(9 ފެބްރުއަރީ 2017 އާ ގުޅޭ)
އެއްފަރާތުގައި އޮތް މަގަށް ބަލާލާފައި ހުރި ގޮތަށް އަންނަން އުޅުނު ނިޔާނު ސިހުނީ ސައިކަލެއް ރޭސްކޮށްލި އަޑަށެވެ. ކައިރިން ފެނުނު ސައިކަލު އޭރު ވެސް އަނދިރިގަނޑު ތެރޭގައި ހުރިކަން އެނގެއެވެ. ނަމަވެސް ރޭސްހިފާލީ ދުރުން ފެނުނު ސައިކަލެކެވެ. ބާރު ސްޕީޑުގައި ހީވީ އުދުހިފައި އަންނަ ހެނެވެ.
ވީނުވީއެއް ނިޔާނަކަށް ނޭނގުނެވެ. ފިރިހެނުންތަކެއް ހަޅޭލަވައިގަތް އަޑު ވެސް އިވުނެވެ. މިވަނީ ކިހިނެއްކަން ދެނެގަންނާނޭ ވަގުތެއް ނިޔާނަކަށް ނުލިބުނެވެ. އޭނާގެ ހަރަކާތް އަވަސްވެފައި ދުވެފައި މަގުގެ އެއްފަރާތަށް ޖެހިލެވުނީ ކަހާލައިގެން އައި ސައިކަލުން ނެއްޓޭށެވެ. އޭތި ގޮސް ކަންމަތިން ނައްޓާ ހަތަރު އަނގަޅި މެދަށްވާހެން ހުއްޓުނު އިރު ސައިކަލު ދުއްވަން އިން ޒުވާނާ އޮތީ އޭގެ ދަށުވެފައެވެ. ނިޔާނަށް ދުވެފައި އެ ދިމާއަށް ދެވުނެވެ. އިވުނު ބާރު ހަޅޭކުގެ އަޑުން އެ ހިސާބުގަނޑު ގޭތަކުގެ މީހުން ނުކުމެއްޖެއެވެ. ނިޔާނު އައިސް ވެއްޓިފައި އޮތް ސައިކަލު ހިއްލާލާ އޭތި އެއްފަރާތްކުރިއެވެ. އޭރު އޭގެ ދަށުވެފައި އޮތް ޒުވާނާގެ ގައިގެ އެތަން މިތަން މަށައިގެން ދިއުމުގެ އިތުރުން ނިތްކުރިމަތިން ބޮޑުބައެއް ފަޅައިގެން ގޮސް ލޭ އަންނަމުންދިޔައެވެ. ވައަތު ކަށިމަތި ބިނދި ކަށިގަނޑުން ބައެއް ބޭރަށް ނުކުމެފައި ހުރިތަން ފެނި ނިޔާނުގެ ހެޔަށް ވެސް ގޮތްވާގޮތްވިއެވެ. މިފަދަ ކަމެއް އޭނާގެ ހަޔާތުގައި މިހާ ގާތުން ދުށް މީ ފުރަތަމަ ފަހަރެވެ. މުޅިން ވެސް އެހެންޏާ އަޑުއިވެނީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ވާހަކައެވެ. ހަމަލޮލުން އެފަދަ ކަމެއް ނުދެކެއެވެ. ކަންތައްކުރަންވީ ގޮތެއް ނޭނގިފައި ނިޔާނަށް ވަށައިގެން ހޯދާލެވުނެވެ. އޭރު އޭނާއާ ދިމާއަށް ބަޔަކު އަންނަތަން ފެނުނެވެ.
"މީނަ ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަންފެނޭ..." ހަރުފުރައިގެ މީހަކު އައިސް ނިޔާނުގެ ގާތުގައި ހުއްޓިލުމުން އޭނާ ބުންޏެވެ.
"ސުބްޙާނަﷲ..." ނިޔާނުގެ ގާތުގައި ހުރި ކާކުކަން ނޭނގޭ މީހާއަށް އަނިޔާ ލިބިފައި އޮތް ޒުވާނާ ފެނުމުން ބުނެލިއެވެ. އަދި ނިކަން އަވަހަށް ގޮސް ބަޔަކު މީހުން ގޮވައިގެން އައިސް ބެޑުޝީޓަކަށްލައި އުފުލާލާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސިއެވެ. އޭގެ އެއްކޮޅުގައި ހިފައިގެން އެމީހުނާއެކު ނިޔާނު ވެސް ހޮސްޕިޓަލަށް ދިޔައެވެ.
ދާއޫދު ގެއަށް އައިސް ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނު އިރު ވެސް ނިޔާނު ގެއަށް ނާންނާތީ ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާލުމަށް އެނާއަށް ގުޅިއެވެ. ނިޔާނުގެ ފަރާތުން އިވުނު ވާހަކަތަކާއެކު ދާއޫދު ވެސް ޖުވައިން ގޮވައިގެން އަވަސްވެގަތީ ހޮސްޕިޓަލާ ދިމާއަށް ދިއުމަށެވެ. ނިޔާނާ އެ މީހުން ބައްދަލުވީ ހޮސްޕިޓަލުންނެވެ.
ކާންތައްޔާރުކޮށްފައި އައިރާ ބަދިގެއިން ނުކުމެގެން ގޭތެރެއަށް އައިސް ވަންއިރު މުޅި ގޭތެރެއަށް އޮތީ ފުން ހިމޭންކަމެއް ވެރިވެފައެވެ. އާންމުކޮށް ޚަބަރުގަޑިއަށް ރާއްޖޭ ޗެނަލްތައް ބަލަން ސޯފާގައި ތާއިބު އިންނާނެއެވެ. އައިރާ އައިސް ޝަމްރާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.
"ކިހިނެއްވީ؟" ދޮރުހުޅުވާލި ޝަމްރާ ހިތްހަމަނުޖެހިފައި ހުރިހެން ބުނެލިއެވެ.
"ކާން ހަދާފައި ހުންނާނެ... ބޭބެއާއި ދައްތަ ގޭގައި ނެތީތަ؟" އައިރާއަށް ލިބިފައި ހުރި ހައިރާންކަމުގައި އަހާލިއެވެ. ތާއިބުއާއި ހިޝްމާއަކީ ދެމަފިރިން އެކުގައި ތަންތަނަށް ދާ ބައެއް ނޫނެވެ. އެކުގައި ދާނަމަ އެމީހުންނާއެކު ދަރީން ގެންދާނެއެވެ. އެގޮތަށް ގިނަ ފަހަރަށް ދާނީ ވެސް ކޮންމެ ވެސް ތިމާގެ މީހެއްގެ ގެއަށް ވަދެލާށެވެ. ނޫނީ ކޮންމެވެސް ހަފްލާއަކަށެވެ. މިހިރަ ކަންތައްތަކަކީ އެގޭތެރޭގައި އުޅެ ބޮޑުވި އައިރާއަށް ޔަޤީންވެފައި ހުރި ކަންތައްތަކެވެ.
"މަންމަމެންވީ ހޮސްޕިޓަލަށް ގޮސް... އަހަރެން ކާނީ އިރުކޮޅަކުން" ޝަމްރާ ބުންނަން ބޭނުންވި އެއްޗެއް ބުނެފައި ކޮޓަރީގެ ދޮރު ޖަހައިފިއެވެ.
އައިރާ ވިސްނުމެއްގައި ހުރެ އައިސް ބަދިގެއަށް ވަނެވެ. ހިޝްމާގެ ތިމާ ކުއްޖަކު ހޮސްޕިޓަލުގައި އޮތީކަމުގައި އައިރާގެ ހިތަށް އެރިއެވެ. ފޯނާކުޅެން ކާމޭޒުދޮށުގައި އައިރާ އިންނަތާ އިރުގަނޑެއް ފަހުން ޝަމްރާ އައިސް ބަދިގެއަށް ވަނެވެ.
"ޝަމްރާގެ ދޮންބެ ގާތުގައި ކާން އަންނަން ނުބުނަންތަ؟" ޝަމްރާއެކަނި ފެނުމުން އައިރާ ސުވާލުކޮށްލިއެވެ.
"އަހަރެން އެކަންޏޭ ގޭގަ ހުރީ" ޝަމްރާ ބުންޏެވެ.
"ޝަމްއާނު ވެސް ބޭރަށް ދިޔައީތަ؟" ޤަބޫލުނުކުރެވިގެން އައިރާއަށް އަހާލެވުނެވެ.
