ރިޕޯޓް

ނައިފަރު "ފިރުކޭ ކޮއެ"ގެ އާދަޔާ ހިލާފު ދިރިއުޅުމުގެ ވާހަކަ

  • ހިނގާ ބިގާވެ ނޫޅެވުނަސް ދިރިއުޅުމުގައި ހިތްވަރުކުރި
  • ދަރިފުޅު ބޮޑުކުރީ އެކަނިމާ އެކަނި ދަތި ހާލުން
  • ދަރިންނާއި އެކު މިހާރު އުފާވެރި ދިރިއުޅުމެއް

"އެހެން ކުދިން މަންމަ އާއި ބައްޕަގެ އަތުގައި ހިފައިގެން ހިނގިއިރު އަޅުގަނޑު ހިނގީ މަންމަގެ ބުރަކަށީގައި ހިފައިގެން. ހަނދާން ހުންނަން ފެށިއިރުވެސް މަންމަ އަކަށް ކޮޅަށް ހުރެ ނުހިނގޭ. މަންމަ ހިނގަނީ ފިރުކޭ ގޮތަށް ހަތަރެސްފައި ޖަހައިގެން." މިއީ ޅ. ނައިފަރު ހިރުނދުމާގެ އާމިނަތު ހަސީނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ މަންމަ އާ އެކު ތަންތަނަށް ގޮސް އުޅުނު ގޮތެވެ.

ދައްކަން މިއުޅެނީ ދާދި ފަހުން ފޭސްބުކްގައި ވައިރަލް ވެގެން އުޅުނު ވީޑިއޯ އަކުން ފެންނަ ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއްގެ ވާހަކަ އެވެ. އެތައް ހާސް ބަޔަކު ބަލާ އަދި ޝެއާ ކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ހާއްސަ އެހީއަށް ބޭނުންވާ، އުމުުރުން ދުވަސްވީ އަންހެނަކު ހަތަރު މޮއްގަނޑު ޖަހައިގެން މަގު ހުރަސްކުރާ މަންޒަރެވެ. ކެޕްޝަން އަކަށް ޖަހާފައި އިނީ މި ދައްތަގެ ދަރިއަކުވެސް ހަމަ ނެތީ ހެއްޔޭ އެވެ؟ ގިނަ ބަޔަކު ހަމްދަރުދީ ފާޅުކޮށްފައިވެސް ވާހަކަ ދައްކާފައި ހުއްޓެވެ.

އެ ސުވާލުގެ ޖަވާބު މިއޮތީ އެވެ. ނައިފަރު ހިރުނދުމާގޭ ފާތިމަތު އިސްމާއިލް، ނުވަތަ ރަށު މީހުންގެ އާންމު ނަމުން ނަމަ ފިރުކޭ ކޮއެގެ ދަރިއެއް އެބަހުއްޓެވެ. އުމުރުން 65 އަހަރުން މަތިވެފައިވާ އެ ދައްތަ ދިރިއުޅެނީ އޭނާގެ ހުރި އެންމެ ދަރިފުޅު ހަސީނާ އާއި ހަސީނާގެ ފިރިމީހާ އަދި ތިން މާމަ ދަރިންނާ އެކުގަ އެވެ.

އޭނާގެ ދަރިފުޅު، ހަސީނާ ބުނާގޮތުގައި ހަނދާން ހުންނަން ފެށީއްސުރެވެސް އޭނާގެ މަންމައަކަށް ހިނގައެއް ނޫޅެވެ އެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން ބައްޕަގެ އެހީތެރިކަމާއިނުލާ ހަސީނާ ބަލާބޮޑުކުރީ އޭނާގެ މަންމަ ބުރަ، މިންނެތް މަސައްކަތުންނެވެ. އެ ދައްތަގެ ފެންވަރުން ގްރޭޑް ފަހަކާ ހަމަޔަށް ހަސީނާއަށް ކިޔަވައިވެސް ދިނެވެ. ހަސީނާ ބުނާ ގޮތުގައި މަންމަ ނުކުޅެދޭ މީހަަށް ވިޔަސްވީ ވަރަކުން އޭނާގެ މަންމަ އޭނާއަށް ބޭނުންވާ ކަންކަން ވަނީ ހަމަޖައްސައިދީފަ އެވެ. ކައިގެން ބޮއެގެން އުޅުނީ އަވައްޓެރިންނާ ރަށު މީހުންގެ ދީލަތި އެހީތެރިކަމާ އެކީގަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔާތް ލިބެންފެށީވެސް ނިކަން ފަހުންނެވެ.

"ކައި ބޮއެ އުޅުނީ އަވައްޓެރިންނާ ރަށު މީހުންގެ އެހީތެރިކަމާއެކު. މީހުން ވަރަށް ރަނގަޅު. އެގޮތަށް ލިބުނު ފައިސާއިން މަންމަ އަޅުގަނޑަށް ކިޔަވައިދިން ގްރޭޑް ފަހަކާ ހަމައަށް. ދެން އޭގެ ފަހުން އަޅުގަނޑު މަސައްކަތް ކޮށްގެން ކައިގެން ބޮއެގެން އުޅުނީ. ދެން މީހަކާ އިން ފަހުންވެސް ހަމަ އަޅުގަނޑު މަންމަ ބަލަނީ." ފޯނުން ވާހަކަ ދައްކަމުން ހަސީނާ ކިޔައިދިނެވެ.

ފާތިމަތު އިސްމާއީލްގެ އާއިލާގައި އިތުރަށް ހުރީ އެއްބަނޑު އަންހެނެކެވެ. އޭނާވެސް 16 ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އޭރުވެސް މިހާރުވެސް ބަލި ނޫނިއްޔާ ފާތިމަތު ހުރިހާ ކަމެއްވެސް ކުރަނީ އެކަންޏެވެ. ކާންހަދާލަދީ އެނދުގައި ތަންމަތި އަޅައިދީ ހެދީމަ އެ ނިމުނީ އެވެ. ފެންވަރައި، ތަންތާ އިށީނދެ، ތެދުވެ އަދި އޮށޯވެވެސް ހަދަނީ އެކަންޏެވެ. ކަނީވެސް އަމިއްލަ އަށެވެ. ނިކަމެތި ހާލުގައި އުޅުނު ނަމަވެސް އަދިވެސް ވަރަށް ފިޓެވެ. އުމުރުން ދުވަސް ވުމުން ޖެހޭ ބަލިތައް ފިޔަވާ އިތުރު ބައްޔެއްވެސް ފާހަގައެއް ނުވެ އެވެ. މިހާރު ބޭރުތެރެއަށް ގޮސް ނޫޅުނަސް ކުރިން އުތުރު އަވަށުގައި އުޅޭ ރައްޓެހިން ކައިރިއަށްވެސް ވާހަކަ ދައްކާލާ ހަދާލަން ދެ އެވެ.

"މިހާރު ނުދޭ ބޭރަކަށް. އެކަމަކު މަގުމަތީ ހުންނަ ޖޯލި ފައްޗަށް ނުކުންނާނެ ބައެއް ފަހަރު. ދެން ދާނެ ބަދިގެ އަށާ ކުނި އެތި ކައިރިއަށް ދުފާފަ ފޯއްތައް އުކާލަން. އަޅުގަނޑުމެން މިއުޅެނީ ދެކުނު އަވަށުގައި. އިރުމަތި އަވަށުގައި އުޅޭ ރައްޓެހިން ކައިރިއަށްވެސް ދާނެ. އަޅުގަނޑު ކުޑައިރު ދާނީ ގޮވައިގެން. އެކަނި ޖޯލީގައި އިށީނދެ ތެދުވެ ހަދާނެ. ބަލި ނޫނިއްޔާ ހަމައެކަނި ކުރާނީ. ބަލިއްޔާ އަޅުގަނޑަށް ކޮށްދޭން ޖެހޭނީ." ހަސީނާ ކިޔައިދިނެވެ.

ފާތިމަތަށް ހިނގޭތޯ އޭނާގެ ޅައިރު ފަރުވާ ކުރެވުނު ކަމަށްވެ އެވެ. ތަދު ޒަމާނުގައި އެބައްޔަށް ކުރެވޭނެ ފަރުވާއެއް ނެތެވެ. ނިކަމެތި ދިރިއުޅުމެއް އުޅެން ޖެހުމުން އަދި މާބޮޑު ހޭލުންތެރިކަމެއް ނެތުމުން މާބޮޑު ފަރުވާއެއް ކުރާކަށް އޭރަކު ވިސްނުމެއް ނެތެވެ. އެކަމަކު އޭރުވެސް ފުރޮޅުލީ ގޮނޑިއެއްގެ އެހީ ފާތުމަތު ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ ހަރަކާތްތެރިވެ އުޅޭށެވެ. އެގޮތް މާބޮޑަށް ފަސޭހަވެސް ވީ އެވެ.

"ކުރިންވެސް މަންމަ ބޭނުންނުވީ ގޮނޑީގައި އުޅެން. ފަހުންވެސް ލިބުނު ގޮނޑިއެއް. އެކަމަކު އޭތި ވަރަށް ބޮޑު. މަންމަވެސް އޭތި އެހާ ބޭނުންނުވީމަ އޭތި ދިނީ މީހަކަށް. މަންމަ ބޭނުންވަނީ އެގޮތަށް ހިނގަން. މަންމައަށް ފަސޭހައީ" ހަސީނާ ބުންޏެވެ.

އެ ދައްތަގެ މުޅި ހަޔާތް ހޭދަކުރީ އެގޮތުގަ އެވެ. މިހާރު އުޅެމުންދަނީ ނިކަން އުފާވެރި ދިރިއުޅުމެކެވެ. ދަރިފުޅާއި މާމަ ދަރިންނާއެކު ފާތިމަތު ހުރީ އުފަލުންނެވެ. މަންމަ ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލާ ހުރިހާ ހިދުމަތެއް ހަސީނާ އަދި އޭނާގެ ދަރިންވެސް އުފުލަނީ އުފުލާ ހިތުންނެވެ. ކޮށްދޭ ހިތުންނެވެ. ރަށު މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އަޅާލުން ހިތުގެ އެންމެ ފުންމިނުން ގަބޫލުކޮށް ޝުކުރު އަދާކުރެ އެވެ. އެކަމަކު ހަގީގަތް ނުބަލާ އޭނާގެ މަންމަގެ އެފަދަ ވީޑިއޯއެއް ޕޯސްޓު ކުރުމުން ހަސީނާގެ ހިތަށްވަނީ ވަރަށް އަސަރުކޮށްފަ އެވެ.

"ވަރަށް ދެރަވި އެގޮތަށް ހަގީގަތް ނުބަލާ ލިޔެފަ ހުރީމަ. އަޅުގަނޑުމެން ކައިރީ ނުވަތަ އަވައްޓެރިއެއް ކައިރީ އަހާލިނަމަވެސް އެންމެ ރަނގަޅުވާނެ. ރަށު މީހުންގެ ފަރާތުން ދުވަހަކުވެސް އެކަހަލަ ކަމެއް ނުވޭ. މަންމަ ރަށު ތެރެއަށް ނުކުމެ އުޅުނު އިރުވެސް މީހުން ހަމަ ވަރަށް އިހުތިރާމް ކުރާނެ. ގޯނާއެއް ނުކުރާނެ. ކުޑަކުދިންވެސް. ވަރަށް އުފާވޭ ރަށު މީހުން ފަރާތުން އެފަދަ އެހީތެރިކަމެއް ލިބޭތީ" ހަސީނާ ކިޔައިދިނެވެ.