މި އިންތިޚާބެއް ބޯމަތިވަމުން އައިއިރު ހިޔާލު ހޯދުމުގެ ވޯޓްތަކުގައި ނަތަންޔާހޫ އުޅުއްވީ ފަހަތުގަ އެވެ. އެންމެން ވެސް ބުނަމުން ދިޔައީ ލިކޫޑް ޕާޓީގެ މައްޗަށް ކަދީމާ ޕާޓީ އިން ތަފާތު ބޮޑުކޮށް ކުރި ހޯދާނެ ކަމަށެވެ.
އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް މި ހިޔާލު ހޯދުމުގެ ނަތީޖާ އައީ ދިމާވަމުންނެވެ. ނަމަވެސް އެންމެފަހު ވަގުތު ވޯޓްގެ ނަތީޖާ ނަތަންޔާހޫ އާއި ލިކޫޑް ޕާޓީގެ އަތަށް އެނބުރި ބޮޑު ވަޒީރު ކަމަށް ނަތަންޔާހޫ އަނެއްކާވެސް ވަޑައިގެންނެވީ އެވެ.
މި އިންތިޚާބުގެ ނަތީޖާ ނަތަންޔާހޫއާ އެއްކޮޅަށް އަނބުރާލީ އަލުން ބޮޑުވަޒީރު ކަމަށް އިންތިޚާބުކޮށްފި ނަމަ ފަލަސްތީނުގައި ދުވަހަކު ވެސް ދައުލަތެއް ގާއިމުވިޔަ ނުދެއްވާނެ ކަމަށް ނަތަންޔާހޫ ވައުދުވެ ވަޑައިގަތުމުންނެވެ. ނަތަންޔާހޫގެ މި ވާހަކަ ގަބޫލުކޮށް، އިޒްރޭލުގެ ޔަހޫދީންގެ ހަރުކަށި ވިސްނުމުގެ ވަރަށް ގިނަ ބަޔަކު އެ ބޭފުޅާއަށް ވޯޓް ދިނީ އެވެ.
ނަމަވެސް ނަތަންޔާހޫގެ އެ ވައުދަށް ވީ އެންމެ ދެ ދުވަހެވެ. ބޮޑުވަޒީރު ކަމުގެ ކާމިޔާބީއާއެކު އެ ވައުދުމަތިން ހަނދާން ނައްތާލައްވައިފި އެވެ.
ނަތަންޔާހޫ މިހާރު ވިދާޅުވަނީ ފަލަސްތީނުގައި ދައުލަތެއް ގާއިމުނުކޮށް އިޒްރޭލުގައި ހަމައެކަނި ދައުލަތެއް އޮންނަ ސިޔާސަތަކަށް ތާއީދުކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ފަލަސްތީނާއި އިޒްރޭލުގައި ވެސް މިނިވަން ދައުލަތެއް ގާއިމުކުރެވޭ ކަހަލަ ސުލްހައިގެ އެއްބަސްވުމެއް ކަމަށެވެ.
މިއީ ކެމްޕޭންގެ ފަހު ދުވަހު ނަތަންޔާހޫ އޭނާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ މުޅިން ޚިޔާލު ވާހަކަ އެކެވެ. އެކަމަކު، ކޮންމެއަކަސް ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަ އަށް އަލުން ނޭވާލުމުގެ ފުރުސަތު ލިބިގެން ދިޔަ ވާހަކައެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
އެހެންވީމަ ނަތަންޔާހޫގެ ވާހަކަ މިހާ އަވަހަށް ބަދަލުކޮށްލެއްވި ސަބަބަކީ ކޮބައިތޯ އެވެ؟
އެމެރިކާ އެވެ. ބޮޑުވަޒީރު ކަމުގެ އާ ދައުރެއް ނަތްނަޔާހޫ އަށް ލިބިވަޑައިގަތުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ބުރާސްފަތި ދުވަހު ފޯނުން ނަތަންޔާހޫ އަށް ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ.
އެއަށް ފަހު އެމެރިކާގެ އެމްއެސްއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ސިޔާސަތު ބަދަލު ނުކުރައްވާ ކަމަށާއި ބޭނުންވެ ވަޑައިގަންނަވަނީ އިޒްރޭލާ އެކު ފަލަސްތީނުގައި ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތު ކަމަށެވެ.
ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮތުމަށް ތާއީދުކުރައްވާ ކަމަށް ނަތަންޔާހޫ ވިދާޅުވިޔަސް ހަމާސްއާ އެކު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުން ގުޅުން ބާއްވާހާ ހިނދަކު ސުލްހައިގެ މަސައްކަތުގައި ކުރިއެރުމެއް ނުހޯދޭނެ އެވެ. އެހެންވީމަ ސުލްހައިގެ ކުރިއެރުންތަކަކަށް އެދިވަޑައިގަންނަވާ ނަމަ ހަމާސްއާ ފަތަހަ ޖަމާއަތުން ގުޅުން ކަނޑާލަން ޖެހޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވެ އެވެ.