"އަހަރެން އަޑު އެހީމޭ ކަލޭ ދޮންބޭއޭ ކިޔައިގެން މަންމަމެންގެ ކައިރީ ދެއްކި ވާހަކަ... ކަލޭ ވަރަށް ވޭދޯ ދޮންބެ ސެޓުކުރާހިތް... އެހެންނޫނީ ކީއްކުރަން ކޮންމެހެން ދޮންބެ ވާތަނެއް ކަލޭ ހޯދަންވީ... ކަލެއަށް ދުވަހަކު ވެސް އަހަރެންގެ ދޮންބެކަހަލަ މީހަކު ނުލިބޭނެ..." ޝަމްރާ މޭޒުދޮށުގައި އިށީނދެ ތައްޓަށް ކާއެއްޗެހި އަޅަމުން ދިޔައިރު އޭނާ އައިރާއާ ދިމާއަށް އެއްޗެހި ކިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އައިރާއަށް އިވުނު ކަމަކަށް ނުހަދައެވެ. ރައްދުދޭން އައިރާ ބޭނުންނުވީއެވެ. އެއްވެސް މީހަކު އެމީހެއްގެ ގާތް މީހުންނާ ބެހޭގޮތުން ވިޔާނުދާ ވާހަކަތަކެއް އަޑު އަހާކަށް ބޭނުމެއްނުވާނެއެވެ. އެއީ ތެދުކަމުގައި ވިޔަސްއެވެ.
ދިހައެއް ޖަހަން ކައިރިވިއިރު ވެސް ގޭތެރެއިން ފެންނަނީ ޝަމްރާއެކަނި އުޅޭތަނެވެ. އޭނާއަކީ ޓީވީ ބަލާ ކުއްޖެއްނޫނެވެ. އޭނާގެ ހުރިހާ ވެސް އެއްޗަކީ އޭނާއަށް ހިޝްމާ ގަނެދީފައި އޮންނަ ލެޕްޓޮޕެވެ. ހުރިހާ އިރަކު އިންޓަނެޓަށް ވަދެވެއެވެ. ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރެއެވެ. ސްކޫލު އިމްތިހާނު ތަކުން ކިރިޔާ ކުލާސް ބަދަލުވާވަރުގެ ނަތީޖާއެއް ނޫނީ ނުލިބެއެވެ. އެހެންނަމަވެސް ހިޝްމާއަށް އެކަން ބޮޑުކަމަކަށް ނުވެއެވެ.
ސިޓިންރޫމުގައި ހުރި ސޯފާގައި އިން އައިރާ ފާރުގައި ހުރި ގަޑިއަށް ބަލާލާފައި ބަދިގެއަށް އައިސް ވަނެވެ. މޭޒުމަތި ސާފުކޮށް ހޫނުކުރަންޖެހޭ އެއްޗެހި ހޫނުކޮށްފައި އައިރާ ނުކުތީ ދޮރޯށި ދޮށަށެވެ. ލިޒީމެންގެއަށް ބަލަން ހުރެ ނިޔާނަށް ގުޅިއެވެ. އޭނާ ފޯނު ނެގުމާއެކު ވަރަށް އަވަސް އަރުވާލާފައި ހޮސްޕިޓަލުގައި ކަމުގައި އަދި ފަހުން ގުޅާނަން ކަމަށް ބުނެ ކޯލު ކަނޑާލިއެވެ. އައިރާއަށް އިތުރު އެއްޗެއް ބުނާނޭ ފުރުޞަތެއް ވެސް ނުދިނެވެ.
"އެންމެން ހޮސްޕިޓަލުގައި... ކިހިނެއްވީބާ؟ ލިޒީއަށް ގުޅަންވެއްޖެ... އޭނާއަށް ނޭނގި މިރަށުތެރޭ ކަމެއް ނުހިނގާނެ" ސުވާލުމާކެއް ސިކުނޑީގައި ޖެހިފައި ހުރި އައިރާއަށް އަމިއްލަ ނަފްސާ ވާހަކަދެއްކުނެވެ.
"ހެލޯ... ހޭ... ލިޒީ... މިރޭ ކަމެއް ހިނގައިގެން އެބައުޅޭތަ؟" ލިޒީއަށް ގުޅައިގެން ހުރެ އައިރާ އަހާލިއެވެ.
"ތިބުނީ ކިހިނެއް؟" ލިޒީ ބުންޏެވެ.
"ނިޔާނު ހޮސްޕިޓަލުގައި ވީކަން އެނގޭތަ؟ ޖުވައިން އެބައުޅޭތަ؟"
"އާން! އާން! އެނގިއްޖެ... ސާމިޔައްތަ މެންގޭ އެފަރާތު މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅެނީ... އެކަމުގައި ނިޔާނު ވެސް ހޮސްޕިޓަލުގައިވީ... ބައްޕަ ވެސް ވީ ނިޔާނު ކައިރިއަށް ގޮސް"
"އަނެއްކާ ނިޔާނަށް ހާނެއްކައެއްވީތަ؟" ކުއްލިއަކަށް އައިރާ ކަންބޮޑުވިއެވެ.
"އޭނާއަށް ކަމެއްނުވޭ... އެހެން ބައެއް އެކްސިޑެންޓްވެގެން އެ އުޅެނީ... އަހަންނަށް ވެސް މާބޮޑަކަށް ނޭނގެ... ބައްޕައާއި ނިޔާނު ގެއަށް އައީމާ އެނގޭނީ... މިރޭ މަންޖެކުރާނެ ކަމެއް ނެތީތަ؟ އެހެންވީރު އަންނަންވީނު މިގެއަށް" ލިޒީ ބުންޏެވެ.
"ޖޯލީގައި މަޑުކޮށްލަން ދެވިދާނެ... ނުކުމޭ... މިހިރީ ދޮރުމަތީގައި" އައިރާ ބުންޏެވެ.
ލިޒީމެންގޭ ޖޯލިފަތީގައި އައިރާއާއި ލިޒީ ތިއްބެވެ. ޝަމްއާނުއާއި ތާއިބުއާއި ހިޝްމާ ވެސް ގޭގައި ނެތްކަން އައިރާ ހާމަކުރިއެވެ. އަދި ޝަމްރާގެ ފަރާތުން ތާއިބުއާއި ހިޝްމާވީ ވެސް ވީ ހޮސްޕިޓަލުގައި ކަމުގައި އައިރާ ބުންޏެވެ. ދެ ކުދީން އެކަމާ މަޝްވަރާ ކުރާން ތިއްބެވެ. އެހެން ތިއްބާ ޒަމާނީގެ ދޮށަށް ކާރެއް އައިސް މަޑުކޮށްލިތަން ފެނުނެވެ. ދެ ކުދީން ޖޯލީން ތެދުވެގެން ފާރުބުރި ކައިރިއަށް އައީ އެއީ ކޮންބައެއްތޯ ބަލާލުމަށެވެ. އެއާއެކު އެ ދެ ކުދީންނަށް ފެނުނީ ތާއިބުއާއި ހިޝްމާގެ އެހީގައި ކާރުން ފައިބައިގެން ގޭތެރެއަށް ވަންނަން އުޅުނު ޝަމްއާނެވެ.
"އޭ ދަނީ އިނގޭ.... ބޭބެމެން ވެސް ގެއަށް އައީނު" އައިރާ އަވަސް އަރުވާލާފައި ދާން ހިނގައިގަތެވެ.
"މަށަށް ބްރޭކިންގ ނިއުސް އަންގާލައްޗޭ" ހަލުވިކޮށް ގެއާ ދިމާއަށް އައިރާ ހިނގައިގަތް ވަގުތު ލިޒީ ބުންޏެވެ.
އައިރާ ގޭތެރެއަށް ވަދެގެން އައުމުން އޭނާ އެ އައީ ބޭރުކަން ވެސް ތާއިބުއާއި ހިޝްމާއަށް ފާހަގައެއް ނުކުރެވުނެވެ. އެ ދެމީހުން ޝަމްއާނު އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އައިރާ ދުރުދުރުން އެ ކޮޓަރި ތެރެ ބަލާލިއެވެ. ޝަމްއާނުގެ ކޮނޑުގައި ބެންޑޭޖުގަނޑެއް އޮޅާފައި އޮތުމުގެ އިތުރުން ކޮނޑު ހިފެހެއްޓުމަށްޓަކައި "ޝޯލްޑާ ބްރޭސް"އެއް އަޅުވާފައި ހުއްޓެވެ. ފެންނަ ފެނުމަށް އޭނާގެ އަނިޔާ ވަރަށް ސީރިއަސްއެވެ. ކަނާތް އެއްގޮތަކަށް ވެސް އޭނާ ބޭނުންކުރާތަނެއް ނުފެނެއެވެ. އެނދުގައި ޝަމްއާނު އޮށޯތުމުން ތާއިބުއާއި ހިޝްމާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެމީހުންނަށް ފެނުމުގެ ކުރީން އައިރާ އަވަސް އަވަހަށް އެއްފަރާތަށް ޖެހިލިއެވެ.
"ކާން ހަދަންވީތަ؟" ޝަމްއާނުގެ ކޮޓަރިން ތާއިބުއާއި ހިޝްމާ ނުކުތުމުން އައިރާ އަހާލިއެވެ.
"ޕާން ހުންނާނެތަ؟ މަސްދަޅުތަކެއް ކުރިން ދުވަހު ތާއިބު ގެނައެއްނު..." ހިޝްމާ އަހާލީ ވަރަށް ވެސް އާދައިގެ ގޮތަކަށެވެ. މިކަން އައިރާއަށް ވީ އަޖައިބަކަށެވެ. ރުޅިވެރިކަމާއި ނުރުހުމުގެ ރާގުގައި ނޫނީ ދުވަހަކު ވެސް ހިޝްމާއަށް އެއްޗެއް ބުނެވޭކަމަކަށް ނުވާނެއެވެ.
"އެބަހުރި... ސޭންޑްވިޗްއެއް ތައްޔާރުކުރަންވީތަ؟ ކިތައް ސޭންޑްވިޗް؟" އައިރާ ޖަވާބުދިނެވެ.
"ޝަމްއާނަށް ކެވޭނޭހެން ތައްޔާރުކުރޭ... އަހަންނާއި ތާއިބު އިރުކޮޅަކުން ކާންދާނަން... އިހަށް ގޮސް ސޭންޑްވިޗް ތައްޔާރުކޮށްގެން ގެނޭ... އަދި ބުނަން އޮރެންޖު ޖޫސްތަށްޓެއް ވެސް ގެންނާތި" ހިޝްމާގެ މޫނުމަތީގައިވި ކަންބޮޑުވުން އައިރާއަށް ވެސް ފެނުނެވެ. އެ ދެމަފިރިން މިހާ ކަންބޮޑުވެފައި ތިއްބާ މީގެ ކުރިއަކުން އައިރާއަށް ނުފެނެއެވެ. އެވާނީ ޝަމްއާނަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އެމީހުންނަށް ލިބިގެން އުޅޭ ނުތަނަވަސްކަމެއްކަމަށެވެ. އައިރާ ބަދިގެއަށް ދިއުމަށް ހިނގައިގަތެވެ.
ޝަމްއާނަށް ލިބިފައިވާ އަނިޔާގެ އަސްލަކީ ކޮބައިކަމެއް އައިރާއަށް އޮޅުމެއް ނުފިލިއެވެ. ތާއިބުއާއި ހިޝްމާ ކައިގެން ނުކުތުމުން އައިރާއަށް ކުރާންހުރީ މަސައްކަތްތައް ނިންމާލެވުނެވެ. އަދި ނިދަން ތައްޔާރުވެގެން އެނދަށް އަރާ ނިޔާނަށް މެސެޖުކޮށްލިއެވެ. ނިދަނީ ކަމުގައި ބުނެއެވެ. ހަމަ އެވަގުތު ނިޔާނު އައިރާއަށް ގުޅިއެވެ.
"އެނގޭތަ ތިގޭ ފޮނިބޮޑުވެގެން އުޅުނު މީހާއަށް ލިބުނު ލަނޑު... އަސްލު އެކްސިޑެން ހިނގަން މެދުވެރިވީ އޭނާއާ ހެދި..." އައިރާ ވާހަކަދައްކަމުން ގޮސް ނިޔާނު ބުނެލިއެވެ.
"އެއީ ކިހިނެއް؟ ޝަމްއާނާ ވާހަކަ ދެއްކީތަ؟" އައިރާ ވަރަށް ހައިރާންވިއެވެ.
"ގުރޫޕު ހަދާފައި އަނދިރިގަނޑު ތެރޭ އެމީހުން ތިބީ ކީއްކުރަންކަމެއް ނޭނގޭ... އަހަންނަށް އެ ސައިކަލުން ނެއްޓުނީ ހަމަ ކިރިޔާ... ހީވީ ސައިކަލުގައި އުދުހިގަންނަން އުޅުނުހެންވިއްޔާ... ސައިކަލު އައި ވަގުތު އަނދިރިގަނޑުގައި ތިބި ގުރޫޕުގެ ތެރޭގައި ޝަމްއާނު ހުރީ ރުކުންވެއްޓުނު އިހާ އައިސް ޖެހުނީ ޝަމްއާނުގެ ގައިގާ... އޭނާގެ ރައްޓެހިންތައް މަގުގެ އަނެއްފަރާތަށް ދުއްވައިގަތްތަނާ އެހެން އައި ސައިކަލު އެމީހުންގެ ގައިން ނައްޓަން އުޅުމުގެ ތެރޭ ކަހާލީ... ވަރަށް ދެރަ... ސައިކަލު ދުއްވަން އިން ކުއްޖާ އަދިވެސް ހޭނާރާ..."
"ކުށެއްނެތް މީހުންނަށް އަނިޔާވެރިވާން އުޅޭނަމަ ދިމާވާނީ އެފަދަ ހިތާވެރިކަންކަން... މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ދަސްވެފައި" ނިޔާނުގެ ވާހަކަ އަޑުއަހަން ހުރެފައި އައިރާ ބުންޏެވެ. އޭނާގެ ހަނދާނަށް އައީ ޝަމްއާނު އޭނާއަށް ބިރުދެއްކި ގޮތެވެ. ނިޔާނަށް ގެއްލުންދޭނަން ކަމުގައި ބުނެ ކުރި އިންތިޒާރުތަކެވެ. އެހެންނަމަވެސް މިއަދު ކަންތައްވީގޮތުން ޚުދު އައިރާއަށް ވެސް ރަނގަޅު އިބްރަތެއް ހާސިލުވެއްޖެއެވެ.
* * * *
ފާއިތުވަމުން ދުވަސްތަކާއެކު ދާއޫދުގެ ހިތުގެ މުރާދު ހާސިލު ކުރުމަށް އޮތް އެދުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދިޔައެވެ. އޭނާ އިސްވެ އެފަދަ ވާހަކައެއް ދައްކާނޭ ފުރުޞަތެއް ނިޔާނު ވެސް ޖުވައިން ވެސް ނުދެއެވެ. އެހެންނަމަވެސް ހުކުރު ދުވަހަކީ އެންމެން ވެސް ގިނަ ވަގުތު ގޭގައި ހޭދަކުރާ ދުވަހަކަށް ވާތީ ދާއޫދު ކޮންމެ ގޮތަކުން ވެސް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރާން ނިންމިއެވެ.
ހުކުރުން އައިސް މެންދުރު ކައިގެން ސިޓިންރޫމުގައި ދާއޫދާއެކު ނިޔާނާއި ޖުވައިން ތިއްބެވެ. ދައްކަމުން ދިޔަ ވާހަކަ ޒަވާޖީ ހަޔާތެއް ފެށުމާ ދިމާއަށް މިސްރާބުޖެހިއެވެ. ހުންގާނުގައި ހުރީ ދާއޫދެވެ. އޭނާ ބޭނުންވާ މިސްރާބަށް ވާހަކަ ކުރިއަށް ގެންދިޔައެވެ. ނިޔާނުގެ ފަރާތުން އެނގުނީ ޖުވައިންގެ ހަޔާތަށް އަންހެންކުއްޖަކު އައިސްފައިވާ ކަމެވެ. އަދި ކައިވެންޏަކާ ހަމައަށް ދިއުމަށް ޖުވައިން ފަސްޖެހޭ ކަމެވެ. ދާއޫދު ހައިރާން ކުރުވި ޚަބަރަކަށް ވެގެން ދިޔައީ ނިޔާނުގެ ހަޔާތަށް އެ ރަށު ކުއްޖަކު ގެންނަން ގަސްދުކޮށްފައިވާކަން ޖުވައިންގެ ފަރާތުން އެނގުމުންނެވެ.
ދެ އެކުވެރިން ތިބެފައި އެމީހުންގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތް ވަގުތު ނިޔާނަށް ގޮވާލަފައި މަޑުކޮށްލުމަށް ދާއޫދު އެދުނެވެ. އަދި ޖުވައިން އެމީހުންގެ އަޑު ނީވޭނޭހާ ދުރަށް ދިއުމުން ދާއޫދު ވަރަށް ވިސްނުންތެރިކަމާއެކު ނިޔާނަށް ބާލާލިއެވެ. އަދި އިތުރަށް ފަސްކުރާން ބޭނުންނުވެ ދާއޫދުގެ ހިތުގައިވާ އެއްޗެއް ނިޔާނަށް ފަހުމުކޮށްދިނުމަށް އޭނާ މަސައްކަތް ފެށިއެވެ.
(ނުނިމޭ)