ވާހަކަ

މުޅިޖާންހިތާ

(12 ފެބްރުއަރީ 2017 އާ ގުޅޭ)

ދެ އެކުވެރިން ތިބެފައި އެމީހުންގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތް ވަގުތު ނިޔާނަށް ގޮވާލަފައި މަޑުކޮށްލުމަށް ދާއޫދު އެދުނެވެ. އަދި ޖުވައިން އެމީހުންގެ އަޑު ނީވޭނޭހާ ދުރަށް ދިއުމުން ދާއޫދު ވަރަށް ވިސްނުންތެރިކަމާއެކު ނިޔާނަށް ބާލާލިއެވެ. އަދި އިތުރަށް ފަސްކުރާން ބޭނުންނުވެ ދާއޫދުގެ ހިތުގައިވާ އެއްޗެއް ނިޔާނަށް ފަހުމުކޮށްދިނުމަށް އޭނާ މަސައްކަތް ފެށިއެވެ.

"ބޭބެގެ އެންމެ އުންމީދަކީ ލިޒީއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން... އެކުއްޖާގެ ދިރިއުޅުމަށް ރަނގަޅު ޒުވާނެއް ގެނައުން... އެކަމަކު ލިޒީ އުޅޭ ގޮތުން ހިޔެއްނުވޭ އޭނާ އެފަދަ ކަމަކާ ވިސްނާހެން... އެހެންނޫނަސް ބޭބެ ދުށީ އަންހެންދަރީން ރަނގަޅު ޒުވާނުންނާ ދެވުމަކީ މައިންބަފައިންގެ ޒިންމާއެއްކަމުގައި... ފުދޭވަރަކަށް ދުވަސްވެއްޖެ މި ވާހަކަ ނިޔާނާ ދައްކަން ބޭނުންވެގެން އުޅޭތާ... ނިޔާނުތީ ބޭބެއަށް ވަރަށް ކަމުދާ ޒުވާނެއް... ބުނަން މިއުޅެނީ... ބޭބެގެ ލިޒީއާ ނިޔާނު ކައިވެނިކުރަންވީ ނޫންހޭ... އެއްވެސް ޚަރަދަކަށް ނިޔާނު ހާސްވާނެކަމެއްނެތް... ބޭބެ ހުރިހާ ކަމެއް ހަމަޖައްސައިދޭނަން..."

"ދާއުދޫބޭ! އަހަންނާއި ލިޒީއާ ދެމެދު ތިޔަފަދަ ގުޅުމެއްނެތް އަދި އެފަދަ ގޮތަކަށް ނުވެސް ދެކެން... އަހަރެން މިއުޅެނީ ކުއްޖަކާ ރައްޓެހިވެގެން އެކަން ލިޒީއަށް ވެސް އެނގޭނެ... ލިޒީއަކީ ވަރަށް ރަނގަޅު ކުއްޖެއް... އެކަމަކު އަހަންނަށް ލިޒީއާ ގުޅެވެންނެތީ" ނިޔާނު އިނީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. ދާއޫދު ދައްކާ ވާހަކައާ އެއްގޮތަކަށް ވެސް ގަޔާ ނުވެފައެވެ.

"ގުޅިގެން ތިއުޅެނީ ކޮންގެއަކު ކުއްޖެއްކާކަން ބުނެލާ ދެވިދާނެތަ؟" ދާއޫދު އަހާލިއެވެ.

"މިގޭ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ހުރި ގޭގައި އުޅޭ ކުއްޖެއް" ސީދާސީދާ އައިރާގެ ނަން ހާމަކުރުމަށް ނިޔާނު ބޭނުންނުވީއެވެ.

"އެއީ... އެއީ މިހިރަ ޒަމާނީގެތަ؟ އެގޭ ކޮންކުއްޖެއް؟ އެގޭގައި މީހަކާ އިންނަވަރުގެ ކުއްޖަކު ނުހުންނާނެ... ހުރި ކުއްޖާ ވެސް އަދި..." ދާއޫދަށް އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ ސިކުނޑީ ދުލަށްވުރެ އަވަހަށް މަސައްކަތްކުރީއެވެ. ޒަމާނީގޭގައި މީހަކާ އިންނަވަރުގެ ކުއްޖެއް ނުހުންނާނެއޭ ބުނެވުނީ ރަނގަޅަށް ވިސްނާނުލާކަން ތާއިބުއަށް އެނގުނީއެވެ. އޭނާގެ ސިކުނޑީގައި ދަރިފުޅު ލިޒީއާއެކު އަބަދު އުޅޭ އައިރާގެ ސޫރަ ކުރެހިގެންދިޔައެވެ. ވީ ފޫއްސާއެކު ދާއޫދަށް ހިމޭންކަން ޚިޔާރުކުރެވުނެވެ. އަދި ނިކަން މަޢުނަވީ ގޮތަކަށް ނިޔާނުގެ މޫނަށް ބަލަންފެށިއެވެ.

"އަހަންނަށް މާފުކުރޭ ދާއުދޫބޭ... ލިޒީއަކީ ރަނގަޅުކުއްޖެއްކަން އަހަރެން ވެސް ޤަބޫލުކުރަން، އެކަމަކު ތިއެދުން އަހަންނަށް ޤަބޫލުކުރެވެން ހަމަނެތީ" ނިޔާނު މިހެން ބުނެ ތެދުވެގެން ދާން އުޅުނު ވަގުތު ދާއުދު ވާހަކަދެއްކިއެވެ.

"އެގޭގައި އުޅޭ އައިރާއާތަ ނިޔާނު ގުޅިގެން ތި އުޅެނީ... އެ އަންހެންކުއްޖާއާ ނިޔާނާ އެކަށީގެނެއްނުވެ، އެބައެއް ގުޅޭނީ އެބައެއްގެ ތެރޭގައި ތިބީ އެއްފަންތީގެ މީހުންނާ... އޭރު ވެސް އަހަރެންގެ ހިތަށް އެރިއޭ އެންމެގާތްކޮށް އުޅެފައި ލިޒީގެ މުސްތަޤުބަލު ނަގާލާނެއޭ... ހަމައެހެނެއްނު މިވީ... އޭނާއެ ވިހަލީ ލިޒީގެ މުސްތަޤުބަލަށް"

"ދައޫދުބޭ... ތި ދައްކަނީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއްކަން އެބައެނގޭތަ؟ ލިޒީއަށްޓަކައި އައިރާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ... އައިރާއަކީ ތި ބުނާ ފަދަ ކުއްޖެއްނޫން... އަހަންނަށް ހީވަނީ އަހަރެން ދެން އިތުރަށް ދާއޫދުބެއާ މި މައުޟޫޢަށް ވާހަކަނުދެއްކުންހެން އެންމެ ރަނގަޅުވާނީ... އުންމީދުކުރަން ދާއޫދުބެއަށް އަހަރެންގެ ޖަވާބުލިބިއްޖެކަމަށް" އައިރާއޭ ކިޔައިގެން ދާއޫދު ދެއްކި ވާހަކަތަކާ މެދު ނިޔާނު ހިތްހަމަނުޖެހުނީއެވެ. ހަލުވި ފިޔަވަޅުތަކުގައި އޭނާ ހިނގައިގަތީ ދެކެވެމުންދިޔަ ވާހަކައިގެ ސަބަބުން ދާއޫދާ ދެބަސްވާން އެއްގޮތަކަށް ވެސް ބޭނުންނުވާތީއެވެ.

ހަވީރު ހަތަރެއްޖަހައި ދިޔަފަހުން ނިޔާނުއާއި ޖުވައިން އެމީހުންގެ މަސައްކަތް ހިނގަމުންދާ ސައިޓަށް ދިއުމަށް ގެއިން ނުކުން ވަގުތު އައިރާ އައިސް ލިޒީމެންގެއަށް ވަންނަނީއެވެ. އޭރު އެގޭ ޖޯލީގައި ދާއޫދު އިނެވެ. އޭނާއަށް ނިޔާނާއި އައިރާގެ ދެމެދުގައި ބަދަލުކޮށްލެވުނު ބެލުންތަކާއި މާނަފުން ހިނިތުންވުމުގައި މީގެ ކުރިން ފާހަގަނުވި އެތައްކަމެއް މިއަދު އެ ލޮލުގައި އަޅައިގަނެއްޖެއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ދުބަމަ ގޮއްޖަހާލެވުމާއެކު މޫނު އަނބުރާލެވުނެވެ. ޖޯލީގައި އޮތް ދާއޫދަށް ސަލާމްގޮވާލުމާއެކު އައިރާ ގޭތެރެއަށް ވަނެވެ.

"އައިރާ..." ފަސްއެނބުރި އައިރާ ބަލާލީ ދާއޫދުގެ އަޑު އިވިގެނެވެ. އޭރު ދޮރުމަތީ ހުއްޓިލައިގެން ދާއޫދު ހުއްޓެވެ. އައިރާ ބަލާލުމުން ދާއޫދު އަތުން އިޝާރާތްކުރީ އޭނާގެ ގާތަށް އައުމަށެވެ. ދުވަހަކު ވެސް އައިރާއަށް އިސްވެ ގޮވާނުލާ ދާއޫދުގެ މި ހަރަކާތުން އައިރާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އަނެއްކޮޅުން އޭނާގެ ހިތް ބިރުގަންނަންފެށުމުން މީހާ ފިނިވެ ދެއަތުން ލޮނުދާހިއްލަން ފަށައިފިއެވެ.

"މިތާ ޖޯލީގައި އިށީނދެބަލަ" ދާއޫދު ބުންޏެވެ. އެހިނދު ދާއޫދު އިން ޖޯއްޔާއި އެއްޖޯލި ދޫކޮށްފައި އައިރާ އިށީނެވެ. އެހެންނަމަވެސް ޖޯލީގެ ދަނޑީގައި ފިނދުކިބަ ކިރިޔަކިރިޔާ ޖައްސާލައިގެން އިން ކަހަލައެވެ.

"އަހަރެން ލިޒީއަކީ މީހުންނަށް ވަރަށް ހެޔޮ ކުއްޖެއް... އަހަރެން ހިތަށް އެމީހުން އޭނާގެ މައްޗަށް ހެޔޮބާއޭ..." ދާއޫދު މިހެން ބުނެ އައިރާއަށް ބަލާލިއެވެ. އައިރާގެ ދެލޮލުން އޭރު ވެސް ފާޅުވަމުން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ. ދާއޫދު އެ ދައްކާ ވާހަކައެއް އޭނާއަށް ފަހުމުނުވާ ކަހަލައެވެ.

"ލިޒީއަށްޓަކައި އައިރާގެ އަމިއްލަ މުސްތަޤުބަލު ނަގާލަން ކެރިދާނެތަ؟" އައިރާއާ ނަޒަރު ވަކިކޮށްނުލާ އޭނާއާ ދިމާއަށް ދާއޫދު ބުނެލިއެވެ.

"ދާއޫދުބެ ތި ބުނާ އެއްޗެއް ނޭނގޭ" އައިރާ ޖަވާބެއް ނުދެނީސް ދާއޫދު އޭނާގެ ނަޒަރު އައިރާއާ ވަކިކޮށްނުލާނޭހެން ހީވުމުން ބުނެލިއެވެ.

"ލިޒީއަށްޓަކައި ނިޔާނާ ވަކިވާން ކެރިދާނޭހޭ" އަމުރުވެރި ގޮތަކަށް ދާއޫދު ބުންޏެވެ.

"ނިޔާނު... ދާއޫދުބޭ... އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ތި ބުނަން އުޅެނީ ކީކޭކަމެއް" އައިރާ އިންތިހާއަށް ކަންބޮޑުވިއެވެ.

"ލިޒީއަށް ފުރުޞަތެއް ނެތީ އައިރާގެ ސަބަބުން... ނިޔާނާއި ލިޒީގެ ކައިވެނިކުރެވެން ނެތީ އައިރާއާ ހެދި... ނިޔާނާ ދުރަށް ދާންވީ އައިރާ... ލިޒީއަށް ޓަކައި..."

"ބައްޕާ..." ދާއޫދުގެ ވާހަކަ ހުއްޓުމަކަށް ގެނައީ ދޮރުމަތީ ހުރި ލިޒީއެވެ. އޭނާއަށް ދާއޫދު ދައްކަމުންދިޔަ ހުރިހާ ވާހަކައެއް އަޑުއިވުނެވެ.

"ލިޒީ... ދޭ އެތެރެއަށް..." ދާއޫދު ޖޯލިން ތެދުވެ ލިޒީއަށް އަމުރެއް ކުރި ކަހަލައެވެ.

"ނިޔާނަކީ އައިރާގެ ހައްޤެއް... ބައްޕަ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ އަހަންނާއި ނިޔާނާ ދެމެދުގައި އެއްވެސް ގުޅުމެއްނެތް... ދެން ކީއްވެ އައިރާއަށް ތި މަޖުބޫރުކުރަނީ... އައިރާ! ބައްޕަ އެ ދައްކާ ވާހަކަ އައިރާ ޤަބޫލުކުރާކަށް ނުޖެހޭނެ... ނިޔާނުއަކީ އައިރާގެ މީހެއް... ދެޓްސް އިޓް... ހިނގާ އަހަންނާއެކު" ލިޒީ ހިތްހަމަނުޖެހުމުގެ ބަލާލުމަކުން ދާއޫދަށް ބަލާލިއެވެ. އަދި އައިސް އައިރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.

"އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ދިރިއުޅުމަށް ތިކަހަލަ ކުއްޖެއްގެ ހިޔަނި އެޅޭކަށް ބޭނުމެއްނޫން... ވަރަށް ދުވަސްވެއްޖެ ދިމާއަށް ނުބުނާން ހުންނަތާ... އައިރާ... މީ އަހަރެންގެ ގެ... މިގެއަށް އައިރާއަށް ވަންނާކަށް އަހަރެން ޤަބޫލެއްނޫން... މިހެން ނުބުނާތީ މިހުރިހާ ދުވަހު ލަދުހަޔާތްކުޑަކޮށްލާފައި މިގޭ ތެރެއަށް ވަދެ އުޅެނީނު... އެކަމަކު ދެން ވަދެގެން ނުވާނެ" ދާއޫދު ލިބިފައި ހުރި ހިތްހަމަނުޖެހުން ދުލުން ބޭރުކޮށްލިއެވެ.

"ބައްޕާ..." ލިޒީ ތަންކޮޅެއް ބާރަށް ދާއޫދަށް ގޮވާލިއެވެ. ނަމަވެސް އެ އަޑު އިވޭ ކަމަށް ހަދާނުލާ ދާއޫދު ގޭތެރެއަށް ވަނެވެ. އެހިނދު ލިޒީ ވެސް ދާއޫދުގެ ފަހަތުން ގޭތެރެއަށް ވަދެގެން ދިޔައީ މަލީހާއަށް ގޮވަމުންނެވެ. ދޮރުމަތީ އައިރާއަށް އިރުކޮޅަކު ހުރެވުނީ ކަންބޮޑުވެފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ދާއޫދު ނޫނީ ލިޒީ ނުކުމެ އިތުރު ޚިޔާލުތަފާތުވުންތަކެއް އެ ދެމެދުގައި ހިނގާފާނެތީ އައިރާ އެނބުރި ދުއްވައިގަތީ އޭނާގެ ގެއަށް ވަނުމަށެވެ.

އެހެންޏާ ނިޔާނާ ބައްދަލުކުރާ ގަޑިއަށް އައިރާ ނުފެނުނެވެ. ގޭތެރޭގައި ދާއޫދު އުޅޭތީވެ ލިޒީއާއި އެކަހެރިކޮށް ވާހަކަދައްކާލަން ބޭނުންވި ފުރުޞަތު ނިޔާނު ހޯދަން ޖެހުނީ ފޯނުކޯލަކުންނެވެ. ލިޒީއަށް ގުޅުމާއެކު އޭނާ ކަންބޮޑުވެފައި ހުރިވަރު ނިޔާނަށް އެނގުނީ ދެނެވެ. ލިޒީ ގުޅުމުން އައިރާ ފޯނު ނުނަގާ ކަމާއި މެސެޖު ކުރުމުން ޖަވާބުދިނީ ގޭގައި މަސައްކަތެއްގައި އުޅެނީކަމަށެވެ.
އެކަމަކު އައިރާގެ ވާހަކަ ލިޒީއަށް ޤަބޫލުނުކުރެވޭކަން އޭނާ ނިޔާނަށް ކިޔައިދިނެވެ. ނިޔާނު ވެސް ކަންބޮޑުވީ އައިރާ އޭނާގެ ފޯނުކޯލަށް ޖަވާބެއް ނުދޭތީއެވެ. ދާއޫދުދެކެ ނިޔާނަށް ހިތްހަމަނުޖެހެވުނެވެ. ނިޔާނުގެ ގާތުގައި ދާއޫދު ދެއްކި ވާހަކަތައް ލިޒީއަށް އޭނާ ކިޔައިދިނީ ދެނެވެ. ހީކުރި ވަރަށް ވުރެ ކަންތައް ގޯސްވެއްޖެކަން ލިޒީއަށް އެނގުނީ ދެނެވެ. އެހިނދު ބައްޕަ އެ ކުރި ކަމަކުން ލިޒީ އިންތިހާއަށް ރުޅި ގަދަވިއެވެ.

"މަންމާ... އެއީ ދެން ބޮޑުވަރެއްނޫންތަ؟" މަލީހާގެ ކޮޓަރިތެރޭގައި ހުރި ލިޒީ ބުންޏެވެ. އޭރު މަލީހާ އޮތީ މަޣުރިބު ނަމާދަށް ގޮވަންދެން އަރާމުކޮށްލުމަށް އެނދުގައި އޮށޯވެލައިގެންނެވެ.

"މަންމަ ވެސް ހިޔެއްނުކުރަން އެގޮތަށް ބައްޕަ ކަންތައްކޮށްފާނެކަމަކަށް... ދަރިފުޅު ދެން ރުޅިމަޑުކޮށްބަލަ... ބައްޕަ އެހެން ބުންޏަސް އައިރާއަށް މިގެއަށް ވަދެވޭނެ... އެކަމަކު ތިކަމަށްވުރެ މަންމަ ކަންބޮޑުވަނީ އައިރާއާ މެދު... އެކުއްޖާ ހަމަ ނިޔާނާ ރައްޓެހިވީތަ؟ ނިޔާނު ފެންނަ ފެނުމަށް ކިތަންމެ ރަނގަޅަސް އޭނާގެ ހަޤީޤީ ގޮތެއް ނޭނގެ..." ނިތުގައި ވައަތް ބާއްވާލައިގެން ލިޒީއާ ދިމާއަށް އެނބުރި އޮތް މަލީހާ ބުންޏެވެ.

"ނިޔާނު ބޭނުންވަނީ އައިރާއާ މެރީކުރަން... އެކަމަކު މިރަށު މީހުން ހީވަނީ އޭނާއާ ޖައްސާލައިގެން ނެއްޓެން ނޭނގިގެން އުޅޭހެން... ސާމިޔައްތައަށް ފެނިގެން އެވާހަކަ ގޮސް އެ ހިޝްމާމެން ގާތުގައި ކުޓުވައިފި... ދެން މިހާރު ބައްޕަ... އަހަރެން ނޫޅެން ނިޔާނާ ނީނދެވިގެން... މިހާރު ހީވާ ކަހަލަ އަހަރެން ބޭނުންވާ މީހަކާ އިންނާކަށް ބައްޕަ ބޭނުމެއްނުވާނޭ... އެހެންޏާ ހަމަ މާލެއިން މީހަކު ރަށަށް އަންނައިރަށް އެމީހަކާ އަހަރެން ކައިވެނި ކުރަން ޖެހޭތަ؟ އައިރާ ވެސް ފިނޑީއޭ... ބައްޕައާ ދިމާއަށް ބުނިނަމައެއްނު ނިޔާނާ ވަތްކެއްނުވާނަމޭ... ނިޔާނަކީ އައިރާގެ މިލްކެކޭ... އެކަކަށް ވެސް ނިޔާނު ދުލެއްނުކުރާނަމޭ" ލިޒީއަށް ލިބިފައިވާ ނުތަނަވަސްކަން އެންމެ ތަންފުކެއް ވެސް ކުޑައެއްނުވިއެވެ.

"ދަރިފުޅު ދާންވީނު ލިޒީ ހޯދަން އެގެއަށް" މަލީހާއަށް ހައްލު އެނގިގެން ބުނެލި ކަހަލައެވެ.

"އާނ! ރުޅިއައިވަރުން އެވަރު ވެސް ނޭނގިފަ މިހުރެވުނީ... އައިރާ ނަޔަސް އަހަންނަށް އޭނާއާ ހަމައަށް ދެވޭނެ... އެބަ އަންނަން އިނގޭ މަންމާ" ލިޒީ އަވަސް އަވަހަށް ބުންޏެވެ. އަދި ކޮޓަރި ނުކުމެގެން ހިނގައްޖެއެވެ.

އެނދުގައި ވިސްނަން އޮތް އައިރާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލުމުންނެވެ. ފުންމައިގެން ކޮޅަށް ތެދުވެވުނު އައިރާއަށް ލިޒީ ފެނުމުން ގޮވާލެވުނެވެ.

"ތީ އަހަރެންގެ ބެސްޓް ފްރެންޑެއްނޫން... ކިހާ ވަރަކަށް އަހަރެން ގުޅައިފިން... ކިތައް މެސެޖުކޮށްފިން.... ޔަޤީން އަހަރެން ލޯބިވެރިޔަކަށް ވެސް އެވަރަށް ނުގުޅާނޭކަން" ލިޒީ ހިތްހަމަނުޖެހިފައި ހުރިވަރު އޭނާގެ އަޑުން އައިރާއަށް އެނގުނެވެ. މަޑުމަޑުން އައިސް ލިޒީގެ އަތުގައި ހިފައިގެން ގެނެސް އެނދުގެ މަގަތުގައި ބޭންދިއެވެ. އަދި އައިރާ ވެސް ލިޒީގެ ގާތުގައި އިށީނެވެ.

"ލިޒީއާއި ނިޔާނުގެ ކައިވެނި ހަމަޖެހިފައި އޮތީތަ ދާއޫދުބެ އެފަދަ ވާހަކައެއް އެ ދެއްކީ... ލިޒީ އެފަދަ ކަމެއް ސިއްރުކޮށްފާނަންތަ؟ ޕްލީޒް... ދޮގުނުހަދާ ބުނައްޗޭ... ލިޒީ ބޭނުންނަމަ އަހަރެން އެންމެ ލޯބިވާ މީހާ ވެސް ލިޒީދޭނެކަން އެނގޭ ދޯ" އައިރާ މިހެން ބުނުމާއެކު އޭނާގެ ބޮލުގެ ފުއްކިބައިގައި ލިޒީ ޖަހައިފިއެވެ.

"ސިކުނޑި ގުޑާވަރަށް ޖަހާލީމާތަ އައިރާއަށް ވިސްނޭނީ... ފުރަތަމަ ދުވަހު ވެސް ނިޔާނު ކަމުދިޔަނަމަ އަހަންނަށް އެކަން ސިއްރެއް ނުކުރެވުނީސް... ޚާއްޞަކޮށް އައިރާގެ ގާތުގައި... ބައްޕަ އެ އުޅެނީ މޮޔަވެގެން... އެއްވެސް މީހަކު ކިޔާ އެއްޗެއް އައިރާ ނުވާނެ މީގެ ފަހުން ޤަބޫލުކޮށްގެން... ނިޔާނު އެ ހުރީ ހަމަ ރަނގަޅަށް ވެސް އައިރާދެކެ މޮޔަވެފައި... ޔޫ ބޯތް އާ ޕާފެކްޓް ފޯ އީޗް އަދަރ... ސޯ ޕްލީޒް އައިރާ... މީހަކު އެއްޗެއް ބުނާއިރަށް ތިހާ ހިތްބަލިނުވެބަލަ... ޔޫ ހޭވް ޓު ފައިޓް ފޯ ޔޯ ރައިޓްސް" ލިޒީ އޭނާގެ އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ހިމޭންކަން ޚިޔާރުކުރި އައިރާ މަޑުމަޑުން ލިޒީގެ އަތުގައި ހިފާލުމާއެކު އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އައިރާ ވާހަކަދައްކަން ފެށިއެވެ.

"ޝަމްއާނަށް ވީގޮތް ނިޔާނު ކިޔާދިންތަ؟"

"އާނ! ރަނގަޅު ބޮނޑިއެއް ލިބިއްޖެއެއްނު... މިހާރު ދެން އެކަމާ އައިރާ ހާސްވާކަށް ނުޖެހޭނެއެއްނު" ހީނގެންފައި ލިޒީ ބުންޏެވެ.

"ނިޔާނު ބުނީ އޭނާ މާލެ ގޮސްފައި އަހަރެން ބަލާ އަންނާނަމޭ... އޭނާގެ މަންމައާ ބައްދަލުކޮށްފައި އަހަރުމެން ދެމީހުންގެ ވާހަކަ ކިޔައިދީފައި، އިންނަން އުޅޭ ވާހަކަ ވެސް ބުނާނަމޭ ބުނި.... ލިޒީ! ނިޔާނުގެ މަންމަ ނުރުހިއްޖެއްޔާ އޭނާ އެނބުރި އަހަރެން ބަލާ އަތުވެދާނެތަ؟"

"އެހެންވެތަ ނިޔާނުގެ ފޯނު ނުނަގަނީ" ބޯއަރިކޮށްލަމުން ލިޒީގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އައިރާގެ މޫނަށް ބަލާލަން ލިޒީ މަސައްކަތް ކުރިއެވެ.

"ދާއޫދުބެގެ ނުރުހުމުގައި ހަމަ ސީރިއަސްކޮށް ވެސް އަހަންނަކަށް ނުކެރޭނެ ތިގެއަށް ދެން ވަންނާކަށް" އައިރާ ބުންޏެވެ.

"ބައްޕަ ނެތްގަޑިތަކުގައި ވަދެވިދާނެއެއްނު... މަންމަ ބުނީ ބައްޕައަކަށް ވެސް މަނައެއް ނުކުރެވޭނެއޭ އައިރާ މިގެއަށް ވަނުން، އެނގެއެއްނު މަންމަ އައިރާއަށް ކެއަރ ކުރާކަން... އެކަމާ ދެން އެހާ ބޮޑަށް ނުވިސްނާ... އަހަރެން ވެސް މިހާރު އޯކޭ... އައިރާ ފެނުނީމަ އޯކޭވެއްޖެ... އެކަމަކު އަދިވެސް އެކަކު އެބަހުރި އައިރާގެ ހާލެއް ނޭނގިގެން ނޭވާ ހުއްޓޭ ހިސާބަށް ގޮސްފައި... ދެން ހިނގާ އޭނާ އާ މީޓުކޮށްލަން"

"ދެން ގޮސްފިއްޔާ މަޣުރިބު ނަމާދަށް ގެއަކަށް ނާދެވޭނެ" އައިރާ ބުނެލިއެވެ.

"އޯކޭ... އެކަމަކު މިރޭ ވާނެ ހިނގާލަން ދާން... ރޭގައި ފުލްމޫނު... އަދި މިރޭ މާ ރީތިވާނެ... ފަސްގަނޑު ވެސް އޮންނާނީ އެއްކޮށް ދިއްލިފައި... މިރޭ ދިހަގަޑިބައިގަ އަންނާނަން ބަލާ... ނޫނެކޭ ނުބުނާތި" ލިޒީ ދެއްކި ވާހަކައަށް އައިރާ ބޯޖަހާލިއެވެ.

"ދެން ލިޒީދޭ..." ލިޒީއާ ދުރަށް ޖެހިލާފައި އައިރާ ބުންޏެވެ.

"އަހަރެން ދިޔަޔަސް ނިޔާނަށް ގުޅާލަބަލަ... އިރުއިރުކޮޅާ މަށަށް ގުޅާވަރުން ބޯހަލާކު" ސަމާސާ ގޮތަކަށް ލިޒީ ބުންޏެވެ.
މަސައްކަތްތައް ނިންމާލުމަށްފަހު އައިރާ ބޭރަށް ނުކުމެލަން އުޅޭ ވާހަކަ ސިޓިންރޫމުގައި އިން ތާއިބުގެ ގާތުގައި ބުނެލިއެވެ. ނަސީބަކުން މިރޭ ހިޝްމާއެއް ނެތެވެ. ޓީވީއަށް ނަޒަރު ހުއްޓާލައިގެން ތާއިބު އިނެއްކަމަކު އޭނާގެ ސަމާލުކަން އެހެން ދިމާއަކަށް ކޮންމެވެސް ފިކުރެއްގައި އިން ތާއިބު ފެށީ އެހެން ވާހަކައެކެވެ.

"އައިރާވެއްޖެ ބޭބެއަށް އެހީއެއްވެދެން..." ތާއިބު އިނދެފައި ބުނިއެއްޗަކުން އައިރާގެ ސިކުނޑީގައި ސުވާލުމާކެއް ޖެހިގެންދިޔައެވެ.

(ނުނިމޭ)