ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އޮތީ ބޭނުންކުރެވޭ ހާލަތެއްގައި ކަމަށާއި އެއީ ނުރައްކާތެރި އެއްޗެއް ކަމަށް ސިފައިންގެ ހަތިޔާރާ ބެހޭ އޮފިސަރަކު މިރޭ ޝަރީއަތުގައި ހެކިބަސް ދީފި އެވެ.
ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުމުގައި ވަނީ އެ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނުގެ އިތުރުން މެގަޒިން ވެސް ޝަރީއަތުގެ މަޖިލީހަށް ގެނެސް ދައްކާލައިފަ އެވެ. އެ ތަކެތި ގެނައީ ފުލުހުންގެ ދެ އޮފިސަރެއްގެ ބެލުމުގެ ދަށުން ރައްކާތެރިކަމާ އެކު ބަންދުކޮށްގެނެވެ.
އެ ހަތިޔާރުތަކާ ބެހޭގޮތުން ހެކިބަސްދެމުން އެ ހަތިޔާރުތަކުގެ ތަހުލީލު ރިޕޯޓް ތައްޔާރުކުރި ސިފައިންގެ ހަތިޔާރާ ބެހޭ އޮފިސަރެއް ކަމަށްވާ ފަސްޓް ލެފްޓިނެންޓް މުހައްމަދު ނަޒީމް ވިދާޅުވީ ފުލުހުންގެ އެދުމުގެ މަތިން އެ ހަތިޔާރުތައް ސިފައިންގެ ބެލުމުގެ ދަށުން ތަހުލީލުކޮށް ބެލިއިރު އެ ފިސްތޯލަ އޮތީ ބޭނުންކުރެވޭ ހާލަތެއްގައި ކަން ހާމަވި ކަމަށެވެ. އެކަން ހާމަވީ އެ ބާވަތުގެ ފިސްތޯލަށް ލައްވާ ވަޒަން، އެ ފިސްތޯލައަށް ލައްވައިގެން ބަޑި ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީމް ވިދާޅުވީ އެ ކޮޓަރިން ފެނުނު ތިން ވަޒަނަކީ ވެސް އެ ފިސްތޯލައަށް ލައްވާ ބާވަތުގެ ވަޒަންތަކެއް ކަމަށާއި ނަމަވެސް ތަހުލީލު ކުރުމުގައި ބޭނުންކޮށްފައިވަނީ އެ ކޮޓަރިން ފެނުނު ވަޒަން ނޫން ކަމަށެވެ. އެކަން ކުރީ އެ ބާވަތުގެ އެހެން ވަޒަނެއް ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ތިން ވަޒަން ބޭނުން ނުކުރާ ކަމަށް ނަޒީމް ވިދާޅުވުމުން ދައުވާލިބޭ ނާޒިމް ވަނީ އެ ތިން ވަޒަނަކީ ބޭނުން ކުރެވޭ ފަދަ ހާލަތެއްގައި އޮތް އެއްޗެއްތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ނަޒީމް ވިދާޅުވީ އެކަން އެނގޭނީ އެ ތިން ވަޒަން ފިސްތޯލައަކަށް ލައްވައިގެން ބަޑި ޖެހުމުން ކަމަށާއި އެކަން އެގޮތަށް ކޮށްފައި ނުވާތީ އެ ތިން ވަޒަން އޮތީ ބޭނުން ކުރެވޭ ހާލަތެއް ކަން ނުވަތަ ނޫން ކަން ވެސް ބުނަން ނޭނގޭ ކަމަށް ނަޒީމް ވިދާޅުވި އެވެ.
އެ ތިން ވަޒަން ބޭނުން ކުރެވޭނެތޯ ވިދާޅުވެ، ނާޒިމްގެ ފަރާތުން ސުވާލު އުފައްދަން ފެށުމުން ފަނޑިޔާރުން ވިދާޅުވީ އެ ތިން ވަޒަނަކީ ބޭނުން ކުރެވޭ ހާލަތެއްގައި އޮތް އެއްޗެއްތޯ ބަލަން ޖެހިއްޖެ ނަމަ ޝަރީއަތުން އެކަން ވެސް ކުރާނެ ކަމަށެވެ.
ނަޒީމް ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ފިސްތޯލަ އުފައްދާ ކުންފުނިތަކުން ޖަހާ ސީރިއަލް ނަމްބަރެއް ކޮންމެ ފިސްތޯލައެއްގައި ހުންނަ ނަމަވެސް ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލައިގައި އެފަދަ އެއްވެސް ނަމްބަރެއް އަދި ނިޝާނެއް ވެސް ނެތެވެ. ނަމަވެސް އެ ފިސްތޯލަ އާއި ވަޒަނުގެ އިތުރުން މެގަޒިން އެކަކު އަތަށް ލިބިއްޖެ ނަމަ މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ކުރުމުގެ ގާބިލްކަން އެ ތަކެތީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ބައެއް މީހުން ހާޒިރުކޮށް، ހެކިބަސް ނަގާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ. އެ އަޑުއެހުން އަންނަ އާދިއްތަ ދުވަހު އޮންނާނެ އެވެ.