ރާއްޖެއާ ތައިލެންޑާ ދެމެދުގެ ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް އާ އެއްބަސްވުންތަކެއް އެކުލަވާލުމަށާއި، ސީޕްލޭން ގެ ވިޔަފާރި ތަރައްގީކުރުމަށް ރާއްޖޭގެ އެހީތެރިކަމަށް ތައިލެންޑުން އެދެފި އެވެ.
ތައިލެންޑުން މިގޮތަށް އެދިފައިވަނީ ތައިލެންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު އަރުހަމް ތާމިޕަތުޔަޕައިސިތު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ތައިލެންޑާއެކު ރާއްޖޭން ގާއިމްކޮށްފައިވާ ރަހުމަތްތެރިކަމުގެ ގުޅުން ހަރުދަނާކޮށް، ދެގައުމުގެ ތަރައްގީއަށް ދެގައުމުން ވެދެވެންހުރި އެހީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ތައިލެންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު އާކޮމް ވަނީ ދެގައުމުގެ ދެމެދުގެ ވައިގެ ދަތުރުފަތުރު ފުޅާ ކުރުމަށް އިތުރު އެއްބަސްވުންތަކެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އެކަމުގެ ރަސްމީ މަޝްވަރާތައް މި މަހުގެ ފަހުކޮޅު ބޭވުމަށްވެސް ނިންމަވާފަ އެވެ.
އެ ބައްދަލުވުމުގައި އަރުހަމް ވަނީ ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ސީޕްލޭންގެ ވިޔަފާރިއަކީ ތައިލޭންޑުން ދިރާސާކުރަމުންދާ ދާއިރާއަކަށް ވެފައި، އެގައުމުގެ ސީޕްލޭން ވިޔަފާރި ތަރައްގީކުރުމަށް ރާއްޖޭގެ ތަޖުރިބާ މުހިއްމު ކަމަށެވެ.
ތައިލެންޑް ސަރުކާރުގެ އެ ދައުވަތަށް މިނިސްޓަރު ޒަމީރު ވަނީ މަރުހަބާ ވިދާޅުވެ، ސީޕްލޭންގެ ވިޔަފާރި ފުޅާކުރުމަށް ރާއްޖެއިން ތައިލޭންޑަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން މީހުން ތަމްރީނު ކުރަން ތައިލެންޑުން މިހާރު ދޭ ފުރުސަތުތަކުގެ އަދަދު އިތުރު ކޮށްދީ، ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މައި އެއާޕޯޓުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ދާއިމީ ސްލޮޓެއް ހަމަޖައްސައި ދިނުމަށް މިނިސްޓަރު ޒަމީރު އެދިވަޑައިގެންނެވި އެވެ.
އެކަމާ ގުޅިގެން އަރުހަމް ވަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއަރުވަން ދެ ގައުމުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެެއް އެކުލަވާލަން ހުށަހެޅުއްވާފަ އެވެވ
ސީޕްލޭންގެ ވިޔަފާރީގައި ރާއްޖޭގެ އެހީއަށް ތައިލެންޑުން އެދިފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރަނީ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. އޭގެ އިތުރުން، ގައުމީ އެއާލައިނުން ވެސް ވަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ފަށައިފަ އެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނައިރު، މޯލްޑިވިއަން އިން 10 ސީޕްލޭން ގެންގުޅެ އެވެ.