ބޮލީވުޑް

ޝާހުރުކާއެކު މަސައްކަތް ކުރެވޭތީ ކާޖޮލް އުފަލުން

Mar 20, 2015

ޑައިރެކްޓަރު ރޯހިތް ޝެޓީ އަލަށް ފަށާ ފިލްމު "ދިލްވާލޭ"ގައި ޝާހްރުކް ޚާން އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާކުރާކަމަށް މި ފިލްމުގެ ބަތަލާ ކާޖޮލް ބުނެފި އެވެ.

މީގެ ކުރިންވެސް ޝާހްރުކް ޚާން އާއެކު "ދިލްވާލޭ ދުލްހަނިޔާ ލޭޖައެނގޭ" “މައި ނޭމް އިޒް ހާން" އަދި " ކަބީ ހުޝީ ކަބީ ގަމް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ލޯބި ލިބިފައިވާ މިދެ ފަންނާނުންގެ މި ފިލްމު ވެގެންދާނީ ފަސް އަހަރުގެ ބްރޭކް އަކަށްފަހު އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ލެކްމޭ ފެޝަން ވީކް ސަމާރ ރިސޯޓް 2015 ގައި މިފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާޖޮލް ބުނީ މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެނީ އޭނާ ކަމަށާއި ޝާހް އާއެކު މިފިލްމު ކުޅެން ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.

"މިހާރު އިންތިޒާރު ކުރަމުން މިދަނީ ފިލްމުގެ ޝޫޓިން ފެށޭނެ ދުވަހަަކަށް" ކާޖޮލް ބުންޏެވެ.

މި ހުކުރު ދުވަހު މިފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާއިރު، ފުރަތަމަ ނަގަން ހަމަޖެހިފައިވަނީ ވަރުން ދަވަން އާއި ކްރިތީ ސަނަންގެ ބައެއް މަންޒަރުތަކެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި، ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވަގަންގެ ހާއްސަ ފެނިލުމެއްވެސް ހިމޭނޭނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އަޖޭގެ މިފިލްމުގައި ބައިވެރިވާނަމަ މި ފިލްމު ވެގެނެދާނީ ޝާހްރުކް ޚާން އާއި އަޖޭ ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.