރީ ވާޖިންގެ ކޯޕަރޭޓް ވެބްސައިޓްގައެވެ.

އާ ސަރުކާރާއި އެކު އެމެރިކާ މީހުންނަށް " ކަންތައް ބޮޑުވެފައިވާ" ދުވަސްވަރެއްގައި ބްރޭންސަން ފަދަ ބިލިޔަނަރަކާއި އެކު އޮބާމާ ޗުއްޓީ ހޭދަކުރައްވާ މަންޒަރު ތައް އާއްމުވުމުން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އޮބާމާއަށް އެފަދަ ޗުއްޓީ ދަތުރެއް ހައްގު ކަމަށެވެ.

ބްރޭންސަން ވަނީ އަންގާރަ ދުވަހު އެކަނިވެސް އެފޮޓޯތަކާއި ވީޑިއޯތަކުގެ ލިންގް ޓްވިޓާގައި ފަސް ފަހަރު ފަހަރު ޝެއާ ކޮށްފައެވެ. އެޕޯސްޓްތައް 6000 މީހުން ރިޓްވީޓް ކުރިއެވެ. ދަތުރުގައި އޮބާމާއާއި ބްރޭންސަން ސަކަރާތެއްގެ ގޮތުން ތަޅާފޮޅާ މަންޒަރު ފެންނަ ފޮޓޯއެއް ފޭސްބުކްގައި އާއްމު ކުރުމުން 2000 އަށް ވުރެ ގިނަ މީހުން އެ ފޮޓޯ ޝެއާ ކުރި އެވެ. އަދި ވާޖިންގެ ކޯޕަރޭޓް ވެބްސައިޓްގައިވާ އޮރިޖިނަލް ލިންކް 370000 ފަހަރު ބަލާފައި ވެއެވެ.

"ޕަބްލިސިޓީ ހޯދުމުގައި ބްރޭންސަން އަމަލުކުރަނީ ވަރަށް މޮޅު، ސްޓްރެޓެޖިކް ގޮތަކަށް" ލަންޑަންގައި އުޅޭ ޕީއާރް ކޮންސަލްޓެންޓެއް ކަމަށްވާ މާކް ބޯކައުސްކީ ދަ ގާޑިއަން ނޫހަށް ބުނެފައި ވެއެވެ. ބޯކައުސްކީ ދެކޭ ގޮތުގައި އޮބާމާއި އެކު އެފޮޓޯތަކާއި ވީޑިއޯތައް ނަގައި އާއްމުކޮށްގެން ބްރޭންސަން ހޯދާފައި އެވަނީ އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން ވެސް ނުހޯދޭ ފަދަ މަޝްހޫރު ކަމެކެވެ. – ދަ ގާޑިއަން