ހޮލީވުޑް

ކާޓް ކޮބެއިންގެ ޑޮކިއުމެންޓްރީ: ފުރަތަމަ ޓްރެއިލާ

ކާޓް ކޮބެއިންގެ ފޭނުންގެ އިންތިޒާރު އެންމެފަހުން ނިމުމަކަށް އަންނަނީ އެވެ.

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް، ނިރުވާނާގެ ފައުންޑާ އަދި ލަވަކިޔުންތެރިޔާ ކާޓް ކޮބެއިންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އާ ޑޮކިއުމެންޓްރީ ފިލްމުގެ ރަސްމީ ޝޯތަކަށް ތައްޔާރުވެއްޖެ އެވެ.

"ކާޓް ކޮބެއިން: މޮންޓޭޖު އޮފް ހެކް" ގެ ނަން ދީފައިވާ މި ފިލްމު އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ސިނަމާތަކަށް ނުކުންނާނެ އެވެ. އެއަށް ފަހު އެޗްބީއޯ އިން މެއި މަހު މި ފިލްމު ދައްކާނެ އެވެ.

އެންމެން ވެސް ބުނަނީ މިއީ ކާޓް ކޮބެއިންގެ ހަޔާތުގެ މައްޗަށް މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ފިލްމު ކަމަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޑޮކިއުމެންޓްރީ ފިލްމުތަކާ އެކު މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ބެރެޓް މޯގަން އެވެ.

އޭނާގެ "އޮން ދަ ރޯޕްސް" އަކީ 2000 ވަނަ އަހަރު އޮސްކާގައި އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑަށް ވާދަކުރި ފިލްމެކެވެ.

ކޮބެއިންގެ ހަޔާތުގެ މައްޗަށް މި ޑޮކިއުމެންޓްރީ އުފެއްދުމުގެ މަސައްކަތަށް މޯގަން ނުކުތީ ކޮބެއިންގެ ހުވަފަތް އަންހެނުން، ކޯޓްނީ ލަވްގެ އެދުމަކަށް 2007 ވަނަ އަހަރު އެވެ. އެހެންވީމަ މިއީ ކާޓް ކޮބެއިންގެ އާއިލާގެ އެއްބާރުލުން ލިބިގެން އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ.

ފިލްމުގައި ގިނަ އަދަދަކަށް ކޮބެއިންގެ އާއިލާގެ ޕާސަނަލް ވީޑިއޯ ފުޓޭޖުތައް ބޭނުންކޮށްފައިވާއިރު މީގެ ކުރިން އަޑު އިވިފައިނުވާ އޭނާގެ ލަވަތައް ވެސް ފިލްމުގައި ބޭނުންކޮށްފައިވެ އެވެ. ފިލްމުގެ ބައެއް މަންޒަރުތަކުގައި ކޮބެއިންގެ ވާހަކަ ކިޔައި ދީފައި ވަނީ އެނިމޭޓް ކޮށްފައިވާ ކޮބެއިންގެ ކެރެކްޓާއެއް ބޭނުންކޮށްގެންނެވެ.

މި ފިލްމު ސަންޑޭންސް އާއި ބާލިން ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފައިވާއިރު ފިލްމަށް ދަނީ މިހާރު ވެސް ތައުރީފު އޮހެމުންނެވެ.