ހަބަރު

ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވް އެނަލައިޒްކުރި އޮފިސަރާ ސުވާލުކުރި އަޑުއެހުން ސިއްރުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތުތައް އެނަލައިޒްކުރި ފުލުސް އޮފިސަރާ ސުވާލުކުރި ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުން މިރޭ ސިއްރުކޮށްފި އެވެ.

ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިރޭ އަޑުއެހުމުގައި ސިއްރުކުރީ އެ ކޮޓަރިން ފެނުނު ޕެން ޑްރައިވާއި ނާޒިމްގެ ފޯނު އެނަލައިޒްކުރި ފުލުސް މީހާއާ ސުވާލުކުރި ޝަރީއަތުގެ މަޖިލީހެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އެ ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީނާއި ދައުލަތުގެ ބައެއް އިސްވެރިންނަށް ހަމަލާދޭން ނާޒިމް ވަނީ ރާވައިފަ އެވެ.

އެ ޕެން ޑްރައިވާއި ނާޒިމްގެ ފޯނުގައި ހުރި މައުލޫމާތު އެނަލައިޒްކޮށް، ޑިޖިޓަލް އެވިޑެންސް ރިޕޯޓް ތައްޔާރުކުރި ސަބް އިންސްޕެކްޓާ އަމީން އަބްދުލްގައްޔޫމާއި މިރޭގެ ސުވާލުކުރަން ފެށުމުން ނާޒިމް ވަކީލުން ވަނީ އަމީނާ ސުވާލުކުރަން އެ ރިޕޯޓް ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ރިޕޯޓުގައި ދައުލަތުގެ އަމަން އާންމާ ގުޅޭ ބައެއް މައުލޫމާތު ހިމެނޭ ކަމަށް ބުނެ އެ ރިޕޯޓް ނާޒިމްގެ ވަކީލުންނާ ހިއްސާކުރަން ދައުލަތުން ދެކޮޅު ހެދި އެވެ.

ދައުލަތުން އެކަމަށް ދެކޮޅު ހެދުމުން ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އެ ރިޕޯޓާ ބެހޭގޮތުން ސުވާލުކުރާ މަޖިލިސް ސިއްރުކޮށްގެން ގެންދިއުމަށެވެ. އެގޮތަށް ޝަރީއަތް ގެންދާ ނަމަ އެ މައުލޫމާތުތައް ޝަރީއަތަށް ހާމަކުރަން ދައުލަތުން ވެސް އެއްބަސްވި އެވެ. އެހެންވެ އެ ބައި ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި ޝަރީއަތް އަޑުއަހަން ވަތް އާންމުން ކޯޓު ރޫމުން ނެރުމަށް ފަހު އެވެ.

އެ ބައި ނިމުމުން އަލުން ވަނީ ނޫސްވެރިންނާއި އަޑުއަހަން ވަތް މީހުން ކޯޓު ރޫމަށް ވައްދައިފަ އެވެ. އޭގެފަހުގައި މިރޭގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެނެވެ.

ގާނޫނު އަސާސީ ބުނާގޮތުން ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ ބާރު ފަނޑިޔާރުންނަށް އޮންނާނެ އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ބާއްވާނެ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމެވެ.