އަންހެނުން

ގާތުން ދިނުމުން ދަރިފުޅުގެ ވިސްނުން ގަދަވޭ: ދިރާސާ

ގާތުންދިނުމަކީ ދަރިފުޅުގެ ވިސްނުމުގެ ބާރުގަދަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މަޝްހޫރު މެޑިކަލް ޖާނަލް، ދަ ލޭންސެޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓަކީ ބްރެޒިލްގެ ފެޑެރަލް ޔުނިވާސިޓީ އޮފް ޕިލޯޓަސްގެ ތަޖުރިބާކާރުން ގާތްގަނޑަކަށް 3،500 އެއްހާ ކުދިން ބޭނުންކޮށްގެން ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ މި ކުދިންތައް ބޮޑެތި މީހުންނަށް ބަދަލުވަމުން ދިޔައިރު، ގާތުންދިން ކުދިންގެ ވިސްނުން، ގާތުން ނުދޭ ކުދިންނާ ތަފާތުކަން، އެކި މަރުހަލާގައި ކުރިއަށް ގެންދިޔަ އައިކިއު ޓެސްޓްތަކުން ފާހަގަކުރެވުނު ކަމަށެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ތަޖުރިބާކާރު ޑރ. ބާނާޑޯ ލީސާ ހޯޓާ ވިދާޅުވެފައި ވަނީ ދިރާސާގައި ބޭނުންކުރި ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ އެއް މަސް ނުވަތަ އެއް އަށް ވުރެ ވެސް ކުރު މުއްދަތަކަށް ގާތުން ދިން ކުދިންނާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގާތުން ދިން ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ގިނަ ދުވަހަށް ގާތުން ދިން ކުދިން އައިކިއު ޓެސްޓްތަކުން ހޯދި ނަތީޖާ މަތި އެވެ.

މި ދިރާސާއާ ގުޅިގެން ތަޖުރިބާކާރުން ބުނަނީ ތުއްތު ދަރިފުޅުގެ ފުރަތަމަ ހަ މަސް ދުވަހު ގާތުންދިނުމުގެ ފައިދާ ބޮޑުކަން އަނެއްކާވެސް ހާމަވެގެން ހިނގައްޖެ ކަމަށާއި މިއީ ހުރިހައި އެންމެ ވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.

މައިމީހާގެ ކިރު، ސެޗުރޭޓެޑް ފެޓީ އެސިޑުން މުއްސަނދިވެފައިވާއިރު ތަޖުރިބާކާރުން ބުނަނީ އެއީ ސިކުނޑީގެ ތަރައްގީ އަށް ބޭނުންވާ ނިކަން މުހިންމު މާއްދާއެއް ކަމަށެވެ.