ބޭރު ކުޅިވަރު

ރެއާލްއާ ދެކޮޅަށް ނަޕޯލީ ކުޅުންތެރިންނަށް ހިތްވަރު ދޭން މެރަޑޯނާ

Feb 15, 2017

ޗެމްޕިއަންސް ލީގްގައި މިރޭ، ރެއާލް މެޑްރިޑާ ދެކޮޅަށް އިޓަލީގެ ނަޕޯލީ ކުޅޭ މެޗުގެ ކުރިން، ކުޅުންތެރިންނަށް ހިތްވަރުދީ ރޫހް އުފެއްދުމަށް، ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާ، ނަޕޯލީގެ ޗޭންޖިން ރޫމަށް އައުމަށް ނަޕޯލީގެ ކޯޗް މައުރީސިއޯ ސާރީ މެރަޑޯނާ އަށް ދައުވަތު ދީފި އެވެ.

މިރޭ ރެއާލްގެ ދަނޑުގައި، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ މެޗަށް ނިކުންނަ އިރު ޗެމްޕިއަންސް ލީގް ގައި، މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލު ކޮށްފައިވަނީ، 1987 ވަނަ އަހަރު، ގުރޫޕް ސްޓޭޖް ގަ އެވެ.

އޭރު މެރަޑޯނާ ވެސް ކުޅެމުން ދިޔަ ނަޕޯލީގެ ޓީމަށް ރެއާލް ބަލި ކުރެވޭ ގޮތެއް ނުވި އެވެ. އެ ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 2-0 އިން ނެވެ. އަދި ނަޕޯލީގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗު ނިމުނީ 1-1 އިން އެއް ވަރުވެގެންނެވެ.

މިރޭގެ މެޗަށް ނަޕޯލީ އަށް ސަޕޯޓް ކުރުމަށް، ދަނޑަށް ދާނެ ކަމަށް މެރަޑޯނާ ވަނީ ބުނެފަ އެވެ.

"މެޗުގެ ކުރިން ކުޅުންތެރިންނާ މެރަޑޯނާ ވާހަކަ ދައްކާނަމަ އެ ވެގެންދާނެ ކުޅުންތެރިންނަށް ލިބޭނެ ހިތްވަރަކަށް، މިފަހަރު ރެއާލްއާ ދެކޮޅަށް މޮޅުވުމަށް ވަރަށް ބޮޑު އެހީ އަކަށް ވާނެ،" ސާރީ ބުންޏެވެ.

އޭނާ ބުނީ، ރެއާލްއާ ދެކޮޅަށް މިރޭ، ނަޕޯލީ އާންމުކޮށް ކުޅެމުންދާ ސްޓައިލް ބަދަލު ކުރަން ޖެހިދާނެތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އޭނާ ނެރޭނީ ވަރުގަދަ އެޓޭކިން ފޯސް އެއްކަމަށެވެ.

"އަހަރެމެން ޖެހޭނީ އަހަރެމެންގެ ހިޔާލުގައި ޗެމްޕިއަންސް ލީގްގައި ވާދަ ކުރެވޭނީ ކިހިނެއްތޯ ބަލައި އެގޮތަށް ކުޅެން އެ ވާން ޖެހޭނީ ދުނިޔޭގެ ލެވަލުގައި އަހަރެމެންނަށް ވާދަ ކުރެވޭނެ ފޯމިއުލާ އަކަށް،"

"އަހަރެންމެން ކުޅެނީ ވަރުގަދަ އެޓޭކިން ސިސްޓަމަކަށް، ނަމަވެސް ޑިފެންސް ކުރެވޭނެ ގޮތަށް، ފޯވަޑް ލައިން ގައި ބޭނުން ކުރާނީ ހަަތަރެއް ނުވަތަ ތިން ކުޅުންތެރިންތޯ އަހަރެން މިދަނީ ވިސްނަމުން." ސާރީ ބުންޏެވެ.

ރެއާލްއާ ނަޕޯލީ ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގައެވެ.