ކާނާ

ފަޅޯ: ކޮބާހޭ، ކޮބާހޭ މަގޭ ލޯބި އާއިޝާ؟

"މާ ދުރުގައިވީ ފަޅުރަށެއްގައި، ފަޅޯ ބިނދެ، ބިނދެ، ބިނދެ، ބިނދެ..."

ހަމަ ބިނދެލައި މަށާލައި ފަޅާލައި ކޮށާލައިގެން ބަނޑުފުރެންދެން ކާންވީ އެވެ. ނުވަތަ ގިރާލައިގެން ޖޫހަކަށް ހަދާލައިގެން ބުޔަސް މައްސަލައެއް ނެތެވެ. ފަޅޮލެވެ.

އަގުހެޔޮކޮށް ލިބެން ހުރި މި މޭވާގެ އަގުހުރި ފައިދާތައް ލިބިނުގަންނަންވީ ކީއްވެގެންތޯ އެވެ؟ 

ފަޅޮލުގެ ދަނޑުވެރިކަމުގެ އެންމެ މުސްކުޅި ތާރީޚެއް އޮތީ މެކްސިކޯގަ އެވެ. ނަމަވެސް މިހާރު ފަޅޮލުގެ ދަނޑުވެރިކަން އެންމެ ގަދަ އަށް ކުރަނީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގަ އެވެ.

އެންމެ ގިނައިން ފަޅޯ ބާޒާރަށް ނެރޭ ގައުމަކީ އިންޑިއާ އެވެ.

ފަޅޯ ގަހަށް ބަލާއިރު މީގައި މި އުޅެނީ ތިން ވައްތަރެކެވެ. އެއީ އަންހެން ފަޅޯގަހާއި ފިރިހެން ފަޅޯގަސް އަދި އަންހެން - ފިރިހެން ފަޅޯގަހެވެ. ފިރިހެން ފަޅޯ ގަހަކީ ފަޅޯ އަޅާ ގަހެއް ނޫނެވެ. އަންހެން ފަޅޯ ގަހުގައި އަޅަނީ މާ ކުޑަ ފަޅޮލެވެ. ކާން ކަމުދާ ވަރުގެ ފަޅޮލެއް އަންހެން ފަޅޯ ގަހަކަށް ވެސް ނުދެވެ އެވެ. 

އެހެންވީމަ މި މީރު މޭވާ އަހަރެމެންނަށް ފޯރުކޮށްދެނީ، އަންހެން - ފިރިހެން ފަޅޯގަހުންނެވެ.

އެއްގޮތަކަށް ވެސް "އާއިޝާ" ގެއްލުނީމަ ހިތަށް ވެރިވާ މާޔޫސްކަމުން ސަލާމަތްކޮށްދޭ ވާހަކައެއް ނޫނެވެ. ފަހަރެއްގައި ހިތުގައި އަޅާ އެ ވޭނަށް ވެސް ފަރުވާއަކަށް ވެދާނެ އެވެ.

ކޮންމެއަކަސް ތަޖުރިބާކާރުން ބުނަނީ ފަޅޮލަކީ ހިތުގެ ބަލިތަކުން ސަލާމަތްވެ ހުރުމަށް އެދޭ ނަމަ ގަވާއިދުން ކެއުން މުހިންމު މޭވާއެއް ކަމަށެވެ. އޭގައި ހިމެނޭ ވިޓަމިން ސީ އާއި ވިޓަމިން އީ އަދި އެންޓިއޮކްސައިޑެންޓްސްގެ ގޮތުގައި ހަރަކާތްތެރިވާ ބީޓާ-ކެރޮޓީން އާއި ލިކޮޕީން އަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ މާއްދާތަކެވެ.

ކޮލެސްޓްރޯލް މަތިވެގެން ގޮސް، ލޭ ދައުރުކުރާ މައި ނާރުތައް ބެދުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމެކެވެ. އެހެންވީމަ ތަޖުރިބާކާރުން ބުނަނީ ފަޅޯ ކައިގެން އެ ނާރުތަކުގެ ހިނގުން ފަސޭހަކުރެވިދާނެ ކަމަށެވެ.

ލޮލުގެ ސިއްހަތު ރަނގަޅު ކުރުމަށް ވިޓަމިން އޭ މުހިންމުވާއިރު ފަޅޮލުގައި ހިމެނޭ އެންޓިއޮކްސައިޑެންޓް މާއްދާތައް ކަމުގައިވާ ބީޓާ ކެރޮޓީން އަކީ ލޮލަށް ބޭނުންވާ ވިޓަމިން އޭ ފޯރުކޮށްދޭ މާއްދާއެކެވެ.

އެހެން ކަމަށްވާ ނަމަ ފަޅޮލަކީ އެކަމަށް ވެސް އޮތް ނިކަން މީރު މޭވާއެކެވެ. ފަޅޯގައި ހިމެނޭ އެންޒައިމްސް އަކީ ހަނށިގަނޑަށް އެތެރެކުރާ ޕްރޮޓީންގެ ބާވަތްތައް ތަޅައި، ފުނޑައި ކުދިކުދިކޮށް އެމައިނޯ އެސިޑަށް ބަދަލުކުރާ ފާރަވެރި ލަޝްކަރެކެވެ.

ޕްރޮޓީންސް ރަނގަޅަށް ހަޖަމުނުވުމަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވަފާނެ ކަމެކެވެ.

ފަޅޮލުގައި ހިމެނޭ އެންޒައިމެއް ކަމުގައިވާ ޕްރޮޓިއޯލިޓިކް އަކީ ޕްރޮޓީންސް ރަނގަޅަށް ހަޖަމުކޮށް ދިނުމަށް އެހީތެރިވެދޭ ހާއްސަ އެންޒައިމެކެވެ.

އެހެންވީމަ ކައި ނިންމާލާފައި ޑެޒަޓަކަށް މި އަށް ވުރެ ރަނގަޅު މޭވާއެއް ކޮބައި ހެއްޔެވެ؟