ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
ނަޝީދު މިއަދު ވަނީ ސިރިސޭނައާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނެންގެވި ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމާބެހޭ އެއްވެސް ތަފްސީލެއް ނަޝީދު ދެއްވާފައެއް ނުވެ އެވެ.
ރާއްޖޭގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށްފަހު މިދިޔަ މަހުގެ 29 ވަނަ ދުވަހު ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށެވެ. ލަންކާގައި ނަޝީދު ވަނީ އެމްޑީޕީގެ ލީޑަޝިޕާއި ލަންކާގައި ތިބޭ އެ ޕާޓީގެ މެންބަރުންނާއި އިދިކޮޅު އިއްތިހާދު އެމްޔޫއޯއަށް ނިސްބަތްވާ ބައެއް ފަރާތްތަކާވެސް ބައްދަލުކުރައްވާފަ އެވެ. އަދި އެ ގައުމުގައި ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވެވި އެވެ.
ނަޝީދު ލަންކާއަށް ވަޑައިގެން މި އުޅުއްވަނީ އެ ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ޕާޓީ އިން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